22 އޮކްޓޯބަރ 2016 - 09:28

ރައްޔިތުންގެ މަޖިލީހުގެ ގިނަ މަސައްކަތްތަކެއް ހިނގަމުން އަންނަ މާލިއްޔަތު ކޮމެޓީގެ މެމްބަރު ކަމުން އޭދަފުށީ ދާއިރާގެ ޕީޕީއެމް މެމްބަރު އަހްމަދު ސަލީމް (ރެޑްވޭވް) އިސްތިއުފާ ދެއްވުމުން ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އެ ކޮމެޓީއަށް ހަމަޖައްސައިފި އެވެ.

ސަލީމްގެ ބަދަލުގައި އަބްދުއްރަހީމް ކޮމެޓީއަށް ހަމަޖެއްސިކަން ޕީޕީއެމް ޕާލެމެންޓްރީ ގްރޫޕުން ނިންމައި، މަޖިލީހުން އިއުލާންކުރީ މިދިޔަ ބުރާސްފަތީގަ އެވެ.
ސަލީމަކީ ބޮޑު ކޯޅުންގަނޑެއްގެ ތެރޭގައި އޮތް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ތާއީދުކުރައްވާ މެމްބަރެކެވެ. އަދި އަބްދުއްރަހީމް ހުންނެވީ ރައީސް އަބްދުﷲ ޔާމީންގެ ކޮޅުގަ އެވެ.
މީގެ އިތުރުން މިނިވަން މުއައްސަސާތަކުގެ ކޮމެޓީން އިސްތިއުފާ ދެއްވި ވިލިފުށީ ދާއިރާގެ މެމްބަރު އަދި ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު ރިޔާޒް ރަޝީދުގެ ބަދަލުގައި އެ ކޮމެޓީއަށް ތ. ގުރައިދޫ ދާއިރާގެ ޕީޕީއެމް މެމްބަރު ހުސެއިން މަނިކު ދޮންމަނިކު ވެސް ވަނީ ހަމަޖައްސައިފަ އެވެ.
ރިޔާޒް ވަނީ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމީޓީ (241 ކޮމެޓީ)ން ވެސް އިސްތިއުފާ ދެއްވައިފަ އެވެ. ނަމަވެސް އޭނާގެ ބަދަލުގައި އެ ކޮމެޓީއަށް އަދި މެމްބަރެއް އައްޔަނެއް ނުކުރެ އެވެ.
މަޖިލިހުގައި ސަލީމް ހިމެނިވަޑައިގަންނަވާ ހަމަައެކަނި ކޮމިޓީން މިދިޔަ އޮގަސްޓް މަހު އިސްތިއުފާ ދެއްވީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހުއްޓުވާ ބިލް ރައްޔިތުންގެ މަޖިލިހުން ފާސްކުރަން ތްރީ ލައިން ވިޕް ނެރެފައި ވަނިކޮށް، އެއާ ހިލާފުވެވަޑައިގަތުމުން ޕީޕީއެމްގެ ވައިބާ ގްރޫޕުން ބޭރުކޮށްފައި ވަނިކޮށެވެ.
މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ރިޔާޒް އިސްތިއުފާ ދެއްވީ އެހެން މެމްބަރުންނަށް ކޮމެޓީތަކުން ފުރުސަތު ދިނުމަށް ކަމަށް ވިދާޅުވެ އެވެ. ރިޔާޒާއި ހުސެއިން މަނިކަކީ ރައީސް ޔާމީން ފެކްޝަނަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރުންނެވެ.
ރައީސް ޔާމީނާއި ޕީޕީއެމްގެ ރައީސް މައުމޫނާ ދެމެދު އުފެދުނު މައްސަލަތަކާ ހެދި ޕީޕީއެމް ދެ ފަޅިވެ ދެ ފެކްޝަނެއްގެ ގޮތުގައި ހިންގަން ފަށާފައިވާއިރު، މި ހަމަނުޖެހުމުގައި، މަޖިލީހުގެ މެމްބަރުން ވެސް ވަނީ ދެ ބަޔަށް ބެހިފަ އެވެ.