11 ޖުލައި 2020 - 12:32

ޖެނީވާ (ޖުލައި 11) - ކޮރޯނާވައިރަސް ހަލުވިކަމާ އެކު ފެތުރެމުންދާ ގައުމުތަކުން، ބަލި ކޮންޓްރޯލް ކުރުމަށް ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ގޮވާލައިފި އެވެ.
ވޭތުވެދިޔަ ހަ ހަފުތާ އަށް ބަލާއިރު އަލަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ ދެ ގުނަ އިތުރުވެފަ އެވެ. އުޒްބެކިސްތާން، ހޮން ކޮން އަދި އޮސްޓްރޭލިއާ އާއި އިންޑިއާގެ ބައެއް ސިޓީތައް ވަނީ އަލުން ލޮކްޑައުން ކުރަން ޖެހިފަ އެވެ.
ޑަބްލިއުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރެޔެސުސް ވިދާޅުވީ ހަލުވިކަމާ އެކު ބަލި ފެތުރުނު ނަމަވެސް، އަދިވެސް ކޮންޓްރޯލް ކުރެވިދާނެ ކަމަށެވެ.
ކޮރޯނާވައިރަހުގެ ކޭސްތައް އިތުރުވާން ފެށުމުން އުޒްބެކިސްތާން ވަނީ ހުކުރު ދުވަހުން ފެށިގެން އަލުން ލޮކްޑައުންކޮށްފަ އެވެ. އެ ގައުމު އެންމެ ފުރަތަމަ ލޮކްޑައުން ކުރީ މާޗް މަހު އެވެ. ނަމަވެސް އޭގެ ފަހުން ވޭތުވެދިޔަ ދެމަސް ދުވަހު ތެރޭ ވަނީ ލޮކްޑައުން އަށް ލުއިދޭން ފަށައިފަ އެވެ. އުޒްބެކިސްތާނުގެ ރެސްޓޯރެންޓްތަކާއި ޖިމް އަދި ސްވިމިން ޕޫލްތަކާއި މާރުކޭޓްތައް ވަނީ އޮގަސްޓް 1 އާ ހަމައަށް މިހާރު ބަންދުކޮށްފަ އެވެ. ޕްރައިވެޓް ޓްރާންސްޕޯޓް ވެސް ވަނީ ގާތްގަނޑަކަށް ހުއްޓުމަކަށް ގެނެސްފަ އެވެ.
ހޮން ކޮންގުގައި ވެސް ވައިރަސް ވަރަށް ބޮޑަށް ކޮންޓްރޯލްކޮށްފައި ވަނިކޮށް، އަންގާރަ ދުވަހުން ފެށިގެން، އާ ކްލަސްޓާތައް ފެންނަން ފެށުމުން މިހާރު ވަނީ އަލުން ލޮކްޑައުންކޮށްފަ އެވެ.
މުޅި ދުނިޔޭން މިހާތަނަށް ވަނީ 12.6 މިލިއަން މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ 562,921 މީހުން މަރުވެފަ އެވެ. އެންމެ ހަލުވިކަމާ އެކު ބަލި ފެތުރެނީ އެމެރިކާ، ބްރެޒިލް އަދި އިންޑިއާގަ އެވެ.