ރަންދީޕް ހޫޑާ ހޮލީވުޑްގެ އެޖެންސީއަކާ އެކު ސޮއިކޮށްފި
ރަންދީޕް ހޫޑާ ހޮލީވުޑްގެ އެޖެންސީއަކާ އެކު ސޮއިކޮށްފި

މި ފަހަކަށް އައިސް ހޮލީވުޑުން ފުރުސަތުތައް ހޯދަން އެ އިންޑަސްޓްރީގެ އެޖެންސީތަކާ ބައިއަތު ހިފާ ބޮލީވުޑްގެ ތަރިން އިތުރުވަމުން އަންނަ އިރު، އެކްޓަރު ރަންދީޕް ހޫޑާ ވެސް ހޮލީވުޑްގެ އެޖެންސީއަކާ އެކު ސޮއިކޮށްފި އެވެ.

ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި އެޕްރީލް މަހު ރިލީޒްކުރި ހޮލީވުޑްގެ ފިލްމު "އެކްސްޓްރެކްޝަން" ގެ ރޯލެއް ވެސް ކުޅުނު އެކްޓަރު ސޮއިކުރީ ނިއު ޔޯކްގެ އޯތެންޓިކް ޓެލެންޓް އެންޑް ލިޓްރަރީ މެނޭޖްމަންޓް ކިޔާ އެޖެންސީއަކާ އެވެ. މި އެއްބަސްވުމުގެ ދަށުން ހޮލީވުޑްގެ ޕްރޮޖެކްޓްތަކުން ރަންދީޕަށް ފުރުސަތުތައް ހޯދައިދޭން އެތަނުން މަސައްކަތްކޮށްދޭނެ އެވެ.

"އެވެންޖާޒް" ގެ ޑައިރެކްޓަރުން ކަމަށްވާ އެންތަނީ އާއި ޖޯ ރުޒޯ ޕްރޮޑިއުސްކޮށް، ކްރިސް ހެމްސްވޯތު ލީޑް ރޯލް ކުޅެ، ނެޓްފްލިކްސް އިން ގެނެސްދިން "އެކްސްޓްރެކްޝަން" އާ ބެހޭ ގޮތުން ރަންދީޕް ބުނީ އެ ފިލްމަށް ލިބުނު ކާމިޔާބީއާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭ ކަމަށެވެ. އަދި އެންމެ އުފާވި ކަމަކީ މުޅިން އާ ބަޔަކާ އެކު މަސައްކަތްކޮށް، ކުރިން ނޭނގޭ އެތައް ކަމެއް ދަސްވާން ފުރުސަތު ލިބުން ކަމަށް ބުންޏެވެ.

އޭނާ ބުނިގޮތުގައި އެކްޓަރަކަށް ލިބޭނެ އެންމެ ބޮޑު ތަޖުރިބާއަކަށްވާނީ އެކި ސަގާފަތްތަކުގެ މީހުންނާ އެކީ މަސައްކަތްކޮށްގެން އެކި ދިމަދިލާމުން ފުރުސަތުތައް ހޯދުމެވެ.

"ސަރަބްޖީތު" އާއި "މާޑާ 3" އާއި "ހައިވޭ" ފަދަ ފިލްމުތައް ކުޅެފައިވާ 43 އަހަރުގެ ރަންދީޕްގެ އެންމެ ފަހުގެ ހިންދީ ފިލްމަކީ ފެބްރުއަރީގައި ރިލީޒްކުރި "ލަވް އާޖް ކަލް" އެވެ. އޭނާގެ ކުރިއަށް އޮތް ފިލްމަކީ "ރާދޭ: އިންޑިއާސް މޯސްޓް ވޯންޓެޑް ބާއީ" އެވެ.