އެކްޓަރު އާމީ ހެމާގެ ކައިވެނި ރޫޅާލަން ނިންމައިފި
އެކްޓަރު އާމީ ހެމާގެ ކައިވެނި ރޫޅާލަން ނިންމައިފި

ހޮލީވުޑްގެ އެކްޓަރު އާމީ ހެމާ އާއި ބަތަލާ އެލިޒަބެތު ޗެމްބާޒްގެ 10 އަހަރުވީ ކައިވެނި ރޫޅައިލަން ނިންމައިފި އެވެ.

ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ އެކްޓަރު ދެ ތަރިންގެ އެންމެ ޒުވާން ދުވަސްވަރުގެ ފޮޓޯއަކާ އެކު އިންސްޓަގްރާމްގައި ބުނީ ދެ މީހުން އެކީގައި ހޭދަކުރި ދުވަސްތަކަކީ އުފާވެރި ދުވަސްތަކެއް ކަމަށާއި ކައިވެނި ރޫޅައިލި ނަމަވެސް، ކުރިއެކޭ އެއްގޮތަށް ދެ މީހުންގެ މެދުގައި ދަރިންގެ ކަންކަމުގައި އަބަދު ވެސް ގާތް ގުޅުމެއް އޮންނާނެ ކަމަށެވެ.

ނަމަވެސް ކައިވެނި ރޫޅައިލަން ނިންމި ސަބަބެއް ހާމަކޮށްފައެއް ނުވެ އެވެ. އާމީ، 33، އާއި އެލިޒަބަތު، 37، ކައިވެނިކުރީ 2010 ގަ އެވެ. އަދި ކައިވެންޏަށް ދެ ކުދިން ލިބިފައިވެ އެވެ. އެއީ ހާޕާ ގްރޭސް ހެމާ، 5، އާއި ފޯޑް އާމަންޑް ޑަގްލަސް ހެމާ، 3، އެވެ.

"ދަ ސޯޝަލް ނެޓްވޯކް" އާއި "ކޯލް މީ ބާއި ޔޯ ނޭމް" އާއި "ހޮޓެލް މުމްބާއީ" އަދި "އޮން ދަ ބޭސިސް އޮފް ސެކްސް" ފަދަ ފިލްމުތައް ކުޅެފައިވާ އާމީގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު ޑިޖިޓަލްކޮށް ރިލީޒްކުރި ސައިކޮލޮޖިކަލް ތުރިލާ "ވޫންޑްސް" އެވެ.

އޭނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ކްއެރީ" އާއި "ޑްރީމްލޭންޑް" އާއި "ޑެތު އޮން ދަ ނައިލް" އާއި "ރެބެކާ" އަދި "ނެކްސްޓް ގޯލް ވިން" ހިމެނެ އެވެ.