11 ޖުލައި 2020 - 10:21

ދަ ގްރާންޑޭ ސްޕޯޓްސް ކްލަބްގެ ކޯޗުގެ މަގާމުގައި ހުރި އިސްމާއިލް މަހަފޫޒް (އިންމަ) އިތުރު އެއް ސީޒަނުގައި އެ ޓީމުގައި މަޑުކުރަން ނިންމައިފި އެވެ.
ފުރަތަމަ ޑިވިޝަނުގައި މިދިޔަ ސީޒަނުގައި އަލަށް ވާދަކުރަން ފެށި ދަ ގްރާންޑޭއާ އެކު އިންމަ ވަނީ ރަނގަޅު މަސައްކަތްތަކެއް ކޮށްފަ އެވެ. ރަނގަޅު ޓީމެއް އެކުލަވާލައިގެން ސީޒަން ފަށައި ލީގުގެ ފުރަތަމަ މެޗުތަކުގައި މޮޅު ކުޅުމެއް ދެއްކި އެވެ. ސީޒަނާ ކުރިމަތިލީ ގަދަ ހަތަރެއްގެ ތެރޭގައި އޮވެ ލީގު ނިންމާލަން ކަމުގައި ވިޔަސް މާލީ މައްސަލަތަކާ އެހެނިހެން ކަންތައްތަކުގެ ސަބަބުން ފަހުން އެ ޓީމުގެ ފޯމަށް ވަރަށް ބޮޑަށް އަސަރުކުރި އެވެ.
ދަ ގްރާންޑޭ މިިދިޔަ ސީޒަނުގެ ލީގު ނިންމާލީ ފަސް ވަނައިގަ އޮވެ އެވެ. އެ ޓީމު ވަނީ ލީގުގައި ކުޅުނު 21 މެޗުގެ ތެރެއިން ހަތް މެޗުން މޮޅުވެފަ އެވެ. އަށް މެޗުން ބަލިވިއިރު، ހަ މެޗު ނިމުނީ އެއްވަރުވެގެންނެވެ. އެފްއޭ ކަޕްގައި ދަ ގްރާންޑޭ ކުޅުނު މެޗުން ފޯކައިދޫ އަތުން މޮޅުވެފައިވަނިކޮށް އެ މުބާރާތް ވަނީ ކެންސަލްކޮށްފަ އެވެ. އެއީ ކޮވިޑް-19ގެ ސަބަބުން އަވަހަށް ސީޒަން ނިންމާލަން އެފްއޭއެމުން ނިންމުމާ ގުޅިގެންނެވެ.
މާޒިޔާ 2006 ވަނަ އަހަރު ފުރަތަމަ ޑިވިޝަންގައި ވާދަކުރަން ފެށި އިރު އެ ޓީމާ ހަވާލުވެ ހުރީ އިންމަ އެވެ. އަހަރުން އަހަރަށް ޓީމު ވަރުގަދަކޮށް ޓީމު ފުރަތަމަ ޑިވިޝަނުގައި ފައިތިލަ ސާބިތުކުރަމުން އައީ އިންމަގެ ކޯޗުކަމުގަ އެވެ. އެކަމަކު އިންމަގެ ކޯޗުކަމުގައި މާޒިޔާ އިން ހޯދި ހަމައެކަނި ކާމިޔާބީ އަކީ 2012 ވަނަ އަހަރުގެ އެފްއޭ ކަޕް އެވެ. އިންމަ މާޒިޔާއާ ވަކިވީ 2014 ވަނަ އަހަރުގެ ސީޒަނުގެ ކުރީކޮޅުގަ އެވެ.
އޭގެ ފަހުން އިންމަ ފެނިގެންދިޔައީ ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގަ އެވެ. އެ މަގާމުގައި ހުރިއިރު، އޭނާ ވަނީ ދެ ފަހަރެއްގެ މަތިން ޓީމުގެ ހެޑް ކޯޗުގެ މަގާމު ވެސް ފުރައިފަ އެވެ. އެއީ ވޯލްޑް ކަޕް ކޮލިފައިންގައި ޗައިނާއާ ދެކޮޅަށް ރަށުން ބޭރުގައި ކުޅުނު މެޗާއި އޭޝިއަން ކަޕް ކޮލިފައިންގައި ޔަމަނާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ.
ގައުމީ ޓީމުގެ މަގާމު ދޫކޮށް އިންމަ ތިން އަހަރަށް ފަހު އެނބުރި އަލުން މާޒިޔާއާ ހަވާލުވީ 2017 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެވެ. އިންމަ މާޒިޔާ ދޫކޮށްލީ 2018 ވަނަ އަހަރުގެ ސީޒަނަށް ފަހު އެވެ. ދެން އޭނާ ހަވާލުވީ ދަ ގްރާންޑޭއާ އެވެ.