12 ޖުލައި 2020 - 08:34

ބޮލީވުޑްގެ އެކްޓަރު ވިވެކް އޮބެރޯއީ ފިލްމު ޕްރޮޑިއުސްކުރަން ނިންމައި، އޭނާ އިއުލާންކުރި ފުރަތަމަ ފިލްމު "އިތީ" ގެ ބަތަލުގެ ރޯލް ވެސް ކުޅެން ނިންމައި އޭގެ ފަސްޓްލުކް ޕޯސްޓަރު ދައްކާލައިފި އެވެ.
ވިޝާލް މިޝްރާ ލިޔެ، ޑައިރެކްޓްކުރާ މި ތުރިލާގައި ވިވެކް ކުޅޭނީ ޕްރަބޫ ސިންގް ކިޔާ ކެރެކްޓާއެކެވެ. ފިލްމުގެ ޝޫޓިން އަންނަ މަހުގެ ތެރޭގައި ފެށުމުގެ ތައްޔާރީތައް ވެސް ވަމުން އަންނަ އިރު، "އިތީ" ގެ އިތުރު ކާސްޓުންނަކީ ކޮބައި ކަމެއް އަދި ނޭނގެ އެވެ.
ބޮލީވުޑުން މިހާތަނަށް މާ ބޮޑު ކުރިއެރުމެއް ހޯދިފައިވާ ނުވާ ވިވެކް އަކީ މަޝްހޫރު އެކްޓަރު ސުރޭޝް އޮބެރޯއީގެ ދަރިއެކެވެ. ފިލްމު "ކޮމްޕެނީ" އިން 2002 ވަނަ އަހަރު ބޮލީވުޑަށް ނުކުތް ވިވެކް އެންމެ ފަހުން ސްކްރީނުން ފެނިފައި ވަނީ މިދިޔަ އަހަރު ރިލީޒްކުރި "ޕީއެމް ނަރެންދުރަ މޯދީ" އިންނެވެ.
ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާންނުކުރާ "އިތީ" އަކީ ވިވެކްގެ ފިލްމު ކުންފުނި އޮބެރޯއީ އޮމެގާ އެންޓަޓައިންމަންޓުން ގެނެސްދޭ ފިލްމެކެވެ. މީގެ މިއުޒިކް ހަދަން ހަވާލުކޮށްފައި ވަނީ ރާޖޭޝް ރޯޝަނާ އެވެ. އޭނާ އަކީ އެކްޓަރު ރިތިކް ރޯޝަންގެ ބައްޕަ އަދި ޑައިރެކްޓަރު ރާކޭޝް ރޯޝަންގެ ކޮއްކޮ އެވެ.
ރާޖޭޝް މިހާތަނަށް މުޅިން ވެސް މިއުޒިކް ހަދާފައި ވަނީ އާއިލީ ކުންފުނީގެ ފިލްމުތަކަށެވެ. އަދި "އިތީ" ވެގެންދާނީ އެހެން ޕްރޮޑަކްޝަން ހައުސްއެއްގެ ފިލްމެއްގައި އޭނާ މަސައްކަތްކުރާ ފުރަތަމަ ފަހަރަށެވެ.
މި ފިލްމުގެ އިތުރުން ވިވެކް ކުންފުނިން ވަނީ "ރޯޒީ: ދަ ސެފްރޯން ޗެޕްޓާ" ކިޔާ ފިލްމެއް ވެސް އިއުލާންކޮށްފަ އެވެ. އެ ފިލްމު ވެސް ޑައިރެކްޓްކުރާނީ "އިތީ" ގެ ޑައިރެކްޓަރެވެ. ވިވެކް ބުނެފައިވާ ގޮތުގައި "ރޯޒީ" އަށް ފުރުސަތު ދޭން ނިންމާފައި ވަނީ އާ ތަރިންނަށެވެ. އަދި ފިލްމުގެ ޝޫޓިން ސެޕްޓެމްބަރު މަހުގެ ތެރޭގައި ފަށާނެ އެވެ.