11 ޖުލައި 2020 - 09:42

ކޮލަމްބޯ (ޖުލައި 11) - ސްރީ ލަންކާގެ ކަންޑަކަޑު ރިހެބިލިޓޭޝަން އެންޑް ޓްރީޓްމަންޓް ސެންޓަރުން ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ 196 މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެއްޖެ އެވެ.
މިއީ ސްރީ ލަންކާ އިން ކޮވިޑް-19 ވަރަށް ބޮޑަށް ކޮންޓްރޯލްކޮށް، ލޮކްޑައުން އުވާލި ފަހުން މިހާ ގިނަ އަދަދެއްގެ މީހުން ޕޮޒިޓިވްވި ފުރަތަމަ ދުވަހެވެ. ކުރިން ލަންކާ އިން ފެންނަމުން ދަނީ ދުވާލަކު އެވްރެޖްކޮށް ހަތަރު ވަރަކަށް ކޭހެވެ. ލަންކާގެ ސިއްހީ އޮފިޝަލުން ދިޔައީ އެޕްރީލް މަހު ފަހުކޮޅުން ފެށިގެން އެ ގައުމުގައި ކޮމިއުނިޓީ ސްޕްރެޑެއް ނެތް ކަމަށް ބުނަމުންނެވެ.
ލަންކާގެ ޑިރެކްޓަރު ޖެނެރަލް އޮފް ހެލްތު ސާވިސަސް ޑރ. އަނިލް ޖަސިންހަ ވިދާޅުވީ ޕޮިޒިޓިވްވި މީހުން ފާހަގަވީ، ރިހެބް ސެންޓަރުގެ ގައިދީންނާއި ސްޓާފުންގެ ތެރޭން ހެދި 338 ކޮވިޑް-19 ޓެސްޓުގެ ނަތީޖާ އިން ކަމަށެވެ. ކަންޑަކަޑު ރިހެބިލިޓޭޝަން ސެންޓަރުން ޕޮޒިޓިވް މީހުންގެ އަދަދު މިހާރު ވަނީ 252 އަށް އަރައިފަ އެވެ.
ޑރ. ޖަސިންހަ ވިދާޅުވީ ޕީސީއާރް ޓެސްޓް ހެދިވަރަކަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުންދާ ކަމަށެވެ. އޭނާ ވިދާޅުވީ ޕޮޒިޓިވްވި މީހުންނާއި ސީދާ ކޮންޓެކްޓްވި އެންމެން ކަރަންޓީންކޮށްފައިވާ ކަމަށެވެ. އަދި މުޖްތަމައު ތެރޭގައި ބަލި ފެތުރިދާނެތީ ރައްކާތެރިކަމުގެ އިތުރު ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
ލަންކާ ސިފައިންގެ ކޮމާންޑަރު ލެފްޓިނެންޓް ޖެނަރަލް ޝަވެންދުރަ ސިލްވާ ވިދާޅުވީ ކަންޑަކަޑުގެ ކަރަންޓީން ސެންޓަރު މިހާރު ހޮސްޕިޓަލަކަށް ބަދަލުކޮށްފައިވާ ކަމަށެވެ.
ކޮލަމްބޯގެ މަޝްހޫރު ވެލިކަޑަ ޖަލުން ވެސް މި ހަފުތާގައި ވަނީ ގައިދީއަކު ޕޮޒިޓިވްވެފަ އެވެ. އެއީ ޖޫން 27 ވަނަ ދުވަހު ކަންޑަކަޑު ސެންޓަރުން ވެލިކަޑަ ޖަލަށް ގެންދިޔަ ގައިދީއެކެވެ.
ކަންޑަކަޑު ރިހެބް ސެންޓަރުގެ ކައުންސެލަރަކު ޕޮޒިޓިވްވުމާ ގުޅިގެން އޭނާ ދިރިއުޅޭ މަރަވިލާ އޭރިއާގެ 10 އާއިލާއަކުން 40 މީހުން ވަނީ ސެލްފް-އައިސޮލޭޓްކޮށްފަ އެވެ.
ލަންކާ އިން މިހާތަނަށް ވަނީ 2،350 މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ 11 މީހުން މަރުވެފަ އެވެ. ލަންކާ އިން ކޮރޯނާވައިރަހަށް އެންމެ ފުރަތަމަ މީހަކު ޕޮޒިޓިވްވެފައި ވަނީ ޖެނުއަރީ 27 ވަނަ ދުވަހު އެވެ. އެއީ ޗައިނާގެ ޓޫރިސްޓެކެވެ. ލަންކާގެ ހެލްތު މިނިސްޓްރީން ބުނީ އެ ގައުމުން މިހާތަނަށް ވަނީ 118,981 ޕީސީއާރް ޓެސްޓް ހަދާފައިވާ ކަމަށެވެ.