10 ޖުލައި 2020 - 23:41

ހދ. ނޮޅިވަރަމާއި އއ. ތޮއްޑޫގެ ހޯމް ކަރަންޓީނުގައި ތިބި ތިން މީހަކު، ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.
ނޮޅިވަރަމް އިން ޕޮޒިޓިވްވެފައި ވަނީ މިދިޔަ ހޯމަ ދުވަހު މާލެ އިން އެ ރަށަށް ދިޔަ އެއްބަނޑު އެއްބަފާ ތިން މީހުންގެ ތެރެއިން ދެ ފިރިހެނުންނެވެ. އޭގެ ތެރެއިން އެކެއްގެ ސާމްޕަލް ނެގީ މާލެއިންނެވެ. ނަމަވެސް އޭނާ ޕޮޒިޓިވްކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެންގީ، ރަށަށް ވެސް ދިޔަ ފަހުން އިއްޔެ ކަމަށް ވެ އެވެ.
އެ މީހާ ޕޮޒިޓިވްވުމުން، އޭނާއާ އެކު ދެން ތިބި ދެ މީހުންގެ ޓެސްޓު ވެސް ހެދި އެވެ. އެކަމަކު ޕޮޒިޓިވްވީ އެކަކެވެ. ދެން ހުރި މީހާ ކޮވިޑް-19 އަށް ނެގެޓިވް ކަމަށް އެޗްޕީއޭ އިން މިއަދު އަންގާފައިވެ އެވެ.
ތޮއްޑޫގައި، ހޯމް ކަރަންޓީނުގައި ހުއްޓައި، އަދި ވަކި ހާއްސަ ފަރުވާއެއް ހޯދިފައިނުވާ ބައްޔަށް ޕޮޒިޓިވްވީ ގާތްގަނޑަކަށް ނުވަ އަހަރުގެ އަންހެން ކުއްޖެކެވެ. އެ ކުއްޖާ ޓެސްޓު ހެދީ، ހޯމް ކަރަންޓީނުގެ 14 ދުވަސް ހަމަވުމުންނެވެ.
އެ ކުއްޖައާ އެކު މަންމަ އާއި ބައްޕަ ވެސް ތިއްބެވެ. އެ މީހުންގެ ނަތީޖާގެ މައުލޫމާތެއް އަދި ސާފެއް ނުވެ އެވެ.
ދެ މަސް ދުވަހަށް ފަހު މިދިޔަ މަހުގެ 15 ވަނަ ދުވަހު ލޮކްޑައުނަށް ލުއި ދިންއިރު، މިއަދަކީ އެންމެ ގިނަ މީހުން ޕޮޒިޓިވްވި ދުވަހެވެ. މިއަދު އެކަނި ވެސް 64 މީހުން ޕޮޒިޓިވްވިއިރު އޭގެ ތެރޭގައި 44 ދިވެހިން ހިމެނެ އެވެ.