10 ޖުލައި 2020 - 22:12

ރާއްޖެ އިން ކޮވިޑް-19 އަށް މިއަދު އެކަނިވެސް 44 ދިވެއްސަކު ޕޮޒިޓިވް ވެއްޖެ ކަމަށް އެޗްޕީއޭ އިން ދެންމެ ބުނެފި އެވެ.
މިއީ މި ބަލިން ރައްކާތެރިވުމަށް މާލެ ސަރަހައްދުގައި އިއުލާންކުރި ތިން މަސް ދުވަހުގެ ލޮކްޑައުން އަށް މިދިޔަ މަހުގެ 15 ގައި ލުއި ދިން ފަހުން މިހާތަނަށް ދިވެހިން އެންމެ ގިނައިން ޕޮޒިޓިވްވި ދުވަހެވެ.
މާސްކް އަޅައި، ސޯޝަލް ޑިސްޓެންސިން އާއި ރައްކާތެރިކަމުގެ އެހެން ފިޔަވަޅުތަކާ އެކު ނޫން ގޮތަކަށް ނޫޅުމަށް އަންގައި، ސަރުކާރުން މިހާރު ހުރިހާ ކަމެއް ކަހަލަ ގޮތަކަށް ދޫކޮށްފައި ވިޔަސް އެޗްޕީއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، އިއްޔެ އާއި މިއަދު ކޮވިޑް ޖެހުނު ދިވެހިންގެ އަދަދު ވަނީ މަތިވެފަ އެވެ. ރާއްޖެ އިން އިއްޔެ އަލަށް އެ ބަލި 36 މީހަކަށް ޖެހުނުއިރު އޭގެ ތެރެއިން ދިވެހިންގެ އަދަދަކީ 33 އެވެ. ދެން ތިބީ ބަންގްލަދޭޝްގެ ދެ މީހަކާއި އިންޑިއާގެ މީހެކެވެ.
އެޗްޕީއޭ އިން މިރޭ ކުރި ޓްވީޓެއްގައި ބުނީ މިއަދު ހަވީރު 6:00 އާ ހަމައަށް އިތުރު 64 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 44 ދިވެއްސަކާއި ބަންގްލަދޭޝްގެ 17 މީހަކާއި އިންޑިއާ ދެ މީހުން އަދި ނޭޕާލްގެ މީހެކެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ން ރޭ ބޭއްވި މީޑިއާ ބްރީފިންގައި އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ، ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ ކޮންޓެކްޓްސް އިތުރުވަމުންދާ ކަމަށެވެ. އެއް ކްލަސްޓާއެއްގައި 33 ކޮންޓެކްސްޓްސް، އެހެން މީހެއްގެ 74 ކޮންޓެކްސްޓްސް ފެނިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ކަހަލަ މަންޒަރުތަކެއް މި ފެނިގެން މިދަނީ. މާނައަކީ ކޮންޓެކްސްޓްސް އެބަ އިތުރުވޭ،" އަފްޒަލް ވިދާޅުވި އެވެ.
ލޮކްޑައުންގެ ލުޔާއެކު، އެޗްޕީއޭގެ މިހާރުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ރާއްޖޭން ޕޮޒިޓިވްވާ މީހުންގެ ތެރޭގައި އެހެން ކްލަސްޓާތަކާ ގުޅުމެއް ނެތް މީހުން އިތުރުވެ، ޕޮޒިޓިވްވި މީހާއާ ކޮންޓެކްޓް ވި މީހުންގެ އަދަދު ވެސް ގިނަވުމެވެ. އެއީ މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ކުރިމަތިވާނެ ގޮންޖެހުމެއް ކަމަށް ސިއްހީ ދާއިރާގެ ބޭފުޅުން ކުރިއްސުރެ އަންނަނީ ވިދާޅުވަމުންނެވެ.
"އިންޑެޕެންޑެންޓް ކޭސްތައް ގިނަ ވުމަކީ އަބަދު ވެސް އަޅުގަނޑުމެން ކަންބޮޑުވާ ކަމެއް. އޯވަރޯލް ނަމްބަރު ދަށްކޮށް ހުންނާތީ ކޮންމެވެސް ވަރެއްގެ ހިތްހަމަ ޖެހުމެއް ލިބުނު ކަމުގައި ވީ ނަމަވެސް މަދު ކޭސްތަކުގެ ތެރޭގައި ވެސް އިންޑެޕެންޑެންޓް ކޭސް ގިނަ ވުމަކީ އެކަމާ އަބަދު ވެސް ސަމާލުކަން ދޭން ޖެހޭ ކަމެއް. އޭގެ މާނައަކީ އަޅުގަނޑުމެންގެ ތެރޭގައި މިހާރު ހަރަކާތްތެރިވެ މިއުޅޭ މީހުންތައް، ހަރަކާތްތައް ވަރަށް ބޮޑަށް ވެސް އިތުރުވެފައިވާކަން. އޭގެ ސަބަބުން އެއް ކޭސް އިން ލިންކްވާ އެހެން ކްލަސްޓާއެއް ފެންނަނީ،" އަފްޒަލް ވިދާޅުވި އެވެ.
އެހެންވެ، އަލުން ލޮކްޑައުންއަކަށް ނުދާ ގޮތަށް، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭގެ ބޭފުޅުން ތަކުރާރުކޮށް އަންނަނީ އިރުޝާދު ދެއްވަމުންނެވެ.
ޑރ. އަފްޒަލް ވިދާޅުވި ގޮތުގައި، މިހާރު ދީފައިވާ ލުއިތަކުން އަނބުރާ ލޮކްޑައުންއަކަށް ދިއުމާއި ނުދިއުމުގެ ބާރު އޮތީ އާންމުންގެ އަތްމަތީގައި ކަމަށެވެ.
"މާނައަކީ އެ މީހުން، ތިޔަބޭފުޅުން އަޅުގަނޑުމެންނަށް ދެއްވާ ތަރުހީބަކުންނޭ ކުރިއަށް އޮތް ފިޔަވަޅުތައް ހާމަ ވެގެންދާނީ،" އޭނާ ވިދާޅުވި އެވެ.
އެޗްޕީއޭގެ އެންމެ ފަހުގެ ހިސާބުތަކަށް ބަލާއިރު، މިއަދު ހަވީރު ހަޔަކާ ހަމައަށް، ކޮވިޑް-19 އިން ރަނގަޅުވީ 11 މީހެކެވެ. މިހާރު ފަރުވާގައި ތިބީ 361 މީހެކެވެ. މިހާތަނަށް ފަރުވާ އިން ރަނގަޅުވީ 2،238 މީހެކެވެ. މިދިޔަ މާޗް 7 ން ފެށިގެން ރާއްޖެ އިން އެ ބަލި ޖެހުނު މީހުންގެ އަދަދަކީ 2،617 އެވެ. މި ބަލީގައި މިހާތަނަށް 13 މީހަކު ވަނީ ރާއްޖެ އިން މަރުވެފަ އެވެ.