މޮންސްޓާ އެނާޖީ ޑްރިންކް ރާއްޖެ އަށް ތައާރަފްކޮށްފި
މޮންސްޓާ އެނާޖީ ޑްރިންކް ރާއްޖެ އަށް ތައާރަފްކޮށްފި

ދުނިޔެ އަށް މަޝްހޫރު މޮންސްޓާ އެނާޖީ ޑްރިންކް މިރޭ ރާއްޖެ އަށް ރަސްމީ ތައާރަފްކޮށްފި އެވެ.

މޮންސްޓާ އެނާޖީ ޑްރިންކް ރާއްޖެ އަށް ތައާރަފްކޮށްފި
މޮންސްޓާ އެނާޖީ ޑްރިންކް ރާއްޖެ އަށް ތައާރަފްކޮށްފި

އެމެރިކާގައި އުފައްދާ މޮންސްޓާ އެނާޖީ ޑްރިންކް ރާއްޖެއަށް ތައާރަފް ކުރީ ކޮކާކޯލާ ކުންފުނީގެ އުފެއްދުންތައް ރާއްޖޭގައި ވިއްކާ މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީ (އެމްއޭޑަބްލިއުސީ) އިންނެެވެ.

މި އެނާޖީ ޑްރިންކް ރާއްޖެ އަށް ތައާރަފް ކުރުމަށް އަލިމަސް ކާނިވާ ސަރަހައްދުގައި މިރޭ 8:00 އިން ފެށިގެން ވަނީ ހާއްސަ މިއުޒިކް ޝޯއެއް ބާއްވައިފަ އެވެ. އެ ޝޯގައި ރާއްޖޭގެ މަޝްހޫރު ފަންނާނުންނާއި ބޭރުގެ ބައެއް ފަންނާނުންގެ ހުށަހެޅުންތައް ފެނިގެން ދިޔަ އެވެ. މި ޝޯގައި ޑީޖޭގެ އިތުރުން އަލިފާން ބޭނުންކޮށްގެން ނެށުމުގެ ހަރަކާތްތައް ވެސް ދައްކާލާފައިވާ އިރު، ކާނިވާ ސަރަހައްދުގައި ހަދާފައިވާ ލައިސެންސް ނަގާ ތަނުގައި ވަނީ ސައިކަލާއި ކާރު ދުއްވުމުގެ ސްޓަންޓުތަކެއް ވެސް ހަދައިފަ އެވެ.

ގިނަ އަދަދެއްގެ ޒުވާނުން ދިޔަ މި ޝޯގައި، މިއުޒިކާއި އެކްސްޓްރީމް ސްޕޯޓްސްގެ ދާއިރާގައި މަގުބޫލް މޮންސްޓާ އެނާޖީ ޑްރިންކްގެ ރަހަ ބަލައިލުމުގެ ފުރުސަތު ވެސް ދިނެވެ. އަދި އެ ތަނުގައި މޮންސްޓާ ދަޅު ބެހި އެވެ.

އެމްއޭޑަބްލިއުސީގެ އޮފިޝަލަކު މިރޭ ވިދާޅުވި ގޮތުގައި އެ ކުންފުނިން މޮންސްޓާ އެނާޖީ ޑްރިންކް ރާއްޖެ އަށް ތައާރަފް ކުރީ އެ އުފެއްދުން ތައްޔާރުކުރާ ކުންފުންޏާ ގުޅިގެންނެވެ. މީގެ ކުރިން ރާއްޖޭގައި މޮންސްޓާ އެނާޖީ ޑްރިންކް ކޮންމެވެސް ވަރަކަށް ވިއްކާފައިވީ ނަމަވެސް، މިއީ ރަސްމީކޮށް މި ވައްތަރުގެ އެނާޖީ ޑްރިންކް ރާއްޖޭގައި ވިއްކަން ފެށި ފުރަތަމަ ފަހަރުކަން އޭނާ ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެންގެ ޑިސްޓްރިބިއުޓަރުން މެދުވެރިކޮށް މޮންސްޓާ އެނާޖީ ޑްރިންކް ލިބެން ހުންނާނެ،" އޮފިޝަލް ވިދާޅުވި އެވެ.

މޮންސްޓާއަކީ ހާއްސަކޮށް އެެމެރިކާގައި އެންމެ މަގުބޫލް އެއް އެނާޖީ ޑްރިންކެވެ. އެގޮތުން، އެެމެރިކާގެ 31.9 ބިލިއަން ޑޮލަރުގެ އަގުހުރި އެނާޖީ ޑްރިންކް މާކެޓްގެ 39 ޕަސެންޓް ކޮންޓްރޯލް ކުރަނީ މޮންސްޓާ އިން ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ. މި ވައްތަރުގެ އެނާޖީ ޑްރިންކް އެންމެ މަޝްހޫރީ ކާރު އަދި ސައިކަލް ރޭސް ޖަހާ މީހުންނާއި އެފަދަ އެހެން ވެސް އެކްސްޓްރީމް ސްޕޯޓްސް ހަރަކާތްތަކުގައި އުޅޭ ފަރާތްތަކުގެ މެދުގަ އެވެ.