10 ޖުލައި 2020 - 21:10

ދިވެހިންގެ މެދުގައި އެންމެ މަގުބޫލު އިންޑިއާގެ ޗެނަލްތައް ކަމަށްވާ ސްޓާ އިންޑިއާ ނެޓްވޯކުގެ ޗެނަލްތައް ދިރާގު ޓީވީ އަށް މިއަދު ތައާރަފު ކޮށްފި އެވެ.

ސްޓާ ޗެނަލްތަކުން ދައްކާ ޓީވީ ޑްރާމާތަކާއި ރިއަލިޓީ ޝޯތަކަކީ ދިވެހިންގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ޕްރޮގްރާމްތަކެކެވެ. އެހެންކަމުން މިއަދުން ފެށިގެން ސްޓާގެ ސްޓާ ޕްލަސް އާއި ސްޓާ ގޯލްޑާއި ސްޓާ ބާރަތު އާއި، ސްޓާ ޖަލްޝާ އަދި ސްޓާ ވިޖޭ އާއި އޭޝިއާ ނެޓްގެ ޕްރޮގްރާމުތައް ދިރާގު ޓީވީން ބަލާލެވޭނެ އެވެ.
ދިރާގުގެ ޗީފް މާކެޓިން އޮފިސަރު މަހްމޫދް ދަސަރު ވިދާޅުވީ މި ހިދުމަތަކީި ދިރާގު ޓީވީި ބޭނުން ކުރާ ކަސްޓަމަރުންގެ ވަރަށް ގިނަ ދުވަސްވީ އިންތިޒާރުގެ ނިމުން ކަމަށެވެ. ސްޓާ އިންޑިއާ ފަދަ ނެޓްވޯކަކާ ގުޅުމަކީ ދިރާގު ޓީވީގެ ކޮންޓެންޓް އިތުރުވާނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން ދެ ކުންފުނީގެ ގުޅުމުގެ ސަބަބުން ދިރާގު ކަސްޓަމަރުންނަށް މުނިފޫހިފުލުވުގައި އިތުރު ކުރިއެރުމާއި ފާގަތިކަން ލިބޭނެ ކަމަށް އުންމީދު ކުރާކަމަށް ވެސް ދަސަރު ވިދާޅުވި އެވެ.
ދިރާގު ޓީވީއަކީ 100 އަށް ވުރެ ގިނަ ޗެނަލް ހިމެނޭ ރާއްޖޭގެ ފުރަތަމަ އައިޕީ ޓީވީގެ ހިދުމަތެވެ. މި ހިދުމަތާ އެކު ވީޑިއޯ އޮން ޑިމާންޑް މެދުވެރިކޮށް މުނިފޫހިފިލުވުމުގެ ހާއްސަ ފިލްމުތަކާއި ޝޯތައް ވެސް ބެލޭނެ އެވެ.
މި ހިދުމަތް މިހާރު ރާއްޖޭގެ 73 ޕަސެންޓު ގޭބިސީތަކަށް ވަނީ ފޯރުކޮށްދީފަ އެވެ. މީގެ ތެރޭގައި ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް ނެތް ރަށްތައް ހިމެނޭއިރު އެ ރަށްތަކުގެ ގެތަކަށް ދިރާގު ޓީވީގެ ހިދުމަތް ދީފައި ވަނީ ޕްރައިވެޓް ނެޓްވޯކްތަކާ ގުޅިގެންނެވެ.