އަމީތާބް ބައްޗަންގެ ކާފަ ދަރިއަކު ބޮލީވުޑަށް ނުކުންނަނީ
އަމީތާބް ބައްޗަންގެ ކާފަ ދަރިއަކު ބޮލީވުޑަށް ނުކުންނަނީ

ބޮލީވުޑްގައި ނެޕޮޓިޒަމްގެ ބަހުސް މީގެ ކުރިން ނުވާހާ ބޮޑަށް ހޫނުވެފައި ވަނިކޮށް، މަޝްހޫރު އެކްޓަރު އަމީތާބް ބައްޗަންގެ ކާފަ ދަރިއަކު ވެސް ބޮލީވުޑަށް ނުކުންނަން ތައްޔާރުވާން ފަށާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މުމްބާއީ މިރާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އަމީތާބްގެ އަންހެން ދަރިފުޅު ޝްވޭތާ ބައްޗަންގެ ފިރިހެން ދަރިފުޅު އަގަސްޓިއާ ނަންދާ ދެން މާ ގިނަ ދުވަހެއް ނުވެ، ފިލްމީ ކުޅެން ފަށާނެ އެވެ. އެ ނޫހުން ބުނި ގޮތުގައި 19 އަހަރުގެ ޒުވާނާ އަށް މިހާރު ވެސް ވަރުފަދަ ޕްރޮޑަކްޝަން ހައުސްތަކަކުން ހުށަހެޅުންތަކެއް ލިބިފައިވާތީ އެ ހުށަހެޅުންތަކާ ދޭތެރޭ އަގަސްޓިއާ އަންނަނީ ވިސްނަމުންނެވެ.

ރިޕޯޓްތައް ބުނާގޮތުން އޭނާގެ މަންމަ އާއި އަދި މުޅި ބައްޗަން އާއިލާއާ ވެސް ގާތް ގުޅުމެއް އޮންނަ ކަރަން ޖޯހަރްގެ ފިލްމު ކުންފުނި ދަރުމާގެ ފިލްމަކުން އަގަސްޓިއާ ބޮލީވުޑަށް ތައާރަފުކޮށް ދިނުމުގެ ޝައުގުވެރިކަން ވެސް ފާޅުކޮށްފައިވެ އެވެ.

ބައްޕަ އާއި މަންމަ ޖާޔާ ބައްޗަން އާއި ކޮއްކޮ އަބީޝެކް ބައްޗަން ފިލްމީ ދާއިރާގައި މަސައްކަތްކުރި ނަމަވެސް ޝްވޭތާ އަކީ އަބަދު ވެސް ފިލްމީ ކަންކަމާ ވަރަށް ދުރުގައި އުޅޭ މީހެކެވެ.

ލިޔުންތެރިއެއްގެ ގޮތުގައި މަސައްކަތްކުރާ ޝްވޭތާގެ ފިރިހެން ދަރިފުޅު ބޮލީވުޑަށް ނުކުންނަން އުޅޭ ވާހަކަ ތިލަވެފައިވާ އިރު، ދޮށީ އަންހެން ދަރިފުޅު ނަވިއާ ނަވޭލީ ނަންދާ، 23، އަކީ ފިލްމީ ދާއިރާ އަށް ޝައުގުވެރިކަން ދޭ މީހެއް ނޫނެވެ. އޭނާ އެމެރިކާގެ ފޯދަން ޔުނިވަސިޓީން ގްރެޖްއޭޓްވީ މި އަހަރު އެވެ.

އަގަސްޓިއާ އާއި ނަވިއާގެ ބައްޕަ އަކީ މަޝްހޫރު ކަޕޫރްގެ ޚާންދާނުގެ މައި އެއް ތަނބު ކަމަށްވާ ކުރީގެ މަޝްހޫރު އެކްޓަރު ރާޖް ކަޕޫރްގެ ދަރިއެއް ކަމަށްވާ ރީތޫ ނަންދާ އެވެ. ރީތޫ ވަނީ ޖެނުއަރީ މަހު މަރުވެފަ އެވެ.

ދެ ފަރާތުގެ އާއިލާ އަކީ ވެސް ބޮލީވުޑްގެ ނުފޫޒު ގަދަ ދެ އާއިލާއަށްވާތީ އަގަސްޓިއާ އަށް ފިލްމީ ދާއިރާ އިން ކުރިއަށްދާ މާ ބޮޑު ކަމަކަށް ނުވާނެ އެވެ.