10 ޖުލައި 2020 - 14:47

ސޯލް (ޖުލައި 10) - ބުރާސްފަތި ދުވަހު ގެއްލުނު، ސައުތު ކޮރެއާގެ ވެރިރަށް ސޯލްގެ މޭޔަރު ޕާކް ވޮން-ސޫންގެ މަރުވެފައި އޮއްވައި ފެނިއްޖެ އެވެ.
ޕާކްގެ އަންހެން ދަރިފުޅު ފުލުހުންނަށް ބުނީ ބުރާސްފަތި ދުވަހު ބައްޕަ ގެއިން ދިއުމުގެ ކުރިން މެސެޖެއް ދިން ކަމަށެވެ. އެހެންވެ ޕާކުގެ ދަރިފުޅު ވަނީ ކަންވޮޑުވެގެން ފުލުހުންނަށް ރިޕޯޓްކޮށްފަ އެވެ. ޕާކުގެ ހަށިގަނޑު ފުލުހުން ހޯދީ ފޯނުގެ ސިގްނަލް އަށް ބަލައިގެންނެވެ. އޭނާގެ ހަށިގަނޑު ފެނިފައި ވަނީ ސޯލްގެ އުތުރުން އޮންނަ މައުންޓް ބުގަކް ސަރަހައްދުންނެވެ. ޕާކް މަރުވި ސަބަބެއް ހާމަކޮށްފައެއް ނުވެ އެވެ.
ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަނީ އަމިއްލަ އަށް މަރުވި މައްސަލައެއްގެ ގޮތުގައި ކަމަށެވެ. ޑްރޯން އާއި ކުއްތާ ބޭނުންކޮށްގެން ޕާކް ހޯދަން ހިންގި އޮޕަރޭޝަނުގައި 600 ފުލުހުން ބައިވެރިވި އެވެ.
ޕާކުގެ މެސެޖުގައި ވަނީ އެންމެންގެ ކިބައިން މާފަށް އެދިފަ އެވެ. އަދި އޭނާއާ އެކުގައި ހޭދަކުރި އެންމެންނަށް ޝުކުރު އަދާކޮށްފައިވެ އެވެ.
ޕާކް ގެއްލުމުގެ ކުރިން އޭނާއާ ދެކޮޅަށް ވަނީ އަންހެން މުވައްޒަފަކު ޖިންސީ ގޯނާގެ މައްސަލައެއް ހުށަހަޅައިފަ އެވެ. ބުރާސްފަތި ދުވަހު ޕާކް އޮފީހަށް ވަޑައިގެންފައެއް ނުވެ އެވެ.
ޕާކް އަކީ ސޯލް އަށް އިންތިޚާބުކުރި ފުރަތަމަ މޭޔަރެވެ. ދެހާސް އެގާރަ ވަނަ އަހަރު މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން، މިދިޔަ ޖޫން މަހު އޭނާ ވަނީ ތިން ވަނަ ދައުރަކަށް ހޮވިވަޑައިގެންފަ އެވެ.