މުސްލިމުންނަށް އަނިޔާ ދޭ ޗައިނާގެ އޮފިޝަލުންނާ ދެކޮޅަށް އެމެރިކާ އިން ފިޔަވަޅު އަޅަނީ
މުސްލިމުންނަށް އަނިޔާ ދޭ ޗައިނާގެ އޮފިޝަލުންނާ ދެކޮޅަށް އެމެރިކާ އިން ފިޔަވަޅު އަޅަނީ

ޝިންޖިއާން (ޖުލައި 10) - ޝިންޖިއާންގެ މުސްލިމުންގެ އިންސާނީ ހައްގުތައް ނިގުޅައިގަންނަ ޗައިނާގެ ސިޔާސީ އިސް ފަރާތްތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އެމެރިކާ އިން ދީފި އެވެ.

ޝިންޖިއާންގެ ވީގޫރް ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް ޗައިނާ އިން ދަނީ ލާއިންސާނީ އަމަލުތައް ހިންގަމުންނެވެ. އެ ގޮތުން އެ މީހުން އިސްލާހު ކުރުމުގެ ނަމުގައި ޖަލުތަކުގައި ބަންދުކުރުމާއި ދީނީ ވާޖިބުތައް އަދާކުރުމަށް އެ މީހުންނަށް ހުރަސް އެޅުން ހިމެނެ އެވެ. ޗައިނާ އިން ބުނެފައި ވަނީ ވީގޫރް މުސްލިމުންނާ ދެކޮޅަށް އެފަދަ އަމަލެއް ނުހިންގާ ކަމަށެވެ. އެކަމަކު ވީގޫރް މުސްލިމުންގެ އެއް މިލިއަން މީހުން ވަނީ ބަންދުކޮށްފަ އެވެ.

އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތައް އަމާޒުކުރި އެއް ފަރާތަކީ ކޮމިއުނިސްޓް ޕާޓީގެ ރީޖަނަލް ވެރިޔާ ޗެން ގުއާންގުއޯ އެވެ. ކޮމިއުނިސްޓް ޕާޓީގެ ބާރުގަދަ ޕޮލިޓްބިއުރޯގައި ވެސް ހިމެނޭ ޗެން އަކީ އެމެރިކާ އިން ދަތިކުރުމުގެ ފިޔަވަޅު އެޅި ޗައިނާގެ އެންމެ އިސް އޮފިޝަލެވެ. ފިޔަވަޅު އެޅި އެހެން އޮފިޝަލުންގެ ތެރޭގައި ޝިންޖިއާން ޕަބްލިކް ސެކިއުރިޓީ ބިއުރޯގެ ޑިރެކްޓަރު ޒޫ ހައިލުން އާއި ޝިންޖިއާންގެ ސީނިއާ ޕާޓީ މެންބަރު ހުއޯ ލިއުޖުން އެވެ. އެ މީހުންނަށް އެޅި ފިޔަވަޅުތަކުގެ ތެރޭގައި އެ މީހުންނާ އެކު މާލީ އެއްވެސް މުއާމަލާތެއް ހިންގުން މަނާކުރުމާއި އެމެރިކާގައިވާ އެ މީހުންގެ މުދާތައް ހިފެހެއްޓުން ހިމެނެ އެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ވިދާޅުވީ ޝިންޖިއާގެ މުސްލިމުންނާ ދެކޮޅު އަމަލުތައް ހިންގާ ޗައިނާގެ އެހެން އޮފިޝަލުންނާ ދެކޮޅަށް ވެސް ފިޔަވަޅު އަޅާނެ ކަމަށެވެ.