ކަރަން ޖޯހަރް މާޔޫސްވެ ގޭގައި ބަންދުވެގެން
ކަރަން ޖޯހަރް މާޔޫސްވެ ގޭގައި ބަންދުވެގެން

ފިލްމު ޕްރޮޑިއުސަރު-ޑައިރެކްޓަރު ކަރަން ޖޯހަރަކީ މިހާރު ވަރަށް ކަންބޮޑުވެ ހާސްވެފައިވާ މީހެކެވެ. އޭނާ ވަރަށް ލޯބިން ތައްޔާރުކުރި "އޭ ދިލް ހެ މުޝްކިލް" ސިޔާސީ ކޮޅިގަނޑެއްގައި ޖެހިފައިވާތީ އެވެ. ފިލްމު އެޅުވިޔަ ނުދޭން އިންޑިއާގެ ސިޔާސީ ޕާޓީއެއް ކަމަށްވާ އެމްއެންއެސް އިން ތިބީ އަރުވާޖަހައިގެންނެވެ.

ފިލްމު ސެންސަރު ބޯޑުން ފާސްކޮށްދީ، ފިލްމް އެސޯސިއޭޝަނުން ވެސް ފިލްމު ރިލީޒްކުރުމުގެ ފެހި ސިގްނަލް ދީފައި ވިޔަސް އެމްއެންއެސް އިން ބުނަނީ އެ ފިލްމުން ޕާކިސްތާނުގެ އެކްޓަރު ފަވާދު ޚާންގެ ބައި ކަނޑާ ނުލާނަމަ ފިލްމު ރިލީޒްކުރާ މަލްޓިޕްލެކްސްތަކަށް ގެއްލުން ދޭނެ ކަމަށެވެ.

ކަރަން ވަނީ އޭނާގެ ފިލްމަށް ހުރަސް ނޭޅުމަށް އެދި ހުރިހާ ފަރާތްތަކަށް ވަރަށް އާދޭހުގެ މެސެޖެއް ވެސް ދީފަ އެވެ. އަދި ކުރިއަށް އޮތް ތަނުގައި ޕާކިސްތާނު އެކްޓަރުންނާ އެކު މަސައްކަތް ނުކުރާނެކަމުގެ ޔަގީންކަން ވެސް އޭނާ ވަނީ ދީފަ އެވެ. ނަމަވެސް 50 ކްރޯޑު (500 މިލިއަން ރުޕީސް)ގެ ބޮޑު ބަޖެޓަކުން އުފައްދާފައިވާ މި ފިލްމު އިންޑިއާގައި އެޅުވިދާނެކަމާ މެދު އަދިވެސް ޝައްކެވެ. އަދި އެޅުވިޔަސް ފިލްމު ބަލަން މީހުންނަށް ދާން ކެރިދާނެތޯ ވެސް ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.

ބުނެވޭ ގޮތުގައި މިކަމާ ހާސްވެ ކަރަން ހުރީ އޭނާ ހޯސްޓްކުރާ ޑާންސް ރިއަލިޓީ ޝޯ "ޖަލަކް ދިކްލާޖާ"ގެ ޝޫޓިން ވެސް ކެންސަލް ކޮށްފައި ގޭގައި އަމިއްލައަށް ބަންދުވެގެންނެވެ. އެއްވެސް ރައްޓެއްސަކާ ވެސް އަދި އާއިލާގެ މީހަކާ ވެސް ކަރަން މިހާރު ވާހަކަވެސް ނުދައްކާ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފައިވެ އެވެ.

ކަރަން އިއްޔެ ވަނީ ސަރުކާރު ހިންގާ ބީޖޭޕީގެ އިސް ވެރިންނާއި މަހަރަޝްތުރާގެ ޗީފް މިނިސްޓަރާ ވެސް ބައްދަލުކޮށްފަ އެވެ. އަދި ފިލްމު ރިލީޒްކުރުމުގައި އެއްވެސް ދައްޗެއް ކުރިމަތިނުވާނެކަމުގެ ޔަގީންކަން އެ ހުރިހާ ފަރާތަކުން ވެސް ވަނީ ކަރަން އަށް ދީފަ އެވެ.