10 ޖުލައި 2020 - 09:23

ބާމިންހަމް (ޖުލައި 10) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ރަށުން ބޭރުގައި އެސްޓަން ވިލާ އަތުން 3-0 އިން މޮޅުވެ މެންޗެސްޓާ ޔުނައިޓެޑް ލީގުގެ ގަދަ ހަތަރެއްގެ ޖާގަ ހޯދުމުގެ ރޭހުގައި ކުރިއަށް ޖެހިލައިފި އެވެ.
މި މޮޅާ އެކު ފަސް ވަނައިގައި އޮތް ޔުނައިޓެޑް ވަނީ ހަތަރު ވަނައިގައި އޮތް ލެސްޓާ ސިޓީއާ އެއް ޕޮއިންޓާ ގާތަށް ޖެހިލައިފަ އެވެ. ލެސްޓާ އަށް 34 މެޗުން 59 ޕޮއިންޓް ލިބިފައިވާއިރު، ޔުނައިޓެޑްގެ އޮތީ 34 މެޗުން 58 ޕޮއިންޓެވެ.
ވިލާ ޕާކުގައި ރޭ ކުޅުނު މެޗު ފަށައިގެން އެސްޓަން ވިލާ އިން ރަނގަޅު ކުޅުމެއް ދައްކަމުން ދިޔަ އެވެ. އަދި އެސްޓަން ވިލާ އަށް ލީޑުނަގައިދޭން މަހުމޫދު ޓްރެޒެގޭ ޖެހި ބޯޅައެއް ވަނީ ގޯލުގެ އަރިމަތީ ދަނޑިއަށް އަމާޒުވެފަ އެވެ. އޭގެ ކުރިން ވިލާގެ ކެޕްޓަން ޖެކް ގްރީލިޝް ޖެހި ބޯޅައެއް ވަނީ ހުރަސްދަނޑިމަތިން ގޮސްފަ އެވެ.
ޔުނައިޓެޑުން ލީޑުނެގީ މެޗުގެ 27 ވަނަ މިނިޓްގައި ބްރޫނޯ ފެނާންޑޭސް ވައްދާލި ޕެނަލްޓީ އަކުންނެވެ. މި ޕެނަލްޓީ ދޭން ނުޖެހޭ ކަމަށް ބުނެ އެސްޓަން ވިލާ ކުޅުންތެރިން ވަރަށް ބޮޑަށް އެޕީލްކުރި އެވެ. އެއީ އެސްޓަން ވިލާގެ އެޒްރީ ކޮންސާ ފައި މައްޗަށް ފެނާންޑޭސް ވެއްޓުމުން އޭގެ ކޮންސާ ފައުލުކުރި ކަމަށް ބެލޭނެ ޖާގައެއް ނެތް ކަމަށް ބުނެ އެވެ. އެކަމަކު ރެފްރީ ޖޯން މޮސް ވަނީ ޕެނަލްޓީ އެއް ކަމަށް ނިންމައިފަ އެވެ.
މިއީ މި ސީޒަނުގައި ޔުނައިޓެޑަށް ލީގުގައި ދިން 13 ވަނަ ޕެނަލްޓީ އެވެ. އެ ޓީމު ވަނީ ލީގުގެ ތާރީހުގައި އެއް ސީޒަނެއްގައި އެންމެ ގިނަ ޕެނަލްޓީ ލިބުނު ޓީމުގެ ރެކޯޑާ ހަމަކޮށްފަ އެވެ. މީގެ ކުރިން 13 ޕެނަލްޓީ އެއް ސީޒަނެއްގައި ލިބިފައިވަނީ 2004/2005 ސީޒަނުގައި ކްރިސްޓަލް ޕެލަސް އާއި 2015/2016 ވަނަ ސީޒަނުގައި ޕްރިމިއާ ލީގު ޗެމްޕިއަންކަން ހޯދި ލެސްޓާ އަށެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން ޒުވާން ފޯވާޑް މޭސަން ގްރީންވުޑް ވަނީ ޔުނައިޓެޑަށް ލީޑުފުޅާކޮށްދީފަ އެވެ. އޭނާ މި ގޯލު ޖެހީ އޭރިއާބޭރުން ފޮނުވާލި ބޯޅައަކުންނެވެ. ޔުނައިޓެޑްގެ ފަހު ގޯލު ފެނާންޑޭސް ދިން ބޯޯޅަ އަކުން ދެ ވަނަ ހާފުގައި ކާމިޔާބުކުރީ ޕައުލް ޕޮގްބާ އެވެ.
މެޗަށް ފަހު ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނީ ބަލިނުވެ 17 މެޗު ހަމަކުރެވުމަކީ ހިތްހަމަޖެހުމެއް ކަމަށާއި އެ އަށް ވުރެން ބޮޑު އުފަލަކީ ކުޅުންތެރިންގެ ފަރާތުން ފެންނަ މަސައްކަތާއި ރަނގަޅު ކުޅުމުގެ ސަބަބުން ކަމަށެވެ.
އެސްޓަން ވިލާގެ ކޯޗު ޑީން ސްމިތު ބުނީ ގޯސް ޕެނަލްޓީއެއް ދިން ހިސާބުން އޭނާގެ ޓީމުގެ ކުޅުމަށް ވަރަށް ބޮޑަށް އަސަރުކުރި ކަމަށާއި ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)ގެ ބޭނުން ރަނގަޅަށް ހިފިނަމަ އެ ޕެނަލްޓީ ދެވޭނެ އެއްވެސް ހަމައެއް ނޯންނާނެ ކަމަށެވެ.
ލީގުގައި ރޭ ކުޅުނު އަނެއް ދެ މެޗަށް ބަލާއިރު ބޯންމައުތާއި ޓޮޓެންހަމް ވަނީ ލަނޑެއް ނުޖެހި އެއްވަރުވެފަ އެވެ. އަދި އެވަޓަން އާއި ސައުތެމްޓަން ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.