ކޮވިޑް-19: އަލަށް 36 މީހަކަށް ބަލި ޖެހި 47 މީހަކު ރަނގަޅުވެއްޖެ
ކޮވިޑް-19: އަލަށް 36 މީހަކަށް ބަލި ޖެހި 47 މީހަކު ރަނގަޅުވެއްޖެ

މިއަދު އަލަށް 36 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި އިތުރު 47 މީހަކު އެ ބަލިން ރަނގަޅުވެފައިވާ ކަމަށް އެޗްޕީއޭ އިން މިރޭ ބުނެފި އެވެ.

މިއަދު ހަވީރު 6:00 އާ ހަމައަށް ކޮވިޑް-19 އަށް ޕޮޒިޓިވްވި 36 މީހުންގެ ތެރެއިން 33 މީހުންނަކީ ދިވެހިންނެވެ. ދެން ތިބީ ބަންގްލަދޭޝްގެ ދެ މީހަކާއި އިންޑިއާގެ އެކެކެވެ.

މި އަދަދުތަކާ އެކު ރާއްޖޭގައި މިހާތަނަށް ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 2،553 އަށް އަރައިފަ އެވެ. އަދި ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 2،227 އަށް އަރައިފަ އެވެ.

މި ބަލި ޖެހުނު 13 މީހަކު ރާއްޖޭން މިހާތަނަށް ވަނީ މަރުވެފަ އެވެ. އަދި ފަސް ބިދޭސީއަކު ވަނީ ބަލި ޖެހިފައި ވަނިކޮށް ރާއްޖޭން ފުރައިގެން ގޮސްފަ އެވެ. އެހެންވެ މިހާރު ރާއްޖޭގައި ތިބި ކޮވިޑް-19 އަށް ޕޮޒިޓިވް މީހުންގެ އަދަދަކީ 306 އެވެ.

މިއަދަކީ ރާއްޖޭން ކޮވިޑް-19 ފެނުނުތާ 124 ވަނަ ދުވަހެވެ. މާލޭގައި ބަލި ފެތުރެން ފެށުމާ އެކު މާލެ ސަރަހައްދު ލޮކްޑައުންކޮށްފައި ދެ މަހެއްހާ ދުވަހު ބޭއްވުމަށް ފަހު މިދިޔަ މަހުގެ 15 އިން ފެށިގެން އަންނަނީ ލުއިތައް ދެމުންނެވެ. އަދި މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ވަނީ ބޮޑެތި ލުއިތަކެއް ދީ ގިނަ ވިޔަފާރިތައް ވެސް ފަށައިފަ އެވެ.

ލޮކްޑައުން އަށް ލުއިތައް ދިނުމާ އެކު ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވިފައި އޮތަސް އަދި އެފަދަ ކަމެއް ފާހަގަނުވާ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ. ލޮކްޑައުން ލުއިކޮށް އާންމުން ބޭރަށް ނުކުމެ އުޅެން ހުއްދަ ދިންތާ މަސް ދުވަސްވީ އިރު ވެސް ބަލި ޖެހޭ މީހުންގެ ރޭޓް ހުރީ ދާދި އެއްވަރެއްގައި ހިފެހެއްޓިފަ އެވެ.