22 އޮކްޓޯބަރ 2016 - 05:46

ކުރީގެ މަޝްހޫރު ފިލްމީ ބަތަލާ ޕަރްވީން ބާބީގެ ވަސިއްޔަތަކީ ސައްހަ އެއްޗެއް ކަމަށް އޭނާ މަރުވިތާ 11 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވަނިކޮށް ބޮމްބޭ ހައި ކޯޓުން ހުކުމް ކޮށްފި އެވެ. މިއީ ނިކަމެތިކަމާ އެކު ދިރިއުޅޭ އަންހެނުންނާއި ކުޑަކުދިންނަށް ޕަރްވީން ކޮށްދޭން ނިންމާފައިވާ އިންސާނީ ޚިދުމަތްކޮށްދިނުމުގެ ފުރުސަތު ލިބިގެން ދިޔަ ކަމެކެވެ.

ޕަރްވީން ލިޔެފައިވާ ވަސިއްޔަތް 2005 ވަނަ އަހަރު އޭނާގެ މަންމަ ފަރާތު ބޮޑުބޭބެ ކޯޓަށް ހުށަހެޅި އެވެ. ނަމަވެސް ޕަރްވީންގެ ބައްޕަ ފަރާތު އާއިލާއިން އެ ލިޔުމަކީ އަސްލެއް ނޫންކަމަށް ބުނެ ދައުވާ ކުރަމުން ދިއުމުގެ ސަބަބުން ކޯޓުގައި މި މައްސަލަ މާ ބޮޑަށް ދިގުލައިގެން ދިޔައީ އެވެ. ނަމަވެސް މިދިޔަ ހަފުތާގައި އެމީހުން ދައުވާ އަނބުރާ ގެންދިއުމާ ގުޅިގެން ޕަރްވީންގެ މިލްކިއްޔާތު އޭނާ ވަސިއްޔަތްކޮށްފައިވާ ގޮތަށް ބަހަން ކޯޓުން އަމުރު ނެރުނީ އެވެ.
ޕަރްވީންގެ މިލްކިއްޔާތުގައި ޖޫހޫގެ ގޮނޑުދޮށުގައި ހުރި ހަތަރު ކޮޓަރީގެ ފްލެޓަކާއި ޖޫނާގަޅްގައި ހުރި ހަވޭލީއެއް އަދި ގަހަނާ އާއި ބޭންކް އެކައުންޓްގައި ހުރި މަދުވެގެން 20 ލައްކަ ރުޕީސް އާއި އެނޫންވެސް އިންވެސްޓްމަންޓްތައް ހިމެނެ އެވެ.
ޕަރްވީންގެ ވަސިއްޔަތުގައިވާ ގޮތުން އޭނާގެ މުއްސަނދިކަމުގެ 80 ޕަސެންޓް ހޭދަކުރަން ޖެހެނީ ޓްރަސްޓެއް ގާއިމްކޮށް ހިންގުމަށެވެ. މިއީ ޕަރްވީންގެ އުފަން ރަށް ކަމަށްވާ ޖޫނާގަޅް ކޮމިއުނިޓީގައި ފަގީރުހާލުގައި ދިރިއުޅޭ އަންހެނުންނާއި ކުޑަކުދިންނަށް އެހީތެރިވުމަށް ގާއިމްކުރާ ޓްރަސްޓެކެވެ.
"ދަ ޕަރްވީން ބާބީ ޓްރަސްޓް" ގެ އިސް މީހަކީ އަދި އެ ފަންޑް ހިންގާނީ ޕަރްވީންގެ ބޮޑުބޭބެ މުރާދްޚާން ބާބީ، 82، އެވެ. މިއީ ޕަރްވީން ދުނިޔޭގައި އޭނާއާ އެންމެ ގާތްކޮށް އުޅުނު މީހާ އެވެ. އަދި އޭނާގެ މުދަލުގެ 20 ޕަސެންޓް ޕަރްވީން ވަނީ އޭނާގެ ބޮޑުބޭބެއަށް ދޭން ވަސިއްޔަތްކޮށްފަ އެވެ. އާއިލާގެ މިނޫން މީހަކަށް ޕަރްވީންގެ މުދަލުން ދޭން ވަސިއްޔަތަކު ނެތެވެ.
ޓްރަސްޓް ފަންޑުގެ 10 ޕަސެންޓް ދޭން ޕަރްވީން އެދިފައިވަނީ އޭނާ އިންގްލިޝް ލިޓްރެޗާއިން މާސްޓާޒް ހެދި އަހުމަދުއާބާދުގައި ހުންނަ ސެން ޒޭވިއާ ކޮލެޖަށެވެ.
ޕަރްވީންގެ މިލްކިއްޔާތުގެ ހަގީގީ އަގު އަދި ދަނީ ހޯދަމުންނެވެ.
ޕަރްވީން ބާބީ އަކީ 1970 އާއި 1980 ގެ އަހަރުތަކުގައި ބޮލީވުޑުން ވިދާލި އޭރުގެ މަޝްހޫރު ބަތަލާ އެކެވެ. ޖެނުއަރީ 22، 2005 ގައި އޭނާ މަރުވެފައި އޮއްވާ ފެނުނީ ޖޫހޫގައި ހުންނަ އޭނާގެ ފްލެޓްގަ އެވެ. މަރުވިއިރު އުމުރުން 56 އަހަރުވެފައިވާ ޕަރްވީން ދިރިއުޅެފައިވަނީ އެކަނިމާއެކަންޏެވެ. ބެލެވޭ ގޮތުގައި އޭނާ މަރުވީ ހަކުރުބަލި ކޮންޓްރޯލް ނުކުރެވިގެން ދިމާވި ސިއްހީ މައްސަލަތަކެއްގެ ސަބަބުންނެވެ.
ޕަރްވީންގެ ގެއަށް ގެންދާ ނޫހާއި ކޮންމެ ދުވަހަކު ހެނދުނު ގެންދާ ކިރު ފުޅި ނުނަގާ ހުންނަތާ ތިން ދުވަސް ވުމުން އޭނާގެ އަވަށްޓެރިން ކަންބޮޑުވެގެން ފުލުހުންނަށް ގުޅައިގެން ބެލިއިރު އޭނާ މަރުވެފައި އޮންނަތާ ވަރަށް ގިނައިރުވަނީ ވެފަ އެވެ.
ޕަރްވީން މަރުވިތާ އެތައް އަހަރެއް ވީއިރުވެސް އޭނާގެ ވަސިއްޔަތެއް އޮތް ކަމެއް އެކަކަށް ވެސް ނޭނގެ އެވެ. ސަބަބަކީ އޭނާގެ ބޮޑުބޭބެ ދިރިއުޅެނީ ޖޫނާގަޅްގައި ކަމަށް ވާތީ އެވެ.
ޕަރްވީންގެ ބޭބެ މުރާދްޚާން ބުނެފައިވަނީ އެ ވަސިއްޔަތަކީ ޕަރްވީން މަރުވުމުގެ ތިން އަހަރު ކުރިން 2002 ވަނަ އަހަރު ތައްޔާރުކޮށްފައިވާ އެއްޗެއް ކަމަށެވެ.