10 ޖުލައި 2020 - 08:32

ޕޯސްޓްމަނެއްގެ ގޮތުގައި މަސައްކަތްކުރި 30 އަހަރުގެ ތެރޭގައި ސިޓީ ބަހަން ކޮންމެ ދުވަހަކު ފައިމަގުގައި 15 ކިލޯމީޓަރަށް ހިނގި މީހެއްގެ ހިދުމަތުގެ އަގު ވަޒަންކޮށް، ޓްވިޓާގައި އޭނާ ވާހަކަ ވަރަށް ބޮޑަށް ދެކެވެން ފަށައިފި އެވެ.
މި މީހާ އަކީ އިންޑިއާގެ ޓެމިލް ނާޑޫގެ އެހަކެރި ހިސާބުތަކަށް ސިޓީ ބެހުމުގައި އުޅުނު މީހެކެވެ. ޑި ސިވަން މިދިޔަ ހަފުތާގެ ތެރޭގައި ވަޒީފާ އިން ރިޓަޔާކުރި އިރު، އޭނާ ސިޓީ ބެހުމުގެ މަސައްކަތުގައި މުޅިން ވެސް އުޅުނީ ފައިމަގުގަ އެވެ.
އެގޮތުން ކޮންމެ ދުވަހަކު ވެސް ޓެމިލް ނާޑޫގެ ކޫނޫރާއި އެ ސްޓޭޓްގައި ވަދެނިކުމެ އުޅެން ދަތި ސަރަހައްދުތަކަށް ފައިމަގުގައި ގޮސް ސިވަން ސިޓީ ބެހުމުގެ މަސައްކަތް ކުރަމުން ގޮސްފައިވެ އެވެ.
ފާއިތުވި 30 އަހަރު އޭނާ މުޅިން ވެސް އެ މަސައްކަތުގައި ވަރުބަލިކަމެއް ޝަކުވާއެއް ނެތި އުޅުނީ ފައިމަގުގަ އެވެ.
އެގޮތުން ބޮޑެތި ޖަންގަލި ފަދަ ތަންތަން ހުރަސްކޮށް ސިވަން ދިން ހިދުމަތުގެ ވާހަކަ އެންމެ ފުރަތަމަ ޓްވިޓާގައި ހިއްސާކުރީ އިންޑިއަން އެޑްމިނިސްޓްރޭޓިވް ސާވިސް (އައިއޭއެސް) ގެ އޮފިސަރެއް ކަމަށްވާ ސުޕްރިޔާ ސަހޫ އެވެ.
އޭނާ ބުނި ގޮތުގައި "އެކްސެސްވާން" އުނދަގޫ ތަންތަނަށް ވަދެ، ސިވަން ހިދުމަތް ދިނީ ފުރާނަ ވެސް އަތްމައްޗަށް ލައިގެންނެވެ. އެގޮތުން މަސައްކަތުގެ ތެރޭގައި ޖަނަވާރުންގެ ނުރައްކަލަށް ވެސް ސިވަން ހުށަހެޅުނު ކަމަށް ބުނެފައިވެ އެވެ.
ސުޕްރިޔާ ސިވަންގެ ވާހަކަ ހިއްސާކުރުމާ އެކު ޓްވިޓާގައި އެތައް ބަޔަކު ވަނީ ސިވަން ދިން ހިދުމަތަށް ތައުރީފުކޮށް، އޭނާގެ ހިތްވަރަށް ސާބަސް ދީފަ އެވެ. ބައެއް މީހުންގެ ޓްވީޓްގައި ވަނީ ސިވަންގެ ހިދުމަތް ސަރުކާރުން އޭނާ އަށް ޕަދުމާ އެވޯޑް ވެސް ހައްގުވާ ކަމަށް ބުނެފަ އެވެ.
ސިވަން ބުނިގޮތުގައި ޕޯސްޓްމަނެއްގެ ވަޒީފާ އޭނާ އަދާކުރީ ވަރަށް ޝައުގުވެރިކަމާ އެކީގަ އެވެ. އަދި ފާއިތުވި 30 އަހަރު ރައްޔިތުންނަށް ކޮށްދެވުނު ހިދުމަތާ ދޭތެރޭ ފަހުރުވެރިވާ ކަމަށް ބުންޏެވެ.
"އަހަރެން ބޭނުންވީ އިހުލާސްްތެރިކަމާ އެކު ހިދުމަތް ކުރަން. ކޮންމެ ފަދަ ހާލެއްގައި މަސައްކަތްކުރަން ޖެހުނަސް ދުވަހަކު ވެސް ޝަކުވާއެއް ނެތް. އެންމެ އުފާވާ ކަމަކީ ސިޓީތައް އެ ލިބެން ޖެހޭ މީހުންނާ ހަވާލުކުރެވުނީމަ،" ސިވަން ބުންޏެވެ.
އޭނާ ބުނިގޮތުގައި މައިގަނޑު ގޮތެއްގައި ސިޓާ ބަހަން ޖެހުނީ ޖަންލިތަކާއި ފަރުބަދަމަތީ ހިސާބުތަކުގަ އެވެ. އެކަމަކު ކުރިމަތިވެދާނެ ނުރައްކަލަކަށް ދުވަހަކު ވެސް ޖެހިލުމެއްނުވާ ކަމަށް ބުންޏެވެ.
"ވަޒީފާ އިން އަހަރެން ރިޓަޔާކުރީ ފަހުރުވެރިކަމާ އެކު." ސިވަން ބުންޏެވެ.