21 އޮކްޓޯބަރ 2016 - 21:52

ޖުމްހޫރީ ޕާޓީ އެއްވެސް ޕާޓީއަކާ އެކު ކޯލިޝަނެއް ނެތް ކަމަށާއި ހުރިހާ ޕާޓީތަކާ އެކު ވެސް މަޝްވަރާކުރަން ތައްޔާރަށް ތިބި ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.
ވެރިކަން ކުރާ ޕީޕީއެމް ތެރޭގައި ޚިޔާލު ތަފާތުވުން އުފެދި، އެ ޕާޓީ ދެ ބައި ވެފައި ވަނިކޮށް ޖުމްހޫރީ ޕާޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ނައިބު ލީޑަރު ހުސައިން ރަޝީދު ވިދާޅުވީ އެ ޕާޓީން މަސައްކަތް ކުރާނީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ކަމަށް ހިންގާ ކޮމެޓީން ފާސްކޮށްފައި ވިޔަސް އެއްވެސް ފަރާތަކާ އެކު އެއްވެސް ކޯލިޝަން އެއްބަސްވުމެއް ނެތް ކަމަށެވެ.
ޖުމްހޫރީ ޕާޓީން މަސައްކަތް ކުރާނީ ގައުމަށް ފައިދާ ހުރި ގޮތަކަށް ކަމަށާއި އެފަދަ ކަންކަމުގައި ހުރިހާ ސިޔާސީ ފަރާތްތަކާ އެކު ވެސް މަޝްވަރާ ކުރާނެ ކަމަށް ހުސަައިން ވިދާޅުވި އެވެ. އެކަމަކު ކޯލިޝަން ހެދުމާ މެދު ގޮތެއް ނިންމަން ޖެހިއްޖެ ނަމަ އެކަން ނިންމާނީ ކައުންސިލުން ކަމަށް އޭނާ ވިދާޅުވި އެވެ.
"ޖުމްހޫރީ ޕާޓީން ތާއީދުކުރާނީ ޖުމްހޫރީ ޕާޓީއަށް. އެކަމަކު މަޝްވަރާ ކުރަންޖެހޭ ކަންކަމުގައި މަޝްވަރާ ކުރާނެ. އެއްވެސް ކަމެއް ނިންމޭނީ ކައުންސިލުން އެގޮތަށް ނިންމައިގެން. ވަކި ގޮތަކަށް ކަމެއް ނިންމަންޏާ ކައުންސިލަށް ގެންދާނަން،" ހުސައިން ވިދާޅުވި އެވެ.
ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޖުމްހޫރީ ޕާޓީއާ ބައްދަލުކުރަން އެދިވަޑައިގެންފައިވާ ކަމަށާއި އެމަނިކުފާނާ ބައްދަލުކުރާނެ ކަމަށް ހުސައިން ވިދާޅުވި އެވެ. އަދި އެހެން ފަރާތަކުން އެ ޕާޓީއާ ބައްދަލުކުރަން އެދުނަސް ބައްދަލު ކުރާނެ ކަމަށް ހުސައިން ވިދާޅުވި އެވެ.
"އަޅުގަނޑުމެން ގަބޫލުކުރަން ރައީސް މައުމޫނަކީ އަދިވެސް ޕާޓީގެ ރައީސް ކަމަށް. އެހެންވެ ރައީސް މައުމޫނާ ބައްދަލު ކުރާނެ. އަދި ހަމަ ރައީސް ޔާމީން ބައްދަލު ކުރަން އެދުނަސް ބައްދަލުކުރާނެ." ހުސައިން ވިދާޅުވި އެވެ.
ޕީޕީއެމް ތެރޭގައި އުފެދިގެން އުޅޭ މައްސަލާގައި ޖުމްހޫރީ ޕާޓީން ވަކި އެއްޗެއް ބުނަން ބޭނުން ނުވާ ކަމަށާއި އެކަމަކު ކޮންމެ ބަޔަކު މަޝްވަރާ ކުރަން އެދުނަސް އެ ފުރުސަތު އޮންނާނެ ކަމަށް ހުސައިން ވިދާޅުވި އެވެ. އިދިކޮޅު ޕާޓީއެއްގެ ގޮތުގައި މިވަގުތު އެ ޕާޓީން މަސައްކަތް ކުރިޔަސް ސަރުކާރުން ކުރާ ރަނގަޅު ކަންކަމަށް ތާއީދު ކުރާނެ ކަމަށް ހުސައިން ވިދާޅުވި އެވެ.
ޕީޕީއެމްގެ ތެރޭގައި ދެ ފެކްޝަނެއް އުފެދި، މައްސަލަ ހޫނުވެފައިވާއިރު މައުމޫން ވަނީ އެމްޑީޕީ ފިޔަވައި އެހެން ހުރިހާ ޕާޓީއަކާ އެކު މަޝްވަރާ ކުރަން ހުށަހަޅުއްވައިފަ އެވެ. އެކަމަކު ޕީޕީއެމް ކޯލިޝަންގައި ހިމެނޭ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް އެމްޑީއޭ އިން މިހާރު ވަނީ ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނަށް ތާއީދު ކުރަން ނިންމައި، އެކަން އިއުލާންކޮށްފަ އެވެ.