10 ޖުލައި 2020 - 08:26

ދުނިޔޭގައި އުޅޭތާ މިހާރު 300 މިލިއަން އަހަރު ވެފައިވާ މީގެ ކަކުންޏެއްގައި 10 ލޯ ހުރެ އެވެ. މީގެ އެންމެ ހާއްސަ ކަމަކަކީ އަހަރެމެން އިންސާނުން ބަލިތަކުން ރައްކާތެރިވެ ތިބުމަށް މީގެ "ނޫ ލޭ" ބޭނުންކުރުމެވެ. މިއީ "ހޯސްޝޫ ކްރެބް" އެވެ.

މީގެ އެތައް އަހަރެއް ކުރިން ފެށިގެން، އިންސާނުންގެ ސަލާމަތަށްޓަކައި، މި ބޮޑު ކަކުނީގޭ ލޭ ބޭސްވެރިކަމަށް އަންނަނީ ބޭނުންކުރަމުންނެވެ.

މިހާރު މީގެ ވާހަކަ އަލުން މި ދެކެވެނީ މުޅި ދުނިޔެ ނުރައްކަލަށް ވައްޓާލި ކޮރޯނާވައިރަހާ ދެކޮޅަށް ބޭނުންކުރާނެ ވެކްސިނެއް ހެދުމަށް ވެސް މި ބޭނުންކުރާނެތީ އެވެ. މީގެ ކަކުނީގެ އާބާދީ އަކީ ކިހާ ވަރެއްކަން އަދި މި ކަކުނިން ލޭ ނަގައި ޕްރޮސެސްކުރަނީ ކިހނެއްކަން އޮޅުންފިލުވުމުގެ ޝައުގުވެރިކަން ވަނީ ބޮޑުވެފަ އެވެ.
މި ކަކުނީގެ ލޭ ބޭނުންކުރަނީ އަލަށް ހަދާ ބޭސްތަކުގައި ނުރައްކާތެރި ބެކްޓީރިއާ ނުހުންނާނެކަން ކަށަވަރުކުރުމުގެ ގޮތުންނެވެ. ކުޑަ މިންވަރަކުން ވެސް އިންސާނުންގެ ފުރާނަ ގެއްލޭ ފަދަ ބެކްޓީރިއާ އިން ސަލާމަތްކުރުމަށެވެ.
މި ކަކުނީގެ ލޭގެ ސެލްތަކުން ނަގާ މާއްދާއެއް ކެމިކަލް ޕްރޮސެސްއެއްގައި ބޭނުންކުރުމުން، ނުރައްކާތެރި މާއްދާތައް ނައްތާލައި، އެ ބޭހަކީ ރައްކާތެރި އެއްޗަކަށް ހަދައިދެ އެވެ. ހާއްސަ ކަމަކީ މިކަން ކުރުމަށް އިންސާނުންނަށް މި ކަކުނީގެ ލޭ ނޫން އެއްޗެއް މިހާތަނަށް ފެނިފައި ނުވާކަމެވެ.
ކޮންމެ އަހަރަކު މީގެ އެތައް ސަތޭކަ ކަކުންޏެއް ހިފައި އެމެރިކާގެ ލެބްތަކަށް ގެންގޮސް އެސޮރުމެންގެ ހިތުގެ ކައިރީގައި އިންނަ ލޭ ހޮޅިއަކުން ލޭ ނެގުމަށް ފަހު އަލުން ގެންގޮސް ކަނޑަށް ދޫކޮށްލަ އެވެ.
ތަޖުރިބާކާރުން މީގެ ކުރިން ގަބޫލުކޮށްގެން ތިބީ މިގޮތަށް ލޭ ނެގުމަށް ފަހު ދޫކޮށްލާ ހުރިހާ ކަކުންޏެއްހެން ސަލާމަތްވާ ކަމަށެވެ. އެކަމަކު މިހާރު ބެލެވޭ ގޮތުން މި ކަކުނިތަކުގެ 30 ޕަސެންޓް، ލޭ ނެގުމަށް ފަހު މަރުވެ އެވެ.
ބައެއް ދިރާސާތަކުގައި ބުނެފައިވާ ގޮތުގައި މިގޮތަށް ލޭ ނަގާ އަންހެން ކަކުނި އަލުން ދަރިމައިނުވުމުގެ ފުރުސަތު ވަރަށް ބޮޑެވެ. އެހެންވެ މިއީ ކަންބޮޑުވުން އޮތް މައްސަލައެއްގެ ގޮތުގައި، ދިރޭތަކެތީގެ ހިމާޔަތަށް މަސައްކަތްކުރާ މީހުން ފާހަގަކުރެ އެވެ.
"މިހާރު [ކޮންމެ އަހަރަކު] ބައި މިލިއަނެއްހާ ކަކުނީގެ ލޭ އެބަ ނަގާ،" އެމެރިކާގައި އެންމެ ގިނައިން ހޯސްޝޫ ކްރެބް ހިފާ ނިއު ޖާޒީގައި ދިރޭތަކެތީގެ ހިމާޔަތަށް މަސައްކަތްކުރާ ގްރޫޕަކުން ބީބީސީއާ ވާހަކަ ދެއްކެވި ޑރ. ބާބްރާ ބްރަމާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކަކުނިން މިގޮތަށް ލޭ ނެގުމުން ދެން ދިމާވާ ކަންކަން އެއްވެސް މީހަކަށް ރަނގަޅަށް ނޭނގޭ ކަމަށެވެ.
މި ވައްތަރުގެ ކަކުނި ނެތި ދިއުމާ ކައިރިވެފައިވާ ކަމަށް، މި ތަކެތީގެ ހިމާޔަތަށް މަސައްކަތްކުރާ މީހުން ބުނާއިރު ވެކްސިން ހަދާ ބައެއް ކުންފުނިތަކުން ބުނަނީ މީގެ އާބާދީ ކުރިން ހުރި ވަރާ އަޅާބަލާއިރު މާބޮޑު ބަދަލެއް ނާންނަ ކަމަށެވެ.
ކަކުނީގެ ލޭގެ ބަދަލުގައި ބޭނުންކުރެވިދާނެ މާއްދާއެއް އުފެއްދުމަށް މަސައްކަތްކުރަމުން އައިސް 2016 ވަނަ އަހަރު ވަނީ ބަދަލުގައި ބޭނުންކުރެވިދާނެ އެއްޗެއް އުފެއްދިފަ އެވެ. މި މަސައްކަތުގައި އެމެރިކާގެ ބައެއް ކުންފުނިތަކުން ވެސް ބައިވެރިވި އެވެ.
އެކަމަކު އެމެރިކާގައި ބޭހުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ މަސައްކަތާ ހަވާލުވެފައިވާ އިދާރާ އިން މިހާރު ބުނެފައިވަނީ ކަކުނީގެ ލޭގެ ބަދަލުގައި ބޭނުންކުރުމަށް އުފެއްދި މާއްދާ ބޭނުންކޮށްގެން ރައްކާތެރިކަން ކަށަވަރުކުރެވޭނެ ކަމުގެ ޔަގީންކަން ނެތް ކަމަށެވެ.
އެހެންވެ އެމެރިކާގައި އެއްވެސް ބޭހެއް ނުވަތަ ވެކްސިނެއް ވިއްކަން އެދޭ ނަމަ ޖެހޭނީ މި ކަކުނީގެ ލޭ ބޭނުންކޮށްގެން، ބޭހުގެ ރައްކާތެރިކަން ކަށަވަރުކުރާށެވެ.
ކަކުންޏާ މެދު އަލުން ކަންބޮޑުވުންތައް އައިސްގެން އުޅެނީ އެހެންވެ އެވެ.