09 ޖުލައި 2020 - 12:02

އިތާފުށި، ނުވަތަ ވަލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި، ދުނިޔޭގެ ދުނިޔޭގެ އެންމެ މަގުބޫލު ރިސޯޓްތަކުގެ ލިސްޓުގެ ފަސް ވަނައަށް އަރައިފި އެވެ.

ދުނިޔޭގެ މަގުބޫލު މަންޒިލްތަކާ ގުޅޭ ހަބަރުތައް ގެންނަ "ޓްރެވަލް އެންޑް ލެޒާ" މަޖައްލާއިން ކޮންމެ އަހަރަކު ނެރޭ މި ލިސްޓުގައި ދުނިޔޭގެ އެންމެ މަގުބޫލު 100 ހޮޓަލާއި ރިސޯޓު ހިމެނެ އެވެ. އެކަމަކު މި އަހަރު މި ލިސްޓުގައި ރާއްޖޭން ހިމެނުނީ، ހުޅުވިތާ އަދި އަހަރެއްހާ ދުވަސް ވީ، އިތާފުށި އެކަންޏެވެ.
އެ މަޖައްލާގެ ކިޔުންތެރިންގެ ސާވޭއިން، އިތާފުއްޓަށް 98.79 މާކްސް ލިބިގެންނެވެ. ވަނަތައް ހޮވުމުުގައިި އެ މަޖައްލާއިން ބަލަނީ ކިޔުންތެރިން ދުނިޔޭގެ އެކި ރިސޯޓުތަކަށް ގޮސް ކުރާ ތަޖުރިބާތަކަށެވެ. މި މަޖައްލާގެ ގިނަ ކިޔުންތެރިންނަކީ މަތީ ފަންތީގެ ޓޫރިސްޓުންނެވެ.
ޓްރެވަލް އެންޑް ލެޒާގެ ކިޔުންތެރިން ބުނާ ގޮތުގައި އިތާފުށި ރިސޯޓަށް ދިއުމުގެ ކުރިން ވެސް އެ ރިސޯޓުގެ މެހެމާންދާރީގެ ފުރިހަމަކަން އިހުސާސް ކުރެވެ އެވެ. އަދި ރިސޯޓަށް ދިއުމުން ޓޫރިސްޓުން ބޭނުންވާ ހުރިހާ ހިދުމަތެއް އެންމެ ފުރިހަމައަށް ލިބޭ ކަމަށް ވެސް ސާވޭގައި ބައިވެރިވި ފަތުރުވެރިން ވަނީ ބުނެފަ އެވެ.
މާލެ އަތޮޅުގެ ފަޅެއް ހިއްކައިގެން ހަދާފައިވާ އެންމެ މަތީ ފެންވަރުގެ ވަލްޑޯފް އެސްޓޯރިއާ އިތަފުށި ރިސޯޓުގައި 121 ވިލާ ހުރެ އެވެ. މިއީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ)ގެ ރައީސް މުހައްމަދު އަލީ ޖަނާހު (ޖަނާ) އާއި މެދުއިރުމަތީގެ ވިޔަފާރިވެރިޔަކު ގުޅިގެން ތަރައްގީކުރި ރިސޯޓެކެވެ. މި ރިސޯޓު ހިންގަމުން އަންނަނީ މަޝްހޫރު ހިލްޓަން އިންނެވެ.