"ސާރޭގާމާޕާ ލިލް ޗެމްޕްސް" ގެ ޖަޖިން ޕެނަލަށް ބޮޑު ބަދަލެއް
"ސާރޭގާމާޕާ ލިލް ޗެމްޕްސް" ގެ ޖަޖިން ޕެނަލަށް ބޮޑު ބަދަލެއް

އިންޑިއާގެ ލޮކްޑައުންގެ ކުރިން ޒީޓީވީން ގެނެސްދެމުން ދިޔަ ލަވަ ޝޯ "ސާރޭގާމާޕާ ލިލް ޗެމްޕްސް" އަލުން ފަށާ އިރު، އޭގެ ޖަޖިން ޕެނެލާ ހިމޭޝް ރޭޝަމިއާ އާއި ޖާވިދު އަލީ ބައިވެރިވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ކުރިން އެ ޝޯގައި މަޝްހޫރު އަންހެން ލަވަކިޔުންތެރިޔާ އަލްކާ ޔަގްނިކާ އެކު ޖަޖުންގެ ގޮތުގައި ބައިވެރިވީ 90 ގެ އަހަރުތަކުގައި ބޮލީވުޑްގައި އެންމެ ވިދައިލި ލަވަކިޔުންތެރިންގެ ތެރޭގައި ހިމެނޭ ކުމާރު ސާނޫ އާއި އުދިތު ނާރަޔަނެވެ.

ނަމަވެސް އަލުން ޝޯ ފަށަން ނިންމައި، އޭގެ ޝޫޓިން ފަށަން ތައްޔާރުވަމުން އަންނަ އިރު، އެ ދެ ލަވަކިޔުންތެރިން ވަނީ ޝޯގައި ދެން ބައިވެރިވެވެން ނެތް ކަމަށް އަންގައިފަ އެވެ. އެހެންވެ ހިމޭޝް އާއި ޖާދިދަށް ފުރުސަތު ދިނީ އެވެ.

މި ދެ ފަންނާނުން ވަނީ ކުރިން ވެސް "ސާރޭގާމާޕާ ލިލް ޗެމްޕްސް" ގައި ޖަޖުންގެ ގޮތުގައި މަސައްކަތްކޮށްކޮށްފަ އެވެ. އޭގެ އިތުރުން ސޮނީ ޓީވީން މިދިޔަ އަހަރު ގެނެސްދިން "ސުޕަސްޓާ ސިންގާ" ޖަޖުންގެ ގޮތުގައި ވެސް އަލްކާއާ އެކު ޖާވިދާއި ހިމޭޝް މަސައްކަތްކޮށްފައިވެ އެވެ.

އެ ދެ މީހުންނަކީ އިތުރު އެހެން ލަވަ ޝޯތަކުގައި ވެސް ޖަޖްކަންކޮށްފައިވާ ދެ ފަންނާނުންނެވެ. އޭގެ ތެރޭގައި "އިންޑިއަން އައިޑޮލް" އާއި "ދި ވޮއިސް" އާއި "ސާރޭގާމާޕާ ޗެލެންޖް" ހިމެނެ އެވެ.

ހިމޭޝް ބުނީ "ސާރޭގާމާޕާ ލިލް ޗެމްޕްސް" އާ ގުޅެން ފުރުސަތު ލިބުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި އެ ޝޯ އަކީ ކުޑަކުދިންތަކެއްގެ ހުނަރު އާދަޔާހިލާފަށް ފެނިގެންދާ އަދި ބެލުންތެރިންގެ މެދުގައި ވެސް އެހާ މަގުބޫލު ޝޯއެއް ކަމަށެވެ.

ލޮކްޑައުންއާ އެކު ހުއްޓުމަކަށް އައި މި އަހަރުގެ "ސާރޭގާމާ ލިލް ޗެމްޕްސް" އަކީ މި ޝޯގެ އަށް ވަނަ ސީޒަނެވެ. އަދި ޝޯގެ ހޯސްޓަކީ "އިންޑިއަން އައިޑޮލް" ވެސް ހޯސްޓްކޮށްފައިވާ މަނީޝް ޕޯލެވެ.

ޝޯ އަލުން ދައްކަން ފަށާނީ މި މަހުގެ 18 އިން ފެށިގެންނެވެ.

"ސާރޭގާމާ ލިލް ޗެމްޕްސް" އަކީ 2006 ގައި ގެނެސްދެމުން އަންނަ ޝޯއެކެވެ.