22 އޮކްޓޯބަރ 2016 - 05:55

އެމެރިކާގައި ބޭއްވި ކެއުމުގެ މުބާރާތެއްގައި ބައިވެރިވި މީހަކު، އެންމެ ކުޅި މިރުހުގެ ތެރޭގައި ހިމެނޭ މިރުސްތަކެއް ކެއުމުގެ ސަބަބުން ކާހޮޅީގައި ލޯވަޅެއް އެޅި ހާލު ސީރިއަސްވެގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހިއްޖެ އެވެ.
މިރުސްތައް ކެއުމުގެ ސަބަބުން ފަރުވާ ދޭން ޖެހުނީ އުމުރުން 47 އަހަރުގެ ފިރިހެނަކަށެވެ. އެ މީހާ ޑޮކްޓަރަށް ދެއްކީ ބަނޑާއި މޭގައި ވަރަށް ބޮޑަށް ރިއްސައި ހޮޑު ލެވޭތީ ކަމަށް "ދަ ޖާނަލް އޮފް އިމަޖެންސީ މެޑިސިން" ގައި ޝާއިއުކޮށްފައިވާ ރިޕޯޓެއްގައި ބުނެފައިވެ އެވެ.
ސީޓީ ސްކޭނާއި އެކްސްރޭތަކުން އެނގުނު ގޮތުގައި ކާހޮޅީގެ މެދަކާ ހިސާބުގައި އިންޗިއެއްހާ ތަން ފޫގޮސްފައި އިނެވެ. ކާއެއްޗިއްސާއި ދިޔާ އެއްޗެހި ވެސް އެތަނުން ނިކުމެފައި ހުރި ކަމަށްވެ އެވެ.
މި މީހާ އަށް ފަރުވާ ކުރުމަށް، ކާހޮޅި އަށް ހޮޅިއެއް ލައްވާފައި 13 ދުވަހު ބާއްވަން ޖެހުނު ކަމަށް ރިޕޯޓްގައިވެ އެވެ. އެ މީހާ ހޮސްޕިޓަލުން ދޫކޮށްލީ އެޑްމިޓް ކުރިތާ 23 ދުވަސް ފަހުންނެވެ.
މި މީހާ އަށް ފަރުވާކުރި މެޑިކަލް ޓީމުން ބުނެފައިވާ ގޮތުގައި މިއީ މިރުސް ކެއުމުގެ ސަބަބުން މިފަދަ ކަމެއް ދިމާވި ފުރަތަމަ ފަހަރު ކަމަށް ވަނީ ބެލެވިފަ އެވެ. ކާހޮޅި ފޫދިއުމަކީ ވަރަށް ނާދިރު އެކަމަކު ނުރައްކާތެރި ކަމެއްގެ ގޮތުގައި އެ ޓީމުން ވަނީ ފާހަގަކޮށްފަ އެވެ.
ކާހޮޅި ފޫގޮސްފި ނަމަ މަރުވުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް ވެސް މެޑިކަލް ޓީމުން ބުނެފައިވެ އެވެ.