ސިޓީ ބޮޑު މޮޅެއް ހޯދިއިރު ލިވަޕޫލަށް ރެކޯޑެއް
ސިޓީ ބޮޑު މޮޅެއް ހޯދިއިރު ލިވަޕޫލަށް ރެކޯޑެއް

ލަންޑަން (ޖުލައި 9) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީން 5-0 އިން ނިއުކާސަލް ޔުނައިޓެޑް އަތުން ބޮޑު މޮޅެއް ހޯދިއިރު، ބްރައިޓަން 3-1 އިން ބަލިކޮށް ލީގުގެ ތާރީހުގައި އެއް ސީޒަނެއްގައި އެންމެ އަވަހަށް 30 މޮޅު ހަމަކުރި ޓީމުގެ ރެކޯޑް ލިވަޕޫލުން ގާއިމްކޮށްފި އެވެ.

ލީގު ޗެމްޕިއަންކަން ޔަގީންކޮށްފައިވާ ލިވަޕޫލަށް އަދިވެސް މި ސީޒަނުގައި ގިނަ ރެކޯޑްތަކެއް ގާއިމްކުރުމުގެ ފުރުސަތު އެބައޮތެވެ. އެ ގޮތުން އެ ޓީމުން އެންމެ ބޮޑަށް އަމާޒުހިފާފައިވާ ރެކޯޑަކީ ސިޓީން 100 ޕޮއިންޓް ހަމަކޮށް ލީގުގެ ޗެމްޕިއަން ހޯދި ރެކޯޑާ ހަމަކުރުމެވެ. ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ ރެކޯޑްތަކާ މެދު އޭނާ ނުވިސްނި ކަމުގައި ވިޔަސް ކުޅުންތެރިންގެ އަމާޒު ހުރީ އެ ދިމާލަށް ކަމަށެވެ.

"ކުޅިވަރުގެ މީހުންނަށް މި ރެކޯޑްތައް ވަރަށް މުހިއްމުވާނެ. ޗެމްޕިއަންކަން ހޯދި ހިސާބުން އަހަރެންގެ ބޮޑު އަމާޒަށް ވާސިލްވީ އެ ހިސާބުން ދެން އަހަރެން ވިސްނަން ފެށީ އެހެން ކަންކަމަށް. ތި ބުނާ ކަންކަމަށް (ރެކޯޑްތަކަށް) ކުޅުންތެރިންގެ ޝައުގުވެރިކަން ބޮޑުހެން އަހަންނަށް ހީވަނީ،" ރޭގެ މެޗަށް ފަހު ކްލޮޕް ބުންޏެވެ.

ރޭގެ ނަތީޖާތަކަށް ފަހު ލިވަޕޫލް އެއް ވަނައިގައި އޮތީ 34 މެޗުން 92 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ސިޓީ އަށް 34 މެޗުން ލިބިފައިވަނީ 69 ޕޮއިންޓެވެ. ތިން ވަނައިގައި ޗެލްސީ އޮތީ 34 މެޗުން 60 ޕޮއިންޓާ އެކު އެވެ. ހަތަރެއްގައި އޮތް ލެސްޓާ ސިޓީ އަށް 34 މެޗުން ލިބިފައިވަނީ 59 ޕޮއިންޓެވެ. ތާވަލުގެ ފަސް ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް 33 މެެޗުން 55 ޕޮއިންޓް ވަނީ ލިބިފަ އެވެ. ޝެފީލްޑް ޔުނައިޓެޑުން ވަނީ ރޭ 1-0 އިން ވުލްވްސް ބަލިކޮށްފަ އެވެ. ވުލްވްސް މި ވަގުތު ހަ ވަނައިގައި އޮތީ 34 މެޗުން 52 ޕޮއިންޓާ އެކު އެވެ. ހަތް ވަނައިގައި އޮތް ޝެފީލްޑަށް ލިބިފައިވަނީ 34 މެޗުން 51 ޕޮއިންޓެވެ.

ބްރައިޓަންގެ ދަނޑުގައި ރޭ ކުޅުނު މެޗު ފަށައިގެން އަށް މިނިޓް ތެރޭ ލިވަޕޫލުން ވަނީ ދެ ގޯލު ޖަހައިފަ އެވެ. މެޗުގެ ހަ ވަނަ މިނިޓްގައި ނަބީ ކެއިޓާ ދިން ބޯޅައަކުން މުހައްމަދު ސަލާހު ލީޑުނެގިިއިރު، އޭގެ ދެ މިނިޓް ފަހުން ސަލާހު ދިން ބޯޅައަކުން ލިވަޕޫލްގެ ލީޑުފުޅާކޮށްދިނީ ކެޕްޓަން ޖޯޑަން ހެންޑަސަން އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ލަނޑެއް ޖަހައި މެޗުގެ ތެރެއަށް ވަންނަން ބްރައިޓަން އިން ކުރި މަސައްކަތް ކާމިޔާބުކޮށްދިނީ ލެއަންޑްރޯ ޓްރޮސާޑް އެވެ. ޓްރޮސާޑް ގޯލު ޖެހީ ފުރަތަމަ ހާފުގެ ފަހު މިނިޓްގަ އެވެ. އޭގެ ކުރިން ބްރައިޓަން އިން ފޮނުވާލި ނުރައްކާތެރި ދެ ހަމަލާއެއް ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާ ވަނީ ހުއްޓުވައިފަ އެވެ.

ދެ ވަަނަ ހާފްގައި ބްރައިޓަން އަށް އެއްވަރުކޮށްދޭން ޑޭން ބާން އަށް ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވި އެވެ. ލިވަޕޫލްގެ ތިން ވަނަ ގޯލު ޖެހީ ކޯނަރަކުން އެންޑީ ރޮބަޓްސަން ނަގައިދިން ބޯޅަ އަކުން މެޗުގެ 76 ވަނަ މިނިޓްގައި ސަލާހެވެ. ސަލާހު އޭނާގެ ހެޓްރިކް ފުރިހަމަކުރަން އިތުރު ވަގުތުގައި ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.

އަމިއްލަ ދަނޑުގައި ތަފާތު ކުޅުމެއް ދައްކައި ސިޓީން ހޯދި މޮޅާ އެކު އެ ޓީމު ވަނީ އަލުން ފޯމަކަށް އެޅިފަ އެވެ. ސިޓީގެ ގޯލުތައް ޖެހީ ގަބްރިއެލް ޖީސޫސް، ރިޔާދު މާރޭޒް، ޑޭވިޑް ސިލްވާ އަދި ރަހީމް ސްޓާލިން އެވެ. އަނެއް ގޯލަކީ ނިއުކާސަލްގެ ޑިފެންޑަރު ފެޑެރީކޯ ފެނާންޑޭސް އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ ސައުތެމްޓަން އަތުން ބަލިވި މެޗުގައި ދިމާވި މައްސަލަ އަކީ ފުރުސަތުގެ ބޭނުން ހިފައި ގޯލު ނުޖެހުން ކަމަށާއި އެ ކަމަށް ރޭގެ މެޗުން ހައްލެއް ފެނި ގިނަ ފުރުސަތުތަކެއްގެ ބޭނުން ހިފައި ގޯލުތަކެއް ޖެހުމުން އުފާކުރާ ކަމަށެވެ.