08 ޖުލައި 2020 - 18:14

ވަރި ކައިވެނީގެ މައުލޫމާތުތައް އޮންލައިންކޮށް ބެލެހެއްޓޭނެ ނިޒާމެއް ގާއިމް ކުރަން ނިންމައިފި އެވެ.
ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީން ބުނީ މިނިސްޓަރު މުހައްމަދު މަލީހާއި ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ޑރ. އަބްދުﷲ ނަޒީރާއި ނޭޝަނަލް ސެންޓަ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީޓީސީ) އާ އެކު މިއަދު ބޭއްވި ބައްދަލުވުމުގައި ވަރި، ކައިވެނީގެ މައުލޫމާތު ޑިޖިޓަލައިޒްކޮށް، އޮންލައިންކޮށް ބެލެހެއްޓޭނެ ނިޒާމެއް ގާއިމް ކުރުމާ ބެހޭގޮތުން މަޝްވަރާކޮށް، ގޮތްތަކެއް ނިންމި ކަމަށެވެ. އަދި ފަސް ދުވަހުގެ ތެރޭގައި އޭގެ އަމަލީ މަސައްކަތް ފެށުމަށް އުއްމީދު ކުރާ ކަމަށް ވެސް ކޮމިއުނިކޭޝަން މިނިސްޓްރީން ބުންޏެވެ.
ކޮމިއުނިކޭޝަން މިނިސްޓްރީން ބުނިގޮތުގައި ވަރި ކައިވެނީގެ މައުލޫމާތު އޮންލައިންކޮށް ބެލެހެއްޓުމަށް ނިޒާމެއް ގާއިމް ކުރުމުގެ ބޭނުމަކީ ވިހާ، މަރުވާ ފަރާތްތަކުގެ މައުލޫމާތު ބަލަހައްޓަން ދާދިފަހުން އުފެއްދި "ގެމެން" ޕޯޓަލަށް އެ މައުލޫމާތު މުހިންމު ވާތީ އެވެ. އޭގެ ސަބަބުން ދައުލަތުގެ އިދާރާތަކުގެ މަސައްކަތްތައް ހަލުވި ވެގެންދާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
ދާދިފަހުން ގާއިމްކުރި ގެމެން ޕޯޓަލް ބޭނުން ކުރަން ފެށުމުން އުފަން ދުވަހު ސެޓްފިކެޓް ހައްދަން ކައުންސިލްތަކަށް ހުށަހެޅުން ވެސް ނިމުމަކަށް ގެނެވި، އުފަންވާ ކުދިންނާއި މަރުވާ މީހުުންގެ މައުލޫމާތު އެއް ތަނަކުން ބެލޭނެ ނިޒާމެއް ވަނީ ގާއިމްކޮށްފަ އެވެ.