08 ޖުލައި 2020 - 14:56

ބޮޑެތި ބަލިތަކަށް ރާއްޖޭން ލިބެން ނެތް ފަރުވާތައް ހޯދުމަށް އާސަންދަ މެދުވެރިނުކޮށް އިންޑިއާ އަށް ދެވޭނެ އިންތިޒާމު މިހާރު ހަމަޖެހިފައިވާ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ.
ކޮވިޑް-19 ފެތުރޭތީ އިންޑިއާގެ ބޯޑަރުތައް ވެސް ބަންދުކޮށްފައި ވާއިރު، ރާއްޖޭން ލިބެން ނެތް ފަރުވާތައް ހޯދަން މީގެ ކުރިން އިންޑިއާ އަށް މީހުން ފޮނުވާފައިވަނީ އާސަންދަ ކުންފުނިންނެވެ. އަދި އިންޑިއާ ނޫން އެހެން ގައުމަކަށް ބޭސްވަރުވާ އަށް ދާން މިހާތަނަށް ހުއްދަ ވެސް ލިބިފައެއް ނުވެ އެވެ.
ފޮރިން މިނިސްޓްރީން ބުނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، މާލޭގައި ހުންނަވާ އިންޑިއާ ސަފީރާއި އިންޑިއާ ސަރުކާރާ އެކު ކުރެއްވި މަޝްވަރާތަކަށް ފަހު އިންޑިއާ އިން މިހާރު ފޮރިން މިނިސްޓްރީ މެދުވެރިކޮށް އިންޑިއާ އަށް ދާން ހުށަހެޅޭނެ ކަމަށެވެ.އިންޑިއާއަށް ދާން ބޭނުންވާ މީހުން ފޮރިން މިނިސްޓްރީގެ ކޮންސިއުލާ ޑިޕާޓްމަންޓަށް އީމެއިލް ކުރުމަށް މިނިސްޓްރީން އެދިފައިވެ އެވެ.
މިނިސްޓްރީން ބުނީ ފޮރިން މިނިސްޓްރީ މެދުވެރިކޮށް އިންޑިއާ އަށް ދިއުމުގެ ހުއްދަ އަށް އެދުނަސް، ދަތުރުކުރެވޭނީ އިންޑިއާ ސަރުކާރުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު، ހުއްދަ ދޭ ބަޔަކަށް ކަމަށެވެ. މި ފުރުސަތަކީ ހަމައެކަނި ރާއްޖން ދެވެން ނެތް ކްރިޓިކަލް ކެއާ އަށް ހުޅުވާލާފައިވާ ފުރުސަތެއް ކަމަށް ވެސް ބުންޏެވެ.
ހުއްދަ ލިބޭ މީހުން އިންޑިއާ އަށް ދާން މާލޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން މެޑިކަލް ވިސާ ނަގަން ޖެހޭނެ ކަމަށާއި ގޮސް އިންޑިއާގައި ތިބުމާއި، ކަރަންޓީންވުމުގެ އިންތިޒާމްތަކާއި، ބޭސްފަރުވާގެ ކަންތައްތައް ހަމަޖައްސަން ޖެހޭނީ އަމިއްލައަށް ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެ އެވެ.
ގިނަ ގައުމުތަކުގެ ބޯޑަރުތައް ބަންދުކޮށްފައިވާތީ، ރާއްޖެއިން ނުލިބޭ ފަރުވާތައް ހޯދުމަށް ރާއްޖެ އިން ބޭރަށް މީހުން ފޮނުވުމުގައި ގިނަ ދަތިކަން ވަނީ ކުރިމަތިވެފަ އެވެ. ރާއްޖެއިން ބޭރަށް ދާން ޖެހޭ ގިނަ ބައެއް އާސަންދައިގެ ދަށުން ލިސްޓުކޮށްފައި ވާއިރު އޭގެ ތެެރެއިން 28 މީހުން މިހާރު ވަނީ މިހާރު ފޮނުވައިފަ އެވެ. އާސަންދައިގެ ދަށުން ދާން އެދިފައިވާ ދެވަނަ ލިސްޓުގެ މީހުންނަށް ދެވޭނެ ދުވަހެއް އަދި އަންގައިފައެއް ނުވެ އެވެ.