އެމެރިކާ އަށް އެންމެ ބޮޑު ބިރަކީ ޗައިނާ: އެފްބީއައި ޑިރެކްޓަރު
އެމެރިކާ އަށް އެންމެ ބޮޑު ބިރަކީ ޗައިނާ: އެފްބީއައި ޑިރެކްޓަރު

ވޮޝިންޓަން (ޖުލައި 8) - އެމެރިކާގެ ކުރިމަގަށް ދިގު ރާސްތާގައި ކުރިމަތިވާނެ އެންމެ ބޮޑު ބިރަކީ ޗައިނާ ސަރުކާރުން ޖާސޫސް ކުރުމާއި މަކަރާއި ހީލަތާއި ވައްކަން ކުރުން ކަމަށް އެފްބީއައިގެ ޑިރެކްޓަރު ކްރިސްޓޮފާ ވްރޭ ވިދާޅުވެއްޖެ އެވެ.

ވޮޝިންޓަނުގެ ހަޑްސޮން އިންސްޓިޓިއުޓުގައި ވާހަކަ ދައްކަވަމުން ކްރިސްޓޮފާ ވިދާޅުވީ ބެއިޖިން އިން ދަނީ ގައުމުން ބޭރުގައި ދިރިއުޅޭ ޗައިނާ މީހުންނަށް ފާރަލަމުން ކަމަށެވެ. ޗައިނާގެ ރައްޔިތުންގެ ތެރޭން ގައުމުން ބޭރުގައި އުޅޭ މީހުންގެ ތެރޭން ޗައިނާ ސަރުކާރަށް ބިރު ހުރި މީހުންނަށް އަމާޒުކޮށް އެ ގައުމުގެ ރައީސް ޝީ ޖިންޕިން ވަނީ "ފޮކްސް ހަންޓް" ގެ ނަމުގައި ޕްރޮގްރާމެއް ފައްޓަވާފައި ކަމަށް އޭނާ ވިދާޅުވި އެވެ. ޗައިނާ އިން މިހާރު މަސައްކަތް ކުރަނީ އެފަދަ މީހުން އަނބުރާ ގައުމަށް ގެންދިއުމަށް ކަމަށް ވެސް ކްރިސްޓޮފާ ވިދާޅުވި އެވެ.

އެމެރިކާގައި ދިރިއުޅޭ ޗައިނާ މީހުން އަނބުރާ ޗައިނާ އަށް ގެންދިއުމަށް ބެއިޖިން އިން މަސައްކަތް ކުރާ ނަމަ، އެފަދަ މީހުން އެފްބީއައި އަށް އެކަން އެންގުމަށް ކްރިސްޓޮފާ އެދިވަޑައިގެންނެވި އެވެ.

"ޗައިނާ އިން މަސައްކަތް ކުރަމުން ދަނީ ވެވުނު ގޮތަކުން އެ މީހުންނަކީ ދުނިޔޭގެ ސުޕަޕަވަރަށް ވާން،" އޭނާ ވިދާޅުވި އެވެ.

އެފްބީއައިގެ ޑިރެކްޓަރުގެ އެއްގަޑިއިރުގެ ތަގްރީރުގައި ވަނީ ޗައިނާ އިން ކުރިއަށް ގެންދާ އިގްތިސާދީ ގޮތުން ޖާސޫސް ކުރުމާއި ޑޭޓާ ވަގަށް ނެގުމާއި އަޑީގައި ތިބެގެން ހިންގާ ސިޔާސީ ހަރަކާތްތަކަށް އަލިއަޅުވާލައްވައިފަ އެވެ.

"އެމެރިކާގައި މިހާރު ކުރިއަށްދާ ކައުންޓައިންޓަލިޖެންސް 5،000 މައްސަލައިގެ ތެރޭން ދެބައިކުޅަ އެއްބައި ގުޅިފައި ވަނީ ޗައިނާއާ،" ކްރިސްޓޮފާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޗައިނާ އިން ކުރިމަތިކުރާ ބިރުތަކާ ގުޅޭ ގޮތުން އެމެރިކާގެ އެޓާނީ ޖެނެރަލް އާއި ޚާރިޖީ ވަޒީރު ކުރިއަށް އޮތް ތަނުގައި އިތުރު މައުލޫމާތު ދެއްވާނެ ކަމަށެވެ.

ކޮރޯނާވައިރަސް ފެތުރެން ފެށި ފަހުން އެމެރިކާ އާއި ޗައިނާގެ ބަހުގެ ހަމަލާތައް ވަނީ އިތުރުކޮށްފަ އެވެ. ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައި ވަނީ އެ ވައިރަހަކީ އެމެރިކާ އިން އަމާޒުކޮށް ޗައިނާ އިން އުފެއްދި އެއްޗެއް ކަމަށެވެ.