ގަދަބަސް ވިދާޅުވި ބްރެޒިލްގެ ރައީސް ކޮރޯނާވައިރަހަށް ޕޮޒިޓިވްވެއްޖެ
ގަދަބަސް ވިދާޅުވި ބްރެޒިލްގެ ރައީސް ކޮރޯނާވައިރަހަށް ޕޮޒިޓިވްވެއްޖެ

ސައޮ ޕޯލޯ (ޖުލައި 8) - ކުޑަކުޑަ ރޯގާއަކުން ބަލިކޮށް ނުލެވޭނެ ކަމަށް ވިދާޅުވި ބްރެޒިލްގެ ރައީސް ޖައިރް ބޮލްސޮނަރޯ އެންމެ ފަހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެއްޖެ އެވެ.

ބަލީގެ އަލާމާތްތައް ފެންނަން ފެށުމުން ބޮލްސޮނަރޯ ކޮރޯނާވައިރަހަށް ޓެސްޓް ކުރީ ހޯމަ ދުވަހު އެވެ. މީގެ ކުރިން ވެސް ވަނީ ތިން ފަހަރެއްގެ މަތިން ޓެސްޓްކޮށްފަ އެވެ. އެ ތިން ޓެސްޓް ވެސް ނެގެޓިވް އެވެ.

ބޮލްސޮނަރޯ މީގެ ކުރިން ވަނީ އެތައް ފަހަރެއްގެ މަތިން ކޮރޯނާވައިރަހަކީ މާބޮޑު ކަމެއް ނޫން ކަމަށާއި އެއީ އާދައިގެ ރޯގާއެއް ކަމަށް ވިދާޅުވެފަ އެވެ. އަދި އެފަދަ ރޯގާއަކުން އޭނާ އަށް ސީރިއަސް އަސަރެއް ނުކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ. ކޮރޯނާވައިރަސް ފެތުރޭތީ ގައުމު ލޮކްޑައުން ކުރަން ވެސް ބޮލްސޮނަރޯ ދެކޮޅެވެ. އޭނާ ވިދާޅުވީ އެއީ އިގްތިސާދަށް ދެވޭ ގެއްލުމެއް ކަމަށެވެ. ބޮލްސޮނަރޯ ވިދާޅުވެފައި ވަނީ ވައިރަހުން ލިބޭ ގެއްލުމަށް ވުރެ ބޮޑު ގެއްލުމެއް ލޮކްޑައުން ކުރުމުން ލިބޭ ކަމަށެވެ.

އެމެރިކާ އަށް ފަހު ދުނިޔޭގައި ދެ ވަނަ އަށް އެންމެ ގިނަ މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައި ވަނީ ބްރެޒިލުންނެވެ. އެ ގައުމުން ވަނީ 1,643,539 މީހުން ޕޮޒިޓިވްވެ 66،093 މީހުން މަރުވެފަ އެވެ.

ރައީސް ބޮލްސޮނަރޯ ކޮރޯނާވައިރަހަށް ޕޮޒިޓިވްކަން އޭނާ އަންގާރަ ދުވަހު އިއުލާންކުރެއްވީ ގައުމީ ޓީވީ މެދުވެރިކޮށެވެ. ބޮލްސޮނަރޯ ވިދާޅުވީ ގަދަހުން މިހާރު މަޑުވެއްޖެ ކަމަށާއި އޭނާގެ "ހާލު ރަނގަޅު" ކަމަށެވެ. ހުން އަންނަން ފެށީ އާދިއްތަ ދުވަހު ކަމަށް ބޮލްސޮނަރޯ ވިދާޅުވި އެވެ. އަދި ގަދަ ހުމާ އެކު ކެއްސަން ފެށުމުން ހާލު ގޯސްވި ކަމަށް ވެސް ވިދާޅުވި އެވެ.

ބޮލްސޮނަރޯ ވިދާޅުވީ އޭނާގެ ހާލަތު މާބޮޑަށް ގޯސްވުމުން ހޯމަ ދުވަހު ޓެސްޓް ހެދީ ކަމަށެވެ. ބޮލްސޮނަރޯގެ އުމުރަކީ 65 އަހަރެވެ. އެއީ ނުރައްކާ ބޮޑު ގްރޫޕެވެ.

ބޮލްސޮނަރޯ ވިދާޅުވީ ބަލިވުމުން އޭނާ ބޭނުން ކުރެއްވީ ހައިޑްރޯކްލޮރޯކްއިން އާއި އެޒިތުރޮމައިސިން ކަމަށެވެ.

ބޮލްސޮނަރޯއާ ބައްދަލުވި މީހުންގެ ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ.

މިދިޔަ އޭޕްރިލް މަހު ބޮލްސޮނަރޯ ވިދާޅުވެފައި ވަނީ އޭނާ ޕޮޒިޓިވްވި ނަމަވެސް އެކަމާ ކަންބޮޑުވެވަޑައިނުގަންނަވާނެ ކަމަށެވެ. ބޮޑު ވަރަކަށް ވެސް ހުން އަންނާނީ ކަމަށް ވިދާޅުވި އެވެ. އޭރު ބްރެޒިލް އިން ޕޮޒިޓިވްވެފައި ވަނީ 40،000 މީހުންނެވެ. މަރުވީ ގާތްގަނޑަކަށް 3،000 މީހުންނެވެ.

ވައިރަހާ ގުޅޭ ގޮތުން ބޮލްސޮނަރޯ ދެއްކެވި ބައެއް ވާހަކަތައް:

* މާޗް 11: "ކޮރޯނާވައިރަހަށް ވުރެ އެހެން ރޯގާތަކުގައި މާގިނަ މީހުން މަރުވެފައިވޭ"

* މާޗް 18: "ބްރެޒިލްގައި އޮންނަނީ ހޫނު މޫސުމެއް. ހޫނު މޫސުމުގައި ވައިރަހެއް ނުފެތުރޭނެ. ބްރެޒިލް އިން މި ވަނީ ކޮރޯނާވައިރަސް ކޮންޓްރޯލްކޮށްފައި"

* މާޗް 20: "ކޮވިޑް-19 ޖެހުނަސް ކުޑަކުޑަ ރޯގާ އަކުން އަޅުގަނޑު ބަލިކޮށެއް ނުލެވޭނެ"

އޭގެ ފަހުން ބްރެޒިލްގައި ވަނީ ކޮރޯނާވައިރަހުން ރައްކާތެރިވުމުގެ ފިޔަވަޅުތައް އަޅަން ފަށައިފަ އެވެ. ބްރެޒިލްގެ އާއްމު ތަންތަނުގައި މާސްކް އެޅުން ވަނީ މަޖްބޫރުކޮށްފަ އެވެ. ނަމަވެސް އާއްމު ތަންތަނުގައި ވެސް ބޮލްސޮނަރޯ ފެންނަނީ މާސްކް ނާޅުއްވައި އުޅުއްވާތީ އެވެ.