21 އޮކްޓޯބަރ 2016 - 15:32

ޕީޕީއެމްގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމާ ދެމެދު ނުތަނަވަސްކަން އޮތް ނަމަވެސް މައުމޫނަކީ ބޭބޭފުޅު ކަމަށް ވާތީ އެ މަނިކުފާނަށް ރައްދު ނުދެއްވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.
ދަރުބާރުގޭގައި ބޭއްވި އިވެންޓެއްގައި ރައީސް ވިދާޅުވީ މައުމޫނަށް އެމަނިކުފާނު ވަރަށް ބޮޑަށް އިހުތިރާމް ކުރައްވާ ކަމަށާއި އެއީ "ލޯބިވާ ބޭބެ" ކަމަށެވެ. އެހެންވެ އެ މަނިކުފާނާ ބެހޭގޮތުން ވާހަކަ ދެއްކެވެން ނެތް ކަމަށް ވިދާޅުވި އެވެ. އަދި އެ މަނިކުފާނަށް ރައްދު ދެއްވަން ބޭނުންފުޅު ނުވާ ކަމަށް ވެސް ވިދާޅުވި އެވެ.
"އެކި ބޭފުޅުން ޓީވީތަކަށް އަރުއްވައިގެން އަޅުގަނޑާ މެދު ސާބިތު ނުހިފޭ ވާހަކަތައް ދަނީ ދައްކަވަމުން. އެ ވާހަކައަށް މިރޭ އަޅުގަނޑު ކޮންމެވެސް ރައްދެއް ދޭން ބޭނުންވޭ. އެކަމަކު ދަންނަވާލަން ބޭނުންވަނީ ޕީޕީއެމްގެ ރައީސަކީ އަޅުގަނޑުގެ ލޯބިވާ ބޭބެ. އެހެންވީމަ އެމަނިކުފާނާ ބެހޭގޮތުން ވާހަކަ ދެއްކުމަކީ އަޅުގަނޑު ކުރާނެ ކަމެއް ނޫން،" ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް މައުމޫނާއި ރައީސް ޔާމީނާ ދެމެދު އުފެދިފައިވާ ހިޔާލުތަފާތުވުންތަކުގެ ސަބަބުން ޕާޓީ ދެ ފެކްޝަނަކަށް ބެހިފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެކަމާ ހިތާމަކުރައްވާ ކަމަށެވެ. އެ މަނިކުފާނު ވިދާޅުވީ އެއީ ވާހަކަދައްކައިގެން ހައްލު ނުކުރެވޭނެ މައްސަލައެއް ނޫން ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ މައްސަލަތަކާ ގުޅޭގޮތުން ވާހަކަ ދެއްކެވުމަށް އެ މަނިކުފާނު، ރައީސް މައުމޫނާ އެކު އިށީނދެ ވަޑައިނުގަތުމަކީ ދެ ފަރާތުގެ މަންދޫބުންނަށް ވާހަކަ ނުދެއްކެންވީ ސަބަބެއް ނޫން ކަމަށެވެ. މީގެ ކުރިން ވެސް ދައުލަތުގެ އެކިކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ދެ ބޭފުޅުން ބައްދަލު ކުރެއްވި ކަމަށާއި އެކަމަކު އެ ބައްދަލުުވުންތައް މެދުކެނޑިގެން ދިޔަ ސަބަބުތައް ހުންނާނެ ކަމަށް ވިދާޅުވި އެވެ.
"އެކަމަކު އެއީ އަޅުގަނޑު ދައްކަން ބޭނުންވާ އަދި ދައްކަން ފަސޭހަ ވާހަކަތަކެއް ނޫން،" ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ޕީޕީއެމްގައި މިހާރު ޖެހިގެން އުޅޭ މައްސަލައާ ގުޅޭގޮތުން އެކި މީހުން ޓީވީތަކަށް އަރައި، އެ މަނިކުފާނާ ގުޅޭގޮތުން ވާހަކަތައް ދެއްކި ނަމަވެސް އެއީ ރަނގަޅު ވާހަކަތަކެއް ނޫން ކަމަށެވެ. އެ ވާހަކަތަކަށް އެ މަނިކުފާނު ރައްދު ދޭނަމަ، އެ ރައްދަކަށް ޖަވާބު ދެވޭނެ މީހެއް ނުހުންނާނެ ކަމަށް ވިދާޅުވި އެވެ.
"މި ބޭބޭފުޅުން ރިޔާސީ ޕްރައިމަރީގެ ތެރޭގައި އާއި ޕާޓީގެ ތެރޭގައި އާއި އެކިއެކި ހަފުލާގެ ތެރޭގައި ވެސް އަޅުގަނޑާ ބެހޭގޮތުން ދަނީ ވާހަކަތައް ދައްކަމުން. އެކަމަކު އެކަމަށް ރައްދު ދެވޭނެ ފަދަ މަގާމެއްގައި ނޫން އަޅުގަނޑު މިހުރީކީ،" ރައީސް ޔާމީން ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ ޕީޕީއެމްގެ މުސްތަޝާރުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާއަށް ވުމުން، ވަކިވަކި ފަރުދުން އެހެން ދައްކާ ވާހަކަތަކަށް ރައްދު ދިނުމަކީ މަގާމާ އެކަށީގެންވާ ކަމެއް ނޫން ކަމަށެވެ.