ރިތޭޝް އާއި ޖެނީލިއާ އަށް ދެވަނަ ދަރިފުޅު ލިބިއްޖެ
ރިތޭޝް އާއި ޖެނީލިއާ އަށް ދެވަނަ ދަރިފުޅު ލިބިއްޖެ

ބޮލީވުޑް އެކްޓަރު ރިތޭޝް ދޭޝްމުކާއި އަންހެނުން ޖެނީލިއާ އަށް ފިރިހެން ކުއްޖެއް ލިބިއްޖެ އެވެ. ޖެނީލިއާ ވިހާފައިވަނީ އިއްޔެ ހެނދުނުގެ ވަގުތެއްގަ އެވެ. މިއީ މި ދެމަފިރިންގެ ދެ ވަނަ ދަރިފުޅެވެ.

ރިތޭޝް އާއި ޖެނީލިއާގެ ފުރަތަމަ ދަރިފުޅު ރިއާން އަށް މިހާރު ދެ އަހަރެވެ.

ރިތޭޝް އާއި އާއިލާއަށް ލިބުނު މި އުފާވެރި ޚަބަރު ސޯޝަލް މީޑިއާގައި އިއުލާންކުރީ އާދަޔާޚިލާފު މަޖާ ގޮތަކަށް އޭނާގެ ދޮށީ ދަރިފުޅު ރިއާންގެ ނަމުގަ އެވެ.

"ހުރިހާ އެންމެންނޭ. މަގޭ މަންމަ އާއި ބައްޕަ ހަމަ ދެންމެއަކު އަހަންނަށް ކުޑަކުޑަ ފިރިހެން ކޮއްކޮއެއް ހަދިޔާކޮށްފި. މިހާރު އަހަރެންގެ ހުރިހާ އެއްޗިއްސެއް އޭނައަށް،" ރިއާންގެ ނަމުގައި ރިތޭޝް ކޮށްފައިވާ ޓުވީޓްގައި ވެއެވެ.

ބޮލީވުޑްގައި މިހާރު ތިބި އެންމެ ލޯބިން އުޅޭ ޖޯޑުގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރާ ރިތޭޝް އާއި ޖެނީލިއާ ރައްޓެހިވީ 2003 ވަނަ އަހަރު އެވެ. ދެ މީހުން 2012 ގައި ކައިވެނި ކުރީ ރައްޓެހިވެގެން އުޅޭތާ ނުވަ ވަރަކަށް އަހަރު ފަހުންނެވެ.

ޖެނީލިއާ އަކީ ވެސް ކުރިން ބައެއް ހިންދީ ފިލްމުތައް ކުޅުނު ބަތަލާއެކެވެ. ރިތޭޝްއާ އެކު ޖެނީލިއާ ކުޅުނު "ތެރި ނާލް ލަވް ހޯގަޔާ" އަކީ ގިނަ ބަޔަކަށް ވަރަށް ރީތި ލޯބީގެ ފިލްމެކެވެ.