07 ޖުލައި 2020 - 19:56

ފުއްޕާމޭގެ ނޭވާލާ ހޮޅިއެއްގެ ތެރޭގައި ކާ އެތިކޮޅެއް ތާށިވި ކުޑަކުއްޖެއްގެ ބޮޑު އޮޕަރޭޝަނެއް ކުރަން ޖެހިއްޖެ އެވެ.
އައިޖީއެމްއެޗުގެ ފުއްޕާމޭގެ ބަލިތަކާ ބެހޭ ޑިޕާޓްމަންޓުން މިއަދު ބުނީ، ރޯގާ ޖެހި ނޭވާލާން އުނދަގޫވާތީ ފަސް އަހަރުން ދަށުގެ ކުއްޖެއްގެ ސީޓީ ސްކޭނެއް ހެދިއިރު، ނޭވާލާ މައި ހޮޅިއަށް ވުރެ ވެސް އެތެރޭގައި ކާ އޭތިކޮޅު ތާށިވެފައިވާ ކަން އެނގުނު ކަމަށެވެ. މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ހެދި ސްކޭނަށް ފަހު، އެ އެތިކޮޅު ނަގަން އައިޖީއެމްއެޗްގެ ޑޮކްޓަރުން މަސައްކަތްކުރި އެވެ.
ނަމަވެސް ގަނޑުކޮށްގެން ވެސް އެ އެތިކޮޅު ނެގޭ ގޮތެއް ނުވި އެވެ.
އެކަމުގެ ތެރޭގައި ކުއްޖާގެ ހާލު ސީރިއަސްވެ ވެންޓިލޭޓަރުގައި ވެސް ތިން ދުވަހު އޮތެވެ. ނަމަވެސް ކުއްޖާގެ ހާލު މިހާރު ރަނގަޅެވެ.
"ގިނަ ދުވަސްވީމަ މަސް އަރާފައި އިނީމަ ނުނެގުނު،" އެ ޑިޕާޓްމަންޓުން ވާހަކަ ދެއްކެވި ބޭފުޅަކު ވިދާޅުވި އެވެ.
އެ ކާ އެތިކޮޅު ނަގާކަށް އައިޖީއެމްއެޗުން ދެން މަސައްކަތެއް ނުކުރާނެ އެވެ. ރާއްޖެއިން ބޭރަށް ފޮނުވާލައިގެން ބޮޑު ސާޖަރީއަކުން އެ އެތިކޮޅު ނެގުމުގެ ފުރުސަތު އެބައޮތެވެ. އެހެން ވެސް ނުނެގިއްޖެ ނަމަ ދެން ޖެހޭނީ ފުއްޕާމޭ ހުޅުވައި އެ ކާ އެތިކޮޅާއެކު އެ އިން ހިސާބު ނަގަން ކަމަށް ޑޮކްޓަރުން ވިދާޅުވެ އެވެ.
ކާ އެއްޗެހި ރަނގަޅަށް ނުހަފައި ދިރުވުމަކީ ވެސް މިފަދަ ހާލަތެއް ދިމާވެދާނެ ކަމެކެވެ. އެހެންވެ ކުޑަކުދިން އަނގަޔަށް އެކި ޒާތުގެ އެއްޗެހިލުމުގެ ފުރުސަތު ނުދިނުމަށް ބެލެނިވެރިންގެ ކިބައިން ޑޮކްޓަރުން ވަނީ އެދިފަ އެވެ.