އޭ330 ގެނައުމުގެ މަސައްކަތް މަޑުޖައްސާލަން އެންގީ ބަލަންޖެހޭ ކަންކަން ހުރުމުން: އޭސީސީ
އޭ330 ގެނައުމުގެ މަސައްކަތް މަޑުޖައްސާލަން އެންގީ ބަލަންޖެހޭ ކަންކަން ހުރުމުން: އޭސީސީ

އައިލެންޑް އޭވިއޭޝަނުން އެއާބަސް އޭ330 ބޯޓު ގެންނަން ހުޅުވައިލި އިއުލާނާ ގުޅިގެން، ފެންމަތިވި މައްސަލަތައް ބެލުމަށް މަހަކަށް ވުރެން ގިނަ ދުވަސް ވަންދެން އެކަން ހުއްޓުވީ، ކަންކަން ރަނގަޅަށް ނުބަލައި ކަމަށް ކުރާ ތުހުމަތަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ރައްޔިތުންގެ މަޖިލީހުގެ ކަމާ ގުޅޭ ކޮމިޓީގައި ޖަވާބުދީފި އެވެ.

އޭ330 ގެނައުމުގެ މަސައްކަތް މަޑުޖައްސާލަން އެންގީ ބަލަންޖެހޭ ކަންކަން ހުރުމުން: އޭސީސީ
އޭ330 ގެނައުމުގެ މަސައްކަތް މަޑުޖައްސާލަން އެންގީ ބަލަންޖެހޭ ކަންކަން ހުރުމުން: އޭސީސީ

އެސްއޯއީ ކޮމިޓީގައި އޭސީސީން މިދިޔަ ހޯމަ ދުވަހު ބުނީ، އެ ބޯޓު ގެނައުމަށް ކުރި އިއުލާނާ ގުޅޭ ކަންބޮޑުވުންތަކާ ހެދި މަހަކަށް ވުރެން ގިނަ ދުވަހު އެ މަސައްކަތް މަޑުޖައްސައިލަން އަންގައި، ތަހުގީގުކޮށް ހޯދަން ޖެހޭ ކަންކަން ހޯދާފައިވާ ކަމަށެވެ. އޭގެ ފަހުން މިހާރު އެކަން ކުރިއަށް ގެންދަން އަންގާފައިވާނެ ކަމަށާއި އެއީ އެ މަޝްރޫއު ކުރިއަށް ދިޔައަސް ތަހުގީގުގެ ބާކީ ބައި ފުރިހަމަ ކުރެވޭނެ ކަމުގެ ޔަގީންކަން ލިބުމުން ކަމަށް ވެސް އޭސީސީން ބުންޏެވެ.

އެސްއޯއީ ކޮމިޓީގެ ނައިބު މުގައްރަރު، ފުވައްމުލަކު މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސެއިން މުހައްމަދު ދީދީ ތުހުމަތުކުރެއްވި ގޮތުގައި، ރާއްޖޭގެ އިގްތިސާދާ ގުޅިފައިވާ ކުންފުންޏެއްގެ ބޮޑު މަޝްރޫއެއް ހުއްޓައިލަން އޭސީސީން އެންގީ ރަނގަޅަށް ނުބަލައި، އައިލެންޑް އޭވިއޭޝަނަށް ގެއްލުންވާ ގޮތަށް ކަމަށް ބެލެވިދާނެ އެވެ.

އޭސީސީން މައްސަލަތައް ބެލުން ލަސްވާ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވަމުން ހުސައިން ވިދާޅުވީ، މިދިޔަ އަހަރުގެ އޮގަސްޓު މަހު ބޯޓެއް ގެންނަން ކުރި އިއުލާނަކާ ގުޅިގެން އޭސީސީން އެކަން ހުއްޓުވައިލީ އޮކްޓޯބަރު، 21 ގައި ކަމަށެވެ. އެއްވެސް މައްސަލައެއް ނުފެނުމުން އޮކްޓޯބަރު އެކަން ކުރިއަށް ގެންދިއުމުގެ ހުއްދަ ވަނީ ދީފަ އެވެ.

މެމްބަރު ހުސެއިން އެއްސެވީ ބޮޑެތި މަޝްރޫއުތައް ހުއްޓުވަނީ ކޮން ކަންކަމަށް ރިއާޔާތްކުރުމަށް ފަހުގައިތޯ އެވެ. އެއިން ގެއްލުން ވަނީ، އައިއޭސް ފަދަ މާކެޓުގައި ވާދަވެރި ކުންފުންޏެއްގެ ވިޔަފާރިއަށް ނޫންތޯ ވެސް އޭނާ ސުވާލު އުފެއްދެވި އެވެ. ކަމެއް ހުއްޓަން އަމުރެއް ނެރޭއިރު، ރިސްކް އެސެސެމްންޓް ހަދަނީ ކިހާވަރަކަށްތޯ ވެސް ހުސައިން އެއްސެވި އެވެ.

މި މައްސަލަ އަށް ޖަވާބު ދެއްވަމުން އޭސީސީގެ މެމްބަރު އިބްރާހިމް ޝަކީލް ވިދާޅުވީ މައްސަލަތަކުގައި އެ ކޮމިޝަނުން ފުރަތަމަ ބަލަނީ އެކަން ކުރިއަށް ގެންގޮސްފި ނަމަ ދައުލަތަށް ލިބިދާނެ ގެއްލުމަކަށް ކަމަށެވެ. އޭ330 ބޯޓުގެ މައްސަލައިގައި ވެސް އަމަލުކުރީ އެ އުސޫލުން ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ބޮޑެތި މަޝްރޫއުތައް ނުހުއްޓުވައި ތަހުގީގު ގެންގޮސްފި ނަމަ ވަގުތު ފާއިތުވެ، އިޔާދަ ނުކުރެވޭވަރުގެ ގެއްލުމެއް ދައުލަތަށް ލިބުމުގެ ފުރުސަތު އޮވެ އެވެ. އައިލެންޑް އޭވިއޭޝަންގެ މައްސަލައިގައި އެކި ފަރާތްތަކުން ލިބިފައި ހުރި މައުލޫމާތަށް ބަލާއިރު އެކަން ނުހުއްޓުވައިފި ނަމަ ގެއްލުންވާނެ ކަމުގެ ޝަކުވާ އޮތް ކަަމަށް ވިދާޅުވި އެވެ.

"މަތިންދާ ބޯޓެއް ގަންނަ އިރު، އަޅުގަނޑުމެންގެ މުވައްޒަފުންނަށް ޑޮކިއުމެންޓް ސެޓް ލިބޭއިރު މިއީ މިކަން ހިނގާ ގޮތޭ. މިއީ މިކަން ހިނގައިގެން ނުވާނެ ގޮތޭ ބުނަން ވެސް ދަތިވާނެ. އެހެންވީމާ ވަގުތުކޮޅެއް ނަގާނެ. މި ކޭސްގައި 35-40 ދުވަސް މަޑުޖައްސާލަން އަންގައި ކޮމިޝަނުން ބެލުންތަކެއް ބެލި،" ޝަކީލް ވިދާޅުވި އެވެ.

"އަޅުގަނޑު ސާފުކޮށް ދަންނަވާލާނަން، ފުރަތަމައިނުން އެއްބާރުލުމެއް ނުލިބޭ އަޅުގަނޑުމެންނަށް އައިލެންޑް އޭވިއޭޝަނުން. ހަގީގަތުގައި ވެސް އެއްބާރުލުމެއް ނުލިބޭ. މާ ބޮޑަށް ލަސްވާން ހެދީމަ އެއްބާރުލުން ދިން."

ބޮޑެތި މަޝްރޫއުތައް ހުއްޓުވާ މައްސަލައިގައި ކަމާ ބެހޭ އިދާރާތަކުގެ ކަންބޮޑުވުން ހުރި ކަމަށް ވިޔަސް، ތުހުމަތުކުރެވޭ ބޮޑެތި މައްސަލަތައް ހުއްޓުވައިގެން ތަހުގީގު ނުގެންދާ ނަމަ ދައުލަތަށް ގެއްލުންވާނެ ކަމަށް އޭސީސީން ބުންޏެވެ. އެ ކޮމިޝަނުން ބުނިގޮތުގައި ހުއްޓުވައިގެން މިހާތަނަށް ބެލީ ފަސް މަޝްރޫއެކެވެ. އެކަމަކު އެ ހުރިހާ މަޝްރޫއުތަކެއް ކުރިއަށް ގެންދިއުމުގެ ހުއްދަ މިހާރު ވަނީ ދީފަ އެވެ.