އަލް ޖަޒީރާގެ ޑޮކިއުމެންޓަރީގެ މައްސަލަ މެލޭޝިއާ އިން ބަލަނީ
އަލް ޖަޒީރާގެ ޑޮކިއުމެންޓަރީގެ މައްސަލަ މެލޭޝިއާ އިން ބަލަނީ

ކުއާލަ ލަމްޕޫރު (ޖުލައި 7) - ކޮރޯނާވައިރަސް ފެތުރޭތީ މެލޭޝިއާ ލޮކްޑައުންކޮށްފައި އޮތް ދުވަސްވަރު، ގަވާއިދާޚިލާފަށް އެ ގައުމުގައި އުޅުނު ބިދޭސީން ހައްޔަރު ކުރިގޮތާ ބެހޭ ގޮތުން އަލް ޖަޒީރާ އިން ތައްޔާރު ކުރި ޑޮކިއުމެންޓަރީގެ މައްސަލަ ތަހުގީގު ކުރާނެ ކަމަށް މެލޭޝިއާ އިން ބުނެފި އެވެ.

"ލޮކްޑް އަޕް އިން މެލޭޝިއާސް ލޮކްޑައުން"ގެ ނަމުގައި ގަތަރުގެ އަލް ޖަޒީރާ ޓީވީ ޗެނަލުން މިދިޔަ ހަފުތާގައި ދެއްކި ޑޮކިއުމެންޓަރީ ފޯކަސްކޮށްފައި ވަނީ ހަރުކަށި ލޮކްޑައުންގައި އޮތް ސަރަހައްދުތަކުގައި ދިރިއުޅުނު، ސައްހަ ލިޔެކިޔުން ނެތް ބިދޭސީ މަސައްކަތު މީހުން ހައްޔަރު ކުރި ގޮތަށެވެ. މެލޭޝިއާގެ ކަމާބެހޭ ފަރާތްތަކުން ބުނެފައި ވަނީ ގަވާއިދާޚިލާފަށް އުޅުނު ބިދޭސީން ހައްޔަރު ކުރަން ޖެހުނީ އެ މީހުންގެ ފަރާތުން އާއްމު ސިއްހަތަށް ނުރައްކަލެއް ވެދާނެތީ ކަމަށެވެ. އެކަމަކު އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން ބުނެފައި ވަނީ ބިދޭސީން ހައްޔަރުކޮށް އެ ތަނެއްގައި ތިބުމުން ބަލި ފެތުރުމުގެ ނުރައްކާ މާބޮޑުވާނެ ކަމަށެވެ.

މެލޭޝިއާ ފުލުހުންގެ ވެރިޔާ އަބްދުލް ހާމިދު ބަގޫރު ވިދާޅުވީ އަލް ޖަޒީރާ އިން ދެއްކި 25 މިނިޓުގެ ޑޮކިއުމެންޓަރީއާ ގުޅޭ ގޮތުން ވަރަށް ގިނަ ޝަކުވާ ލިބޭ ކަމަށާއި އެހެންވެ އެ ޑޮކިއުމެންޓަރީގެ މައްސަލަ ބަލާނެ ކަމަށެވެ.

ޑޮކިއުމެންޓަރީއާ ގުޅޭ ގޮތުން މެލޭޝިއާގެ މިނިސްޓަރުން ވެސް ވަނީ ހިތްހަމަނުޖެހުން ފާޅު ކުރަން ފަށައިފަ އެވެ. ޑިފެންސް މިނިސްޓަރު އިސްމާއިލް ސަބްރީ ޔައުގޫބް ވިދާޅުވީ އެ ޑޮކިއުމެންޓަރީގައި ވަނީ ދޮގު މައުލޫތު ކަމަށާއި އޭގައި ވަނީ މެލޭޝިއާ އަކީ ނަސްލީ ތަފާތު ގެންގުޅޭ ގައުމެއް ކަމަށް ތުހުމަތުކޮށްފައި ކަމަށެވެ. އެހެންވެ އޭނާ ވަނީ އަލް ޖަޒީރާ އިން މާފަށް އެދުމަށް ގޮވާލައިފަ އެވެ.

އޭޝިއާގެ އެކި ގައުމުތަކުން ގޮސް ދެ މިލިއަނެއްހާ ބިދޭސީ މަސައްކަތު މީހުން މެލޭޝިއާގައި އުޅެ އެވެ. އޭގެ އިތުރުން ގަވާއިދާޚިލާފަށް އުޅޭ ބިދޭސީ މަސައްކަތު މީހުންގެ އަދަދު ވެސް އެތައް މިލިއަނަކަށް އަރާނެ ކަމަށް ބެލެވެ އެވެ.