21 އޮކްޓޯބަރ 2016 - 15:17

ޕީޕީއެމްގެ ނައިބު ރައީސް ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު އައްޔަންކޮށް، އެ ޕާޓީގެ ކައުންސިލަށް ރިޔާޒް ރަޝީދު އަދި ޕާޓީއާ އަލަށް ގުޅިވައިގެންނެވި އަހުމަދު އިލްހާމް ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން ރޭ އައްޔަންކޮށްފި އެވެ.
ޚިޔާލު ތަފާތުވުންތަކުގައި ދެ ފެކްޝަނަކާއި ދެ ކައުންސިލެއް އުފެދިފައިވާ ޕީޕީއެމްގައި ރައީސް ޔާމީން ފެކްޝަންގެ ރޭ ބޭއްވި ކައުންސިލް ބައްދަލުވުމުގައި ޕާޓީގެ ނައިބު ރައީސް ކަމަށް ޒަމީރު އައްޔަންކުރީ އެ ފެކްޝަންގެ ކައުންސިލް މެމްބަރުންގެ އިއްތިފާގުންނެވެ.
ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދާ އެކު ކައުންސިލަށް އިންތިހާބުކުރި ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް ޕީޕީއެމާ އަލުން ގުޅިވަޑައިގަތީ ރޭގަ އެވެ.
ރައީސް ޔާމީންގެ ފެކްޝަނުން ޕާޓީއަށް ނައިބު ރައީސަކު އައްޔަން ކުރިއިރު މައުމޫން ފެކްޝަނުން ވެސް ވަނީ ޕާޓީގެ ނައިބު ރައީސް ކަމަށް ދެ ބޭފުޅަކު އައްޔަންކޮށްފަ އެވެ. އެއީ ކައުންސިލް މެމްބަރު އައިމިނަތު ނާދިރާ އާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް އެވެ.
ދެ ފެކްޝަނުން ވެސް ދަނީ ވަކިން ކައުންސިލްގެ ބައްދަލުވުންތައް ބާއްވައި، މަގާމުތަކަށް މީހުން އައްޔަންކޮށް ނިންމުންތައް ނިންމަމުންނެވެ. ކޮންމެ ފެކްޝަނުން ވެސް ބުނަނީ އަސްލު ޕީޕީއެމަކީ އެ ފެކްޝަން ކަމަށެވެ.