07 ޖުލައި 2020 - 15:25

ދައުލަތުގެ ޓެކްސް އިދާރާ، މީރާގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން މިއަދު ހުޅުވާލައިފި އެވެ.
އެ އޮފީހުން ކުރި އިއުލާނެއްގައި ބުނީ، މީރާ އަށް އާ މެމްބަރުންތަކެއް ކަނޑައަޅަނީ މިހާރު ތިއްބެވި ބޭފުޅުންގެ ތެރެއިން ތިން މެމްބަރެއްގެ މަގާމުގެ މުއްދަތު ހަމަވާތީ އާއި އެހެން މެމްބަރަކު އިސްތިއުފާ ދެއްވުމުން ކަމަށެވެ.
އެހެންވެ، އެ ހަތަރު ޖާގަ އަށް ޝައުގުވެރިވާ މީހުން ހޯދަން ފުރުސަތު ހުޅުވައިލީ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މީރާގެ ބޯޑުގައި ތިއްބަވާނީ ހަތް މެމްބަރުންނެވެ. އެއީ ރައީސް އައްޔަން ކުރައްވާ ފަސް މެމްބަރަކާއި ފިނޭންސް މިނިސްޓަރު ކަނޑައަޅުއްވާ މެމްބަރަކާއި ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން އެވެ.
މީރާގެ ބޯޑުން އިސްތިއުފާ ދެއްވާފައި ވަނީ ފަސީހު ޒާހިރު އެވެ.
އެހެންވެ، މިހާރު އެ ބޯޑުގައި ތިއްބަވާނީ ޗެއާޕާސަން އަހުމަދު ސަރުވަޝް އާދަމާއި ޑެޕިއުޓީ ޗެއާ ޕާސަން ލީނާ މުހައްމަދު ޒާހިރު ހުސައިނާއި ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ފަތުހުﷲ ޖަމީލާއި އަހުމަދު ފާއިޒް މުހައްމަދާއި އައިޝަތު އާޝާ އަލީ އަދި މަޚްޒޫމް ސަލީމެވެ.
މީރާގެ ބޯޑުގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފޯމު ބަލައިގަންނާނީ އަންނަ އާދިއްތަ ދުވަހާއި ހޯމަ ދުވަހުގެ ހެނދުނު 9:30 ން މެންދުރު 12:30 އަށެވެ.
ރައީސް އޮފީހުގެ ވެބްސައިޓުން އެ ފޯމު ޑައުންލޯޑު ކުރެވޭނެ އެވެ.