އިންޑިއާގެ މިނިވަން ދުވަހަށްވާ އިރަށް ވެކްސިން ތައްޔާރެއް ނުކުރެވޭނެ
އިންޑިއާގެ މިނިވަން ދުވަހަށްވާ އިރަށް ވެކްސިން ތައްޔާރެއް ނުކުރެވޭނެ

ނިއު ދިއްލީ (ޖުލައި 7) - އޮގަސްޓް 15 ގައި ފާހަގަކުރާ އިންޑިއާގެ މިނިވަން ދުވަހު، ކޮރޯނާވައިރަހަށް ވެކްސިނެއް އާއްމުންނަށް ބޭނުން ކުރެވޭ ގޮތަށް ނެރެން މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބުވާނެހެން ހީނުވާ ކަމަށް ސައެންސްވެރިން ބުނެފި އެވެ.

އިންޑިއަން ކައުންސިލް އޮފް މެޑިކަލް ރިސާޗް (އައިސީއެމްއާރް) ވެސް ބުނެފައި ވަނީ އަންނަ މަހު ފާހަގަކުރާ އިންޑިއާގެ މިނިވަން ދުވަހު ވެކްސިނެއް ނެރެން އުޅޭކަން "އެނގިފައިވާ" ކަމަށެވެ. އެކަމަކު އިންޑިއަން އެކަޑަމީ އޮފް ސައެންސް އިން ވަނީ ތަހުލީލު މަރުހަލާތައް ހުރަސްކޮށް، މާ އަވަސް އަރުވާލައިގެން ވެކްސިނެއް ނެރުމަށް މަސައްކަތް ނުކުރުމަށް ގޮވާލައިފަ އެވެ.

އިންޑިއާގެ 12 މުވައްސަސާއަކަށް އައިސީއެމްއާރްގެ ވެރިޔާ ބަލްރާމް ބަރްގަވާ ފޮނުއްވި ސިޓީއެއްގައި ވަނީ އިންޑިއާ އިން އުފައްދާ ވެކްސިން "ކޮވެކްސިން"ގެ އިންސާނުން ބޭނުންކޮށްގެން ހަދާ ތަހުލީލުތައް އަވަސްކޮށް އޮގަސްޓް 15 އަށް ވެކްސިން ނެރެވޭތޯ މަސައްކަތް ކުރުމަށް އެދިފަ އެވެ. އެ ލިޔުން ވަނީ ސޯޝަލް މީޑިއާގައި ދައުރުވާން ފަށައިފަ އެވެ. އައިސީއެމްއާރް އިން ފަހުން ބުނެފައި ވަނީ އޮގަސްޓް 15 އަކީ ވެކްސިނެއް ނެރުމަށް ސުންގަޑިއެއް ނޫން ކަމަށެވެ.

އެއްވެސް ބައްޔަކަށް ވެކްސިނެއް ތައްޔާރު ކުރުމަކީ އެހާ ކުރު މުއްދަތެއްގައި ކުރެވޭނެ ކަމެއް ނޫން ކަމަށް ސައެންސްވެރިން ބުނެ އެވެ. ކޮރޯނާވައިރަހަށް ވެސް ވެކްސިނެއް ތައްޔާރު ކުރުމަށް މަދުވެގެން ދޮޅު އަހަރު ނަގާނެ ކަމަށް ވެސް ސިއްހީ ތަޖްރިބާކާރުން ބުނެ އެވެ. އެކަމަކު ދުނިޔޭގެ އެކި ގައުމުތަކުން މިހާރު އަންނަނީ ކޮރޯނާވައިރަހަށް ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ވަރަށް ބާރަށް ކުރަމުންނެވެ. އެހެންވެ ބައެއް ފަރާތްތަކުން ބުނެފައި ވަނީ މި އަހަރު ނިމުމުގެ ކުރިން ވެކްސިނެއް ލިބޭނެކަމުގެ އުއްމީދު އެބައޮތް ކަމަށެވެ.

ކޮރޯނާވައިރަހަށް ވެކްސިނެއް އުފެއްދުމަށް 120 އަށް ވުރެ ގިނަ ކުންފުނިން އަންނަނީ މަސައްކަތް ކުރަމުންނެވެ.