08 ޖުލައި 2020 - 08:22

އާމިރު ޚާން ޝޫޓިން ފަށާފައި އޮތް ފިލްމު "ލާލް ސިންގާ ޗައްޑާ" މަންޒަރުތަކެއް ލަޑާކްގައި ނަގަން ކުރިން ހަމަޖެހިިފައި އޮތް ނަމަވެސް، އިންޑިއާ އާއި ޗައިނާއާ ދެމެދު މިހާރު އެތަނުގެ ގަލްވާން ވާދީގައި އުފެދިފައިވާ ކޯޅުންތަކާ ހެދި ލަޑާކްގައި ޝޫޓްނުކުރަން ނިންމައިފި އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި ކާސްޓާއި ކްރޫ ނުރައްކަލަކަށް ހުށަހަޅަން ބޭނުން ނުވާތީ އާމިރާއި ފިލްމުގެ ޓީމުން މިހާރު ވަނީ ލަޑާކްގައި ޝޫޓްކުރަން ނިންމި މަންޒަރުތައް ކަރްގިލްގައި ނަގަން ނިންމައިފަ އެވެ.
ކޮވިޑް-19އާ ދިމާކޮށް މާޗް މަހުގެ ތެރޭގައި އިންޑިއާގައި އިއުލާންކުރި ލޮކްޑައުންއާ އެކު "ލާލު ސިންގ ޗައްޑާ" ގެ ޝޫޓިން އޮތީ ހުއްޓިފަ އެވެ. ނަމަވެސް އޭގެ ޓީމުން ޝޫޓިން ވަރަށް އަވަހަށް ފަށަން ތައްޔާރުވަމުން އަންނަ އިރު، ދެން އެންމެ އަވަހަށް ކާސްޓާއި ކްރޫ ދާނީ ކަރްގިލްއަށް ކަމަށް ނޫސްތަކުން ބުނެ އެވެ.
ލަޑާކްގައި އިންޑިއާ އާއި ޗައިނާއާ ދެމެދު މައްސަލަ ހޫނުވެފައި ވަނީ ޗައިނާގެ އަސްކަރީ ބޭސްތަކެއް ގަލްވާން ވާދީގެ އިންޑިއާގެ ފަޅީގެ ތެރެއަށް ވާގޮތަށް ޗައިނާ އިން ހަދަމުންދާ ކަމަށް އިންޑިއާ އިން ކުރާ ތުހުމަތުތަކާ ގުޅިގެންނެވެ. މި މައްސަލަ ހޫނުވެ، ދެ ގައުމުގެ މެދުގައި މިދިޔަ މަހުގެ ތެރޭގައި ހަމަލާތަކެއް ބަދަލުކުރުމުން އިންޑިއާ ސިފައިންގެ 20 އޮފިސަރަކު މަރު ވެސް ވެފައިވެ އެވެ.
"ލާލު ސިންގް ޗައްޑާ" މަންްޒަރުތަކެއް ލަޑާކްގައި ޝޫޓްނުކުރަން ނިންމައި ކަރްގިލް އަށް މިސްރާބު ޖަހަން ނިންމި އިރު، މީގެ ކުރިން ވެސް އާމިރުގެ ފިލްމުތަކެއް ލަޑާކްގައިގައި ޝޫޓްކޮށްފައިވެ އެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ފިލްމަކީ 2009 ގެ "3 އިޑިއަޓްސް" އެވެ.
އަދުވައިތު ޗަންދަން ޑައިރެކްޓްކުރާ "ލާލް ސިންގް ޗައްޑާ" އަކީ އިންޑިއާގެ 100 އެއްހާ ލޮކޭޝަނުގައި ޝޫޓްކުރަން ރޭވި ފިލްމެކެވެ. ލޮކްޑައުނާ ހެދި ޝޫޓިން ހުއްޓުމަކަށް އައި އިރު، ފިލްމުގެ 60 ޕަސަންޓް އޮތީ ޝޫޓްނުކުރެވި އެވެ.
މި ފިލްމަކީ 1994 ގައި ރިލީޒްކުރި ހޮލީވުޑްގެ ފިލްމު "ފޮރެސްޓް ގަމްޕް" އަސްލަކަށް ބަލައިގެން ހަދާ ފިލްމެކެވެ.
އާމިރާ އެކު ކަރީނާ ކަޕޫރް ބަތަލާގެ ރޯލް ކުޅޭ "ލާލް ސިންގް ޗައްޑާ" ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި އޮތީ މި އަހަރުގެ ޑިސެމްބަރު މަހުގެ 25 ގަ އެވެ. އެކަމަކު ކުރިން ރޭވި ގޮތަށް ފިލްމުގެ މަސައްކަތް ކުރިއަށް ނުގެންދެވި، ދިގުލައިގެން ގޮސްފައިވާތީ އަންނަ އަހަރަށް ފިލްމު ފަސްކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އެކަމަކު އާމިރު އަދި އެކަން ކަށަވަރުކޮށް ދީފައެއް ނުވެ އެވެ.