07 ޖުލައި 2020 - 11:36

މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި ކޮވިޑް-19އަށް ޓެސްޓު ކުރަން ގާއިމްކުރާ ޕީސީއާރު ލެބޯޓްރީގެ މަސައްކަތް ނިންމާލައިފި އެވެ.
މި ލެބް މާފަރު އެއާޕޯޓްގައި ހެދީ ރާއްޖޭގައި މަތީ ފެންވަރުގެ ރިސޯޓުތަކެއް ހިންގަމުން އަންނަ ސޮނެވާ ކުންފުނީގެ ހަރަދުގަ އެވެ. މި ލެބްގެ މަސައްކަތް އެ ކުންފުނިން ހަވާލުކޮށްފައިވަނީ އޭޑީކޭއާ އެވެ.
އޭޑީކޭ ޓްރޭޑް އެންޑް ޝިޕިންއިން ކުރި ޓްވީޓެއްގައި ބުނީ ލެބުގެ ހުރިހާ މަސައްކަތެއް ނިމި މެޝިނަރީސްތައް ވެސް އިންސްޓޯލްކޮށްފައިވާ ކަމަށެވެ. އަދި މިހާރު އެ ލެބުން ކޮވިޑް-19އަށް ޓެސްޓު ހެދޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
މި ލެބަށް ބޭނުންވާ މެޝިންތައް ރާއްޖެއަށް ގެނެސްފައިވަނީ ވެސް، ރާއްޖޭގެ އެންމެ ބޮޑު އަމިއްލަ ހޮސްޕިޓަލް، އޭޑީކޭގެ ވިޔަފާރީގެ އާއިލާއަށް ނިސްބަތްވާ ކުންފުނިންނެވެ. އެގޮތުން، މެޝިންތައް ގެނެސް ލެބުގެ އެތެރޭގެ މަސައްކަތާއި މެޝިންތައް އިންސްޓޯލްކުރުމުގެ މަސައްކަތަށް ހޭދަވީ އެންމެ 30 ދުވަސް ކަމަށް އޭޑިކޭ ޓްރޭޑް އެންޑް ޝިޕިންއިން ބުންޏެވެ.
މިއީ ރާއްޖޭގެ އެއާޕޯޓެއްގައި ގާއިމްކުރި ފުރަތަމަ ލެބެވެ. އެއީ މިހާރު އިންޓަނޭޝަނަލް އެއާޕޯޓަކަށް ވެފައި ރާއްޖޭގެ ބޯޑަރު ހުޅުވާލާއިރު ރާއްޖެ އަންނަ ޓޫރިސްޓުން ފަސޭހައިން ޓެސްޓު ކުރެވޭނެ އިންތިޒާމް ހަމަޖެހިފައި ހުންނަން ޖެހޭނެ ކަމަށް ސޮނެވާއިން ކުރިން ވެސް އަންނަނީ ބުނަމުންނެވެ.
ނ. އަތޮޅަކީ ރާއްޖެ އަންނަ ގިނަ އަދަދެއްގެ ޓޫރިސްޓުން ޒިޔާރަތް ކުރާ ރިސޯޓުތައް ހިމެނޭ އަތޮޅެވެ.
މާފަރު އެއާޕޯޓަށް ބައިނަލްއަގުވާމީ ދަތުރުތައް ފަށަން މިހާރު ވަނީ ތައްޔާރުވަމުންނެވެ. އެގޮތުން، އެއާޕޯޓުގައި ފިނިހޫނުމިން ބަލާ ކެމެރާ ހަރުކުރުމާއި ގިނަ އެއާލައިންތަކަށް ކޭޓާ ކުރަން ޓާމިނަލަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުން ހިމެނެ އެވެ.