އިތުރު 23 މީހަކު ކޮވިޑަށް ޕޮޒިޓިވްވެ، އިތުރު 42 ރަނގަޅު ވެއްޖެ
އިތުރު 23 މީހަކު ކޮވިޑަށް ޕޮޒިޓިވްވެ، އިތުރު 42 ރަނގަޅު ވެއްޖެ

ރާއްޖެ އިން މިއަދު އިތުރު 23 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ، 42 މީހަކު އެ ބަލިން ރަނގަޅު ވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނިގޮތުގައި މި ބައްޔަށް މިއަދު ޕޮޒިޓިވްވެފައި ވަނީ 16 ދިވެއްސަކާއި ބަންގްލަދޭޝްގެ ހަތް މީހެކެވެ. ކޮވިޑް-19އަށް އިއްޔެ އަލަށް ޕޮޒިޓިވްވީ 33 މީހެކެވެ.

މިހާތަނަށް 2،491 މީހަކު ރާއްޖެ އިން އެ ބައްޔަށް ޕޮޒިޓިވްވެފައިވާ އިރު، މިހާރު ތިބި ބަލި މީހުންގެ އަދަދަކީ 361 އެވެ. ރާއްޖޭގައި ކޮވިޑް ޖެހިފައިވާ މީހުންގެ އަދަދު 300-400 އާ ދެމެދު ހިފެހެއްޓިފައި ހުންނަތާ މިހާރު ދުވަސްކޮޅެއް ވެއްޖެ އެވެ.

ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 2،113 މީހުން ރަނގަޅުވެފައިވާއިރު، 12 މީހަކު ވަނީ ބަލީގައި މަރުވެފަ އެވެ. އަދި 280 މީހުން އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބިއިރު، 107 މީހަކު ކަރަންޓީނުކޮށްފައި ވެ އެވެ.

މިދިޔަ އޭޕްރީލް މަހުގެ 15ގައި، މާލެ ތެރެއިން ކޮވިޑް-19 ފެނުމުން ރައްކާތެރިވުމުގެ ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށް ފަހު، ހާލަތަށް ރިއާޔަތްކޮށް، މިހާރު ވަނީ އެ ފިޔަވަޅުތައް ވަރަށް ބޮޑަށް ލުއިކޮށްފަ އެވެ. އެގޮތުން މާޗު 19 ގައި ސަރުކާރުގެ އޮފީސްތައް ބަންދުކުރުމަށް ފަހު އިއްޔެ ވަނީ އަލުން ހުޅުވައިފަ އެވެ.