06 ޖުލައި 2020 - 14:20

މާލޭން ފުރައިގެން ހއ. ދޮނަކުޅި އަށް ދަތުރުކުރި ބޯޓެއް އަޑިއަށް ގޮސް އޭގައި ތިބި ފަސް މީހުން ގެއްލިގެން ހޯދަނިކޮށް ދެންމެ ފެނިއްޖެ އެވެ.
އެމްއެންޑީއެފުން ފުރަތަމަ މައުލޫމާތު ދިން އިރު، ގެއްލުނީ ހަ މީހުން ކަމަށް ބުންޏަސް ފަހުން ބުނެފައިވަނީ ބޯޓުގައި ތިބީ ފަސް މީހުން ކަމަށެވެ. ބޯޓުގައި ތިބީ ހަތަރު ދިވެހިންނާއި ބިދޭސީއެކެވެ.
އެމްއެންޑީއެފުން ބުނީ "ފަތޮޅު" ނަމަކަށް ކިޔާ ބޯޓުގައި ދަތުކުރީ ހަ މީހަކު ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށާއި ބޯޓު ފެތުނީ ކާށިދޫ އުތުރުން ނުވަ މޭލު ބޭރުގައި އޮއްވައި އިންޖީނު ހުއްޓިގެން ކަމަށެވެ. އިންޖީނު ހުއްޓިގެން ރިޕޯޓްކުރީ 12:29 ގައި ކަމަށާއި ބޯޓު އަޑިއަށް ދިޔައީ އަރިއަޅާލައިގެން ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
މީހުން ހޯދުމުގެ މަސައްކަތުގައި މިހާރު ސީޕްލޭން ވެސް ބޭނުންކުރި އެވެ.
ފެތުނު ބޯޓަކީ މުދާ އުފުލުމަށް ހާއްސަކޮށް ރާއްޖޭން ބޭރުގައި ބަނދެގެން ރާއްޖެ ލޮޖިސްޓިކްސް އިން އޮޕަރޭޓްކުރަމުން އަންނަ އުޅަނދެކެވެ.