21 އޮކްޓޯބަރ 2016 - 12:32

ވޮޝިންޓަން (އޮކްޓޯބަރު 21) - ރިޔާސީ އިންތިޚާބުގެ ނަތީޖާ ގަބޫލް ނުކޮށްފާނެ ކަމަށް ރިޕަބްލިކަން ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕް ވިދާޅުވުމަކީ ވަރަށް ނުރައްކާ ކަމެއް ކަމަށް ރައީސް ބަރަކް އޮބާމާ ވިދާޅުވެއްޖެ އެވެ.
ޑިމޮކްރެޓިކް ކެންޑިޑޭޓް ހިލަރީ ކްލިންޓަނަށް ކެމްޕޭން ކޮށްދެއްވުމަށް މިއާމީގައި ބޭއްވި އެއްވުމެއްގައި އޮބާމާ ވިދާޅުވީ ޓްރަމްޕުގެ ވާހަކަތަކުގެ ސަބަބުން އެމެރިކާގެ ޑިމޮކްރެސީ އަށް އޮތް އިތުބާރާ މެދު ވެސް ސުވާލުތައް އުފެދިގެންދާނެ ކަމަށެވެ.
ރިޔާސީ ފަހު ބަހުސްގައި ޓްރަމްޕް ވަނީ ނޮވެމްބަރު 8 ވަނަ ދުވަހުގެ އިންތިޚާބުގެ ނަތީޖާ ގަބޫލް ކުރައްވާނެ ކަމަށް ވިދާޅުވުމަށް ދެކޮޅު ހައްދަވައިފަ އެވެ. ނަމަވެސް ފަހުން އޮހާޔޯގައި ބޭއްވި ކެމްޕޭން އެއްވުމެއްގައި ޓްރަމްޕް ވަނީ އިންތިޚާބުން އޭނާ މޮޅުވެއްޖެ ނަމަ ނަތީޖާ ގަބޫލް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އިންތިޚާބުގެ ނަތީޖާއާ މެދު ސުވާލު އުފެދޭ ނަމަ ކޯޓަށް ވަޑައިގަންނަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ޓްރަމްޕުގެ ވާހަކަތަށް ފަހު އޮބާމާ ވިދާޅުވީ އެމެރިކާގެ އިންތިޚާބީ ނިޒާމުތަކާ މެދު ރައްޔިތުންގެ ހިތްތަކުގައި ޝައްކުގެ އޮށް އިންދުމަކީ ގައުމުގެ ދުޝްމަނުންނަށް ލިބިގެންދާނެ ހިތްވަރެއް ކަމަށެވެ.
ޓްރަމްޕުގެ ވާހަކަތަކާ ގުޅިގެން ޕާޓީގެ ތެރޭން ވެސް ދަނީ ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވަމުންނެވެ. ޓްރަމްޕް ކުރިން ވެސް ގެންދެވީ އިންތިޚާބުގައި މަކަރު ހަދާނެ ކަމަށް ވިދާޅުވަމުންނެވެ.
ބަހުސްގައި ޓްރަމްޕް ދެއްކެވި ވާހަކަތަކާ ގުޅިގެން ކެމްޕޭން މެނޭޖަރު ކެލީއާން ކޮންވޭ ވިދާޅުވީ ޓްރަމްޕް އިޝާރާތް ކުރައްވާފައި ވަނީ އިންތިޚާބުގެ ނަތީޖާ މުޅިން ސާފުވުމުން ނޫނީ ބަލި ގަބޫލް ނުކުރެއްވުމަށް ކަމަށެވެ.