ކޮރޯނާވައިރަހުގެ މައްސަލާގައި ޗައިނާގެ ރައީސް އަށް ފާޑުކީ ޕްރޮފެސަރު ހައްޔަރުކޮށްފި
ކޮރޯނާވައިރަހުގެ މައްސަލާގައި ޗައިނާގެ ރައީސް އަށް ފާޑުކީ ޕްރޮފެސަރު ހައްޔަރުކޮށްފި

ބެއިޖިން (ޖުލައި 6) - ކޮރޯނާވައިރަހުގެ ރޯގާއާ ގުޅޭ ގޮތުން އަމަލު ކުރި ގޮތާއި ވެރިކަމުގެ ބާރުތައް ވަރުގަދަ ކުރަން އުޅޭ ކަމަށް ބުނެ ޗައިނާގެ ރައީސް ޝީ ޖިންޕިން އަށް ފާޑުކިޔައި ލިޔުމެއް ލިޔުނު ގާނޫނީ ދާއިރާގެ ޕްރޮފެސަރަކު މިއަދު ހައްޔަރުކޮށްފި ކަމަށް އޭނާގެ ގާތް މީހުން ބުނެފި އެވެ.

ޗައިނާ ސަރުކާރަށް ފާޑުކީ ޒޫ ޒަންގްރުން ހައްޔަރުކޮށްފައި ވަނީ ބެއިޖިންގައި ހުންނަ އޭނާގެ ގެއިންނެވެ. އޭނާ ހައްޔަރު ކުރަން 20 މީހުން ދިޔަ ކަމަށް ޒޫގެ ރަހުމަތްރިން ބުނެ އެވެ. ކޮރޮނާވައިރަސް ފެތުރުނު އިރު އެކަން ފޮރުވަން މަސައްކަތްކޮށް، މަކަރާއި ހީލަތުގެ ސަގާފަތެއް ރައީސް ޝީ އިސްކުރައްވާފައިވާ ކަމަށް ބުނެ ޕްރޮފެސަރު ލިޔުމެއް ޝާއިއުކޮށްފައި ވަނީ ފެބްރުއަރީ މަހު އެވެ.

ޗައިނާގެ އެންމެ ވަރުގަދަ އެއް ޔުނިވާސިޓީ ކަމަށްވާ ސިންގުއާގެ ގާނޫނީ ޕްރޮފެސަރު ކުރިން ވަނީ ރިޔާސީ ދައުރުގެ ލިމިޓް 2018 ވަނަ އަހަރު އުވާލުމުން ވެސް ފާޑު ކިޔައިފަ އެވެ. އެ ފަހަރު އޭނާ ލިޔުނު އާޓިކަލް ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ދައުރުވި އެވެ.

ފުލުހެއް ކަމަށް ބުނާ މީހަކު ޒޫގެ އަންހެނުންނަށް ފޯނުކޮށް ބުނެފައި ވަނީ ޒޫ ހައްޔަރުކޮށްފައި ވަނީ ހުޅަނގު ދެކުނުގެ ޗެންދޫގައި ހިންގި ޖިންސީ ގޯނާގެ ތުހުމަތުގެ މައްސަލައަކާ ގުޅިގެން ކަމަށެވެ. ޒޫގެ އަންހެނުން ދިރިއުޅެނީ ޔުނިވާސިޓީ ރެސިޑެންސްގަ އެވެ.

ޗައިނާގެ އިލްމުވެރިންތަކަކާ އެކު ޒޫ މިިދިޔަ އަހަރު ވަނީ ޗެންދޫ އަށް ޒިޔާރަތް ކުރައްވައިފަ އެވެ. ޒޫގެ ރަހުމަތްތެރިން ބުނީ ޒޫ ހައްޔަރު ކުރީ އެ ދަތުރާ ގުޅިގެންކަން ނޭނގޭ ކަމަށެވެ.