21 އޮކްޓޯބަރ 2016 - 10:32

މެންޗެސްޓާ (އޮކްޓޯބަރު 21) - ދުނިޔޭގެ ރެކޯޑް އަގަކަށް މެންޗެސްޓާ ޔުނައިޓެޑަށް ގެނައި ޕައުލް ޕޮގްބާގެ ދެ ލަނޑާ އެކު ތުރުކީގެ ފެނަބާޗޭ އަތުން ފަސޭހަކަމާ އެކު 4-1 އިން މޮޅުވެ ޔުރޮޕާ ލީގުގެ ގްރޫޕް އޭ ގެ ދެ ވަނަ އަށް ޔުނައިޓެޑް އަރައިފި އެވެ.
ކެޕްޓަން ވޭން ރޫނީ ފުރަތަމަ 11 ގައި ހިމަނައިގެން ކުޅުނު ކުޅުނު މި މެޗުގައި އެ ޓީމުން ފުރަތަމަ ދެ ލަނޑު ޖެހީ ވެސް ޕެނަލްޓީންނެވެ. އެގޮތުން 31 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ޕޮގްބާ ލީޑު ނަގައިދިން އިރު އޭގެ ދެ މިނެޓު ފަހުން އެންތަނީ މާޝިއާލް ލީޑު ފުޅާކޮށްދިނީ ވެސް ޕެނަލްޓީއަކުންވެ. ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ޕޮގްބާ ތިން ވަނަ ލަނޑު ޖެހިއިރު ހަތަރު ވަނަ ލަނޑު ކާމިޔާބުކުރީ ދެ ވަނަ ހާފުގެ ދެ ވަނަ މިނެޓުގައި ޖެސޭ ލިންގާޑެވެ.
މި މެޗުގައި ފެނަބާޗޭގެ ހަމައެކަނި ގޯލް ކާމިޔާބުކުރީ ޔުނައިޓެޑާ އެކު 2012/2013 ގެ ޕްރިމިއާ ލީގު ކާމިޔާބުކޮށްފައިވާ ރޮބިން ވެން ޕާސީ އެވެ. ދެ ވަނަ ހާފުގައި ޔުނައިޓެޑުގެ ފަރާތުން ވެސް މާބޮޑު އެޓޭކެއް ފެނިގެން ނުދެ އެވެ.
މި މެޗުގައި ޕޮގްބާ ވިދާލުމާ އެކު އޭނާ އަށް ވަނީ ޕްރެޝަރު ކުޑަވެފަ އެވެ. ޔުވެންޓަސް އިން 105 މިލިއަން ޔޫރޯ އަށް ޔުނައިޓެޑުން ގަތް ކުޅުންތެރިއާ އަށް އަގާ އެއްވަރުގެ ކުޅުމެއް ނުދެއްކޭ ކަމަށް ބުނެ އިނގިރޭސި މީޑިއާ އާއި ސަޕޯޓަރުންގެ ފާޑުކިއުން ވަނީ އަމާޒުވެފަ އެވެ.
ރޭގެ މޮޅާ އެކު ޔުނައިޓެޑް ދެ ވަނައިގައި އޮތީ ހަ ޕޮއިންޓް ހޯދި ނަމަވެސް ހަ ޕޮއިންޓާ އެކު އެއް ވަނައިގައި އޮތް ފެޔަނޫޑަށް ވުރެ ފައިދާ ލަނޑު މަދުވުމުންނެވެ. ފެޔަނޫޑް ވަނީ ރޭ ޔޫކްރޭނުގެ ޒޯރްޔާ އަތުން 1-0 އިން މޮޅުވެފަ އެވެ. ފެނަބާޗޭ ހަތަރު ޕޮއިންޓާ އެކު ތިން ވަނައިގައި އޮތްއިރު ޒޯރްޔާ އަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.
ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު އިންޓަ މިލާން ވަނީ ސައުތުހެމްޓަން އަތުން 1-0 އިން މޮޅުވެ މުބާރާތުގެ ފުރަތަމަ މޮޅު ހޯދައިފަ އެވެ. ދަށް ނަތީޖާތަކާ ގުޅިގެން އިންޓަގެ ކޯޗު ފްރޭންކް ޑި ބޮއާއަށް ޕްރެޝަރު ބޮޑުވެފައިވާއިރު އެ ޓީމު އޮތީ ތިން ޕޮއިންޓާ އެކު ގްރޫޕުގެ ފުލުގަ އެވެ. އެއް ވަނައިގައި ހަ ޕޮއިންޓާ އެކު އޮތީ ރޭ އިޒްރޭލުގެ ހަޕޮއެލް ބިއެރް ޝެވާ އަތުން 1-0 އިން މޮޅުވި ސްޕާޓާ ޕްރާހާ އެވެ. ހަތަރު ޕޮއިންޓާ އެކު ލަނޑުގެ ތަފާތުން ދެ ވަނައިގައި އޮތީ ސައުތުހެމްޓަން އެވެ.