06 ޖުލައި 2020 - 10:59

އެއް ޖަލްސާއަކަށް ކުއްލި ދެ މައްސަލައެއް ހުށަހެޅުމުން އޭގެ ތެރެއިން ބަހުސް ކުރާނެ މައްސަލަ ކަނޑައެޅުމަށް ރައްޔިތުންގެ މަޖިލީހުގައި ފުރަތަމަ ފަހަރަށް މިއަދު ގުރުލައިފި އެވެ.

މިއަދުގެ ޖަލްސާ އަށް ކުއްލި މައްސަލަ ހުށަހެޅުއްވީ ނައިފަރު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ޝިޔާމާއި ތިނަދޫ އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުﷲ ސަނީފެވެ.
މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މަޖިލީހުގެ އެއް ޖަލްސާއަކަށް ކުއްލި ދެ މައްސަލަ ހުށަހެޅެން ނެތުމުން، އޭގެ ތެރެއިން ބަހުސް ކުރާނީ ކޮން މައްސަލައަކަށް ކަން ކަނޑައެޅޭނީ ގުރުއަތު ލައިގެން ކަމަށެވެ. މިއީ މަޖިލީހުގެ ތާރީޚުގައި ވެސް އެފަދަ މައްސަލައަކާ ގުޅިގެން ގުރުއަތުލީ ފުރަތަމަ ފަހަރު ކަމަށް ނަޝީދު ވިދާޅުވި އެވެ.
އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް ޝިޔާމާއި މެމްބަރު ސަނީފްގެ ކުރިމަތީގައި ގުރު ނެންގެވީ މަޖިލީހުގެ އަމީން އާއްމު ފާތިމަތު ނިއުޝާ އެވެ. ބިއްލޫރި ޕޮޓަކަށް ދެ ކަރުދާސް ކޮޅު އަޅައިގެން ނެގި ގުރުއަތުން ހޮވުނީ ޝިޔާމްގެ ކުއްލި މައްސަލަ މިއަދުގެ ޖަލްސާ އަށް ހުށަހެޅުމަށެވެ.
އޭނާ ކުއްލި މައްސަލަ ހުށަހެޅުއްވީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ 7،000 ފްލެޓު އޭގެ ހައްގުވެރިންނަށް ދިނުމަށް ގޮވައިލައްވަ އެވެ. ކޮވިޑް-19 ގެ ސަބަބުން ގިނަ ބައެއްގެ އާމްދަނީ ދަށްވެ، ކުއްޔާއި ބިލްތައް ދެއްކުމަށް ދަތިވެފައިވާތީ އެ ފްލެޓުތައް ހައްގު ވެރިންނަށް ދިނުމަށް އޭނާ ގޮވައިލެއްވި އެވެ.
އެ މައްސަލަ ބަލައިގަންނަން މަޖިލީހުގެ ތަޅުމުން ފާސް ކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 45 މެމްބަރުންގެ އިއްތިފާގުންނެވެ.
ސަނީފް، މަޖިލީހަށް ހުށަހަޅުއްވަން އުޅުއްވީ މޫސުން ގޯސްވެ، ބޮޑު ދިޔައިގައި ގދ. ތިނަދު އަށް އިއްޔެ ވަރަށް ބޮޑަށް އުދަ އަރާފައިވާތީ މަޖިލީހުގެ ސަމާލުކަމަށް އެކަން ގެނައުމަށެވެ.
މިއަދުގެ ޖަލްސާ އަށް އެ މައްސަލަ ހުށަހަޅަން ގުރުއަތުން ފުރުސަތު ލިބިވަޑައިނުގަތަސް ސަނީފް ނިންމަވާފައި ވަނީ މާދަމާގެ ޖަލްސާ އަށް އެ މައްސަލަ ހުށަހެޅުއްވުމަށެވެ.
ޝިޔާމް މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅުއްވިއިރު، މިއަދުގެ ޖަލްސާގައި އިދިކޮޅު ޕާޓީތަކުގެ މެމްބަރުން ބައިވެރިވީ ފަސް ހަފުތާގެ މެދުކެނޑުމަކަށް ފަހުގަ އެވެ. އެ މެމްބަރުން ޖަލްސާތައް ބޮއިކޮޓް ކުރެއްވީ ގާނޫނުއަސާސީ އިސްލާހު ކުރަން ބޭއްވި ޖަލްސާއެއްގައި ހިނގި ހަމަނުޖެހުންތަކެއްގައި ޝިޔާމަށް އެމްޑީޕީގެ މެމްބަރުންގެ ފަރާތުން އަނިޔާވުމުންނެވެ.