06 ޖުލައި 2020 - 11:10

ވޮޝިންޓަން (ޖުލައި 6) - ނޮވެލް ކޮރޯނާވައިރަހަކީ ކުދިކުދި ޕާޓިކަލްސްގެ ގޮތުގައި ވައިގެ ތެރޭގައި ފެތުރޭ އެއްޗެއް ކަމުގެ ހެކި ލިބިފައިވާ ކަމަށާއި އެކަމުގެ ސަބަބުން އެކެއްގެ ގައިން އަނެކެއްގެ ގަޔަށް ފަސޭހައިން ބަލި އަރާ ކަމަށް އެތައް ސަތޭކަ ސައެންސްވެރިން ބުނެފި އެވެ.
އެހެންވެ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން އުސޫލުތައް ބަދަލު ކުރުމަށް ސައެންސްވެރިން ވަނީ ލަފާދީފަ އެވެ.
ޑަބްލިއުއެޗްއޯ އިން ކުރިން ބުނެފައި ވަނީ ކޮރޯނާވައިރަސް ފެތުރެނީ ކޮވިޑް-19 ގެ ބަލި މީހަކު ކެއްސާ، ކިނބިހި އެޅުމުގެ ސަބަބުން އަނގައިންނާއި ނޭފަތުން ބުރައިގެންދާ ޑްރޮޕްލެޓްސް އެހެން މީހަކަށް ވާސިލުވުމުން ކަމަށެވެ.
ނިއު ޔޯކް ޓައިމްސް އިން ބުނެފައި ވަނީ 32 ގައުމެއްގެ 239 ސައެންސްވެރިން ޑަބްލިއުއެޗްއޯ އަށް ފޮނުވާފައިވާ ހުޅުވާލެވިފައިވާ ސިޓީއެއްގައި ބުނެފައި ވަނީ ވައިގެ ތެރޭގައި ފެތުރޭ ޕާޓިކަލްސްގެ ސަބަބުން ކޮވިޑް-19 ޖެހޭ ކަމުގެ ހެކި ލިބިފައިވާ ކަމަށެވެ. ރިސާޗަރުންގެ ހޯދުންތައް ސައެންޓިފިކް ޖާނަލްއެއްގައި އަންނަ ހަފުތާގައި ޝާއިއު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
ޑަބްލިއުއެޗްއޯގެ ޗީފް ސައެންޓިސްޓް ޑރ. ސޫމިއާ ސްވަމިނާތަން ވިދާޅުވީ ސައެންސްވެރިންގެ އާ ހޯދުން ވަޒަން ކުރުމުގެ މަސައްކަތް އެ އެޖެންސީގެ ސްޓާފުން ވަރަށް އަވަހަށް ކުރިއަށް ގެންދާނެ ކަމަށެވެ.
ޗައިނާގެ ވޫހާން ސިޓީގައި ޑިސެމްބަރު މަހު ފަހުކޮޅު ފެތުރެން ފެށި ވައިރަހަށް މިހާތަނަށް ވަނީ 11,562,878
މީހުން ޕޮޒިޓިވްވެ 536,841 މީހުން މަރުވެފަ އެވެ.