07 ޖުލައި 2020 - 08:08

އަކްޝޭ ކުމާރުގެ ފިލްމު "ބެލް ބޮޓަމް" ގެ ކާސްޓަށް ބަތަލާ ލާރާ ދައްތާ ވެސް ނަގައިފި އެވެ.
އަކްޝޭއާ އެކު ފިލްމުގެ ލީޑް ބަތަލާގެ ރޯލުން ވާނީ ކަޕޫރް ފެންނަ މި ސްޕައި ތުރިލާގެ ރޯލަކަށް ލާރާގެ އިތުރުން ހުމާ ގްރޭޝީ ވެސް ސޮއިކުރިކަން ފިލްމުގެ ޓީމުން މިހާރު ވަނީ ކަށަވަރުކޮށް ދީފަ އެވެ. އެގޮތުން ކާސްޓުންނާ އެކު ޑައިރެކްޓަރު ރަންޖީތު ތިވާރީ އާއި ޕްރޮޑިއުސަރު ޖެކީ ބަގްނާނީ ނަގާފައިވާ ފޮޓޯ ވަނީ ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ.
"ބެލް ބޮޓަމް" އަކީ ޖެކީގެ ބައްޕަ ވާޝޫ ބަގްނާނީގެ ފިލްމު ކުންފުނި ޕޫޖާ އެންޓަޓައިންމަންޓާއި ނިކިލް އަދުވާނީގެ އެއްމޭ އެންޓަޓައިންމަންޓް ގުޅިގެން ހަދާ ބޮޑު ބަޖެޓް ފިލްމެކެވެ. ކާސްޓުން ކަށަވަރުކޮށް ދިނުމަށް، ފިލްމުގެ ޓީމުން ބުނީ އަންނަ މަހުގެ ތެރޭގައި ޝޫޓިން ފަށާނެ ކަމަށެވެ.
ރިޕޯޓްތައް ބުނާގޮތުން އަންނަ އަހަރުގެ އެޕްރީލް 2 ގައި ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި އޮތް "ބެލް ބޮޓަމް" ގެ ހުރިހާ މަންޒަރެއް ނަގާނީ ސްކޮޓްލެންޑްގަ އެވެ.
މި ފިލްމަށް ލާރާ ސޮއިކުރި އިރު އޭނާ ވަނީ ކުރިން ވެސް އަކްޝޭއާ އެކު މަސައްކަތްކޮށްފަ އެވެ. އޭގެ ތެރޭގައި 2015 ގެ "ސިންގް އިޒް ބްލިންގް" އާއި 2009 ގެ "ބްލޫ" އާއި 2005 ގެ "އިންސާން" އާއި 2004 ގެ "އާން: މެން އެޓް ވޯކް" އާއި 2003 ގެ "އަންދާޒް" ހިމެނެ އެވެ.
އިންޑިއާގެ ކުރީގެ ޓެނިސް ތަރި މަހޭޝް ބޫޕަތީއާ ކައިވެނިކޮށްގެން ދަރިއަކު ވެސް ހުރި 2000 ވަނަ އަހަރުގެ މިސް ޔުނިވާސް ލާރާ އަކީ މިހާރު ވަރަށް މަދުން ފިލްމުތަކުން ފެންނަ ބަތަލާއެކެވެ. އޭނާ އެންމެ ފަހުން ފެނިފައި ވަނީ އެޕްރީލް މަހު ހޮޓްސްޓާ އިން ސްޓްރީމްކުރި ވެބް ސީރީޒް "ހަންޑްރެޑް" އިންނެވެ.