"ތަމަސް" އަކީ ރަޝްމީ ދެސާއީގެ ކުރު ފިލްމެއް
"ތަމަސް" އަކީ ރަޝްމީ ދެސާއީގެ ކުރު ފިލްމެއް

ރިއަލިޓީ ޝޯ "ބިގް ބޮސް" ގެ 13 ވަނަ ސީޒަނުގައި ވާދަކުރި ޓީވީ ބަތަލާ ރަޝްމީ ދެސާއީ ކުރު ފިލްމަކާ އެކު ބެލުންތެރިންނާ ބައްދަލުކުރަން ތައްޔާރުވެއްޖެ އެވެ.

"ތަމަސް" ގެ ނަން ދީފައިވާ މި ފިލްމު މިއަދު ހަވީރު ދޫކޮށްލާ އިރު، އޭގެ ޕޯސްޓަރުތަކެއް ވެސް ރަޝްމީ ވަނީ އިންސްޓަގްރާމްގައި ހިއްސާކޮށްފަ އެވެ. މީގައި ރަޝްމީއާ އެކު ފެނިގެންދާނީ ޓީވީ ސިލްސިލާތަކުންނާއި ބައެއް ފިލްމުތަކުން ވެސް ފެނިފައިވާ އެކްޓަރު އަދުވިކް މަހާޖަނެވެ.

"ތަމަސް" ލިޔެ، ޑައިރެކްޓްކޮށްގައި ވަނީ ވެސް އޭނަ އެވެ. މީގައި ކިޔައިދޭނީ ލޮކްޑައުންގެ ތެރޭގައި ދެ މީހެއްގެ ގުޅުވުމަށް ކުރިމަތިވާ އެކި ކަހަލަ އުނދަގޫ ހާލަތްތަކާއި އެކަންކަމުން އަރައިގަތުމަށް ކުރާ މަސައްކަތެވެ.

ކުރު ފިލްމަކުން ރަޝްމީ ފެނިގެންދާ އިރު، ކަލާޒުން ގެނެސްދެމުން ގެންދިޔަ ސިލްސިލާ "ނާގިން" ސީޒަން 4 ގެ ފިނާލޭ އެޕިސޯޑުން ވެސް ރަޝްމީ ފެނިގެންދާނެ އެވެ. އޭގެ ޝޫޓިން މިހާރު ވަނީ ފަށައިފަ އެވެ.

މި މަހުގެ ތެރޭގައި "ނާގިން 4" އަލުން ގެނެސްދޭނެ އެވެ.

"ދިލް ސޭ ދިލް ތަކް" ފަދަ ޓީވީ ސިލްސިލާތައް ކުޅެފައިވާ ރަޝްމީ ވަނީ ކުރިން ވަރަށް ގިނަ އަދަދެއްގެ ބޯޖްޕޫރީ ފިލްމު ވެސް ކުޅެފަ އެވެ.