21 އޮކްޓޯބަރ 2016 - 09:49

ޖަކާޓާ (އޮކްޓޯބަރު 21) - މި އަހަރުގެ ޖެނުއަރީ މަހު އިންޑޮނީޝިއާގެ ވެރިރަށް ޖަކާޓާގައި ބޮން ގޮއްވަން އުޅުނު ކަމުގެ ކުށުގައި 10 އަހަރަށް ޖަލަށްލުމަށް ހުކުމް ކުރުމުން ވެސް، އިސްލާމިކް ސްޓޭޓް (އައިއެސް)އާ ގުޅުން ހުރި މީހާ ހުރީ ހެވިފަ އެވެ.
އުމުރުން 23 އަހަރުގެ ޑޯޑީ ސޫރިދީ ބުނީ ކޯޓުގެ ހުކުމް އޭނާ ގަބޫލްކުރާ ކަމަށެވެ. އޭނާގެ މައްޗަށް ވަނީ ޖަކާޓާގައި ގޮއްވި ބޮންތައް ތައްޔާރުކޮށް ދިނުމުގެ ކުށް ސާބިތުވެފަ އެވެ.
ޖަކާޓާގައި ދިން ޓެރަރިސްޓް ހަމަލާގައި އާއްމުންގެ ހަތަރު މީހުން ވެސް މަރުވި އެވެ. ފުލުހުން ދިން ހަމަލާތަކުގައި ވަނީ ޓެރަރިސްޓުންގެ ފަސް މީހުން މަރާލައިފަ އެވެ. އޭގެ ފަހުން ވަނީ މި ހާދިސާއާ ގުޅުން ހުރި 40 މީހުން ހައްޔަރުކޮށްފަ އެވެ. މިއީ އައިއެސް އިން ދެކުނު އިރުމަތީ އޭޝިއާގައި ދިން ފުރަތަމަ ހަމަލާ އެވެ. ނަމަވެސް އޭގެ ފަހުން އިންޑޮނީޝިއާ އަށް ވަނީ އައިއެސްއާ ގުޅުން ހުރި ހަމަލާތަކާ ކުރިމަތިލާން ޖެހިފަ އެވެ.
ސޫރިދީ ކޯޓުން ނެރެގެން ގެންދިޔަ އިރު ވެސް ދިޔައީ "ﷲ އަކްބަރު" ގޮވަމުންނެވެ. އަދި އޭނާ ހުރީ ހިނި އައިސްފަ އެވެ. ފަނޑިޔާރު އަޗުމަދު ފައުޒީ ވިދާޅުވީ ސޫރިދީގެ އަމަލުތައް ހުރި ގޮތުން ވަރަށް އުނދަގޫ ކަމަށާއި ގައުމަށް ގުޑުން އަރުވާލައިފި ކަމަށެވެ.