21 އޮކްޓޯބަރ 2016 - 09:39

އޮހާޔޯ (އޮކްޓޯބަރު 21) - އަންނަ މަހު ބާއްވާ އިންތިޚާބުން ކާމިޔާބު ލިބިއްޖެ ނަމަ ނަތީޖާ ގަބޫލް ކުރައްވާނެ ކަމަށް ރިޕަބްލިކަން ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
އޮހާޔޯގައި ބޭއްވި ކެމްޕޭން އެއްވުމެއްގައި ޓްރަމްޕް މިމޭރުމުން ވާހަކަ ދެއްކަވާފައިވާ އިރު ރިޔާސީ އެންމެ ފަހު ބަހުސްގައި ވަނީ އިންތިޚާބުގެ ނަތީޖާ ގަބޫލް ކުރައްވާނެ ކަމަށް ވިދާޅުވުމަށް ދެކޮޅު ހައްދަވައިފަ އެވެ. ޓްރަމްޕް މިހެން ވިދާޅުވީ އިންތިޚާބު ހިލަރީ ކްލިންޓަން ކާމިޔާބު ކުރައްވައިފި ނަމަ ނަތީޖާ ގަބޫލް ކުރައްވާނެތޯ މޮޑަރޭޓަރު ފޮކްސް ނިއުސްގެ ކްރިސް ވެލަސް ސުވާލު ކުރުމުންނެވެ.
ބަހުސް އަށް ފަހު ބޭއްވި ފުރަތަމަ ކެމްޕޭން އެއްވުމުގައި ޓްރަމްޕް ވިދާޅުވީ "ސާފު" ނަތީޖާ އޭނާ ގަބޫލް ކުރައްވާނެ ކަމަށާއި އެކަމަކު "ސުވާލު އުފެދޭ" ނަތީޖާއާ ދެކޮޅު ހައްދަވާނެ ކަމަށެވެ.
އިންތިޚާބުގެ ނަތީޖާ ގަބޫލްކުރަން ދެކޮޅު ހައްދަވާނެ ކަމުގެ މޭރުމަކުން ބަހުސްގައި ވާހަކަ ދައްކަވާފައިވާތީ ޓްރަމްޕަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވެފަ އެވެ.
ރިޕަބްލިކަން ޕާޓީގެ ކުރީގެ ރިޔާސީ ކެންޑިޑޭޓް ސެނޭޓާ ޖޯން މެކޭން ނެރުއްވި ބަޔާނެއްގައި ވަނީ ބަހުސްގައި ޓްރަމްޕް ދެއްކެވި ވާހަކަތަކަށް ދެކޮޅު ހައްދަވައިފަ އެވެ. މީގެ އަށް އަހަރު ކުރިން ރައީސް ބަރަކް އޮބާމާއާ ވާދަކުރައްވާ ނާކާމިޔާބުވެވަޑައިގެންނެވި މެކްކޭން ވިދާޅުވީ 2008 ވަނަ އަހަރުގެ ނަތީޖާއާ މެދު އޭނާ ވެސް ހިތްހަމަޖެހިވަޑައިނުގަންނަވާ ކަމަށެވެ.
"އެކަމަކު ބަލި ގަބޫލް ކުރުމަކީ އަޅުގަނޑުގެ ވާޖިބެއް. ފަސް ޖެހުމެއް ނެތި އަޅުގަނޑު އެކަން ކުރިން،" މެކްކޭން ވިދާޅުވި އެވެ. "ބަލިވީމާ ބަލި ގަބޫލް ކުރުމަކީ އެމެރިކާގެ ކޮންމެ ލީޑަރެއްގެ ވެސް ޒިންމާއެއް."
އޮހާޔޯގައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ އޭނާ އަށް ވޯޓުލާން ތިބި މީހުންނާއި ސަޕޯޓަރުންނާއި އަދި އެމެރިކާގެ އެންމެހާ ރައްޔިތުންނަށް ވައުދުވަނީ މި ތާރީޚީ އިންތިޚާބުގެ ނަތީޖާ އޭނާ ގަބޫލް ކުރައްވާނެ ކަމަށެވެ. އެއީ އޭނާ އަށް ކާމިޔާބު ލިބިއްޖެ ނަމަ އެވެ.
"އަޅުގަނޑު ގަބޫލް ކުރާނީ ސާފު ނަތީޖާއެއް. އިންތިޚާބުގެ ނަތީޖާއާ މެދު ސުވާލު އުފެދޭ ނަމަ އެކަމާ ދެކޮޅު ހެދުމަކީ އަޅުގަނޑުގެ ހައްގެއް. އަދި ކޯޓަށް ވެސް ދާނަން،" ޓްރަމްޕް ވިދާޅުވި އެވެ.